"އިރާދަކުރެއްވިއްޔާ ޕީޖީގެ މަގާމުގައި އެމަނިކުފާނުގެ ރޯލު މިނިވަންކަމާއެކީގަ އަދި ޕްރޮފެޝަނަލީ ކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެ،" ހީނާ ވިދާޅުވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަނު ކުރެއްވި އައްބާސް ޝަރީފަށް ސަރުކާރުގެ ފަރާތުން އެއްވެސް ނުފޯޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރިއިރު އޭނާ ހުންނެވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓުގެ މަގާމުގަ އެވެ. އެހެންކަމުން އެއްވެސް ނުފޫޒެއް ފޯރާނެތޯ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސުވާލުކޮށްފަ އެވެ.
ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ މީގެ ކުރިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ ބޭފުޅުންތަކެއް ތިއްބެވި ކަމަށާއި، އޭގެ މާނައަކީ އޭގެ ސަބަބުން އެ ކޮމިޝަނަށް ނުފޫޒު އޮތްތޯކަން ސުވާލު އުފައްދަވާފަ އެވެ.
"ކުރީގަ ރައްޔިތުންގެ މަޖިލީހުގެ ރައީސް [މުހައްމަދު ނަޝީދު]، އޭރުގެ އެމްޑީޕީގެ ރައީސަކަށް ވެސް ހުންނެވީ އެމަނިކުފާނު. އަދި އޭގެ އިތުރުން އެމްޑީޕީގެ އިސް ސަފުގަ ހަރަކާތްތެރިވެވަޑައިގަންނަވާ ވަރަށް ގިނަ ބޭފުޅުން، މިސާލަކަށް ރައްޔިތުންގެ މަޖިލީހުގަ މެންބަރެއްގެ ގޮތުގަ [އޭރު] ހުންނެވި ހިސާން ޖޭއެސްސީ ތަމްސީލު ކުރެއްވި. އެހެންވީމަ ޖޭއެސްސީގެ ކޮމްޕޮޒިޝަންއަށް ބައްލަވާލެއްވީމަ އަޅުގަނޑުމެންނަށް ތި ސުވާލުން މިސާލަކަށް އެ ދޭހަވަނީތޯ ޖޭއެސްސީއަށް ނުފޫޒު ފޯރުވިއްޔޭތޯ؟" ހީނާ އެއްސެވި އެވެ.
ހީނާ ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އައްޔަނު ކުރާ ބޭފުޅުންނަކީ މިނިވަންކަމާ އެކީގައި މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވޭނެ ބޭފުޅުން ކަމަށެވެ. އެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ނުފޫޒެެއް މި ސަރުކާރުގައި ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ޕީޖީގެ މަގާމުގައި އެމަނިކުފާނުގެ ރޯލު މިނިވަންކަމާއެކީގަ އަދި ޕްރޮފެޝަނަލީ ކުރެއްވުމުގެ ފުރުސަތު ލިބިގެންދާނެ،" ހީނާ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އައްބާސް އަކީ ޕީޖީގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ. އެ ދާއިރާގެ ތަޖުރިބާއާއި ހުނަރު ހުންނެވި ވަރަށް ޕްރޮފެޝަނަލް ބޭފުޅެއް ކަމަށެވެ.