"އެއީ ރައްޔިތުންގެ ބޭންކު،" ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެ ފަދަ އަމަލެއް ސަރުކާރުން ނުކުރުމަށް އިލްތިމާސް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓު ނިންމަވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިތުބާރު ގެއްލޭ ފަދަ ކަމެއް ސަރުކާރުން ކޮށްގެންނުވާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްއިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ޑެބިޓު އަދި ކްރެޑިޓު ކާޑުތަކުން ބޭރު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭ ގޮތަށް ބޭންކުން ހެދުމުން ބޭންކާއި އިދިކޮޅު އެމްޑީޕީ ޝާމިލުވެގެން ބަޣާވާތެއް ކުރަން އުޅުނުކަމަށް ސަރުކާރުން ތުހުމަތުކުރި އެވެ.
އެ ތުހުމަތާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގެއް ފެށިކަން އިއުލާނުކުރި އެވެ. ނަމަވެސް މިހާތަނަށް އެ ތަހުގީގުގައި ހޯދުނު ހޯދުންތަކާ ގުޅޭ އެއްވެސް ތަފުސީލެއް އެ ހިދުމަތުން ހިއްސާކޮށްފައިނުވެ އެވެ.
މިއަދު ކުއްލި ގޮތަކަށް ބީއެމްއެލްއާ ގުޅޭ ގޮތުން ރައީސް ސޯލިހު އެކްސްގައި ޕޯސްޓެއް ޝާއިއުކުރެއްވި ސަބަބެއް ސާފުނުވެ އެވެ. ނަމަވެސް އިއްޔެ ސަރުކާރުންވަނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނުގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހްމަދު ހަބީބު އައްޔަންކުރަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ.
ސޯލިހު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށެވެ. އަދި ބޭންކަަށް އަބަދުވެސް ހުރިހާ އެންމެންގެ އިތުބާރު އޮންނަންވާނެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ސަރުކާރުންވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލޭ ފަދަަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލުމަކީ މުޅި މުޖުތަމައަށް ލިބޭނެ ބޮޑު ދެރައެއް ކަމުގައިވެސް ސިފަކުރެއްވި އެވެ.
"އެއީ ރައްޔިތުންގެ ބޭންކު،" ބީއެމްއެލްއަށް އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެ ފަދަ އަމަލެއް ސަރުކާރުން ނުކުރުމަށް އިލްތިމާސް ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓު ނިންމަވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.