އެ މަގާމަށް އައްބާސް އައްޔަނު ކޮށްފައި ވަނީ އިއްޔެ މަޖިލީހުން ރުހުން ދިނުމުންނެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފައި ވަނީ 85 މެންބަރުންގެ ވޯޓުންނެވެ.
ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޓެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަނު ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް، އައްޔަންކުރެއްވި އައްބާސްއަށް މަގާމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންއެވެ. އޭނާއަށް މަގާމުގެ ފަތްކޮޅު އެރުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަމީމުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އޭނާ ޕީޖީގެ މަގާމުން ވަކިކުރުމަށް މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އޭނާ މަގާމުން ވަކިކުރުމުގެ ވޯޓު މަޖިލީހުގެ ތަޅުމުގައި ނަގައި ޕީޖީކަމުން ޝަމީމު ދުރުކުރަން މަޖިލީހުން ފާސްކުރި އެވެ.
ޕީޖީގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަގާމަށް އައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ފޮނުއްވާފައިވަނީ އައްބާސްގެ ނަންފުޅެވެ.
އެ މަގާމަށް އައްބާސް އައްޔަނު ކޮށްފައި ވަނީ އިއްޔެ މަޖިލީހުން ރުހުން ދިނުމުންނެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފައި ވަނީ 85 މެންބަރުންގެ ވޯޓުންނެވެ.
އައްބާސް ވަނީ ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރު ކަމާއި، 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.