ޓްރަމްޕު ވިދާޅުވީ އިންޑިޔާއަކީ އެމެރިކާއާއި އެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުމުގެ ނާޖާއިޒު ފައިދާ ނަގާ ގައުމެއް ކަމަށެވެ. އަދި ފެށޭ ހަފުތާ އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާނެ ކަމަށެވެ.
އަންނަ ހަފުތާ އިންޑިޔާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާ ބައްދަލުކުރައްވާނެކަމަށް އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑް ޓުރަމްޕު ވިދާޅުވެއްޖެ އެވެ.
ނޮވެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް މިޗިގަންގެ ފްލިންޓް ސިޓީގައި ބޭއްވެވި ހަރަކާތެއްގައި ވާހަކަދައްކަވަމުން ޓްރަމްޕު ވިދާޅުވީ އިންޑިޔާއަކީ އެމެރިކާއާއި އެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުމުގެ ނާޖާއިޒު ފައިދާ ނަގާ ގައުމެއް ކަމަށެވެ. އަދި ފެށޭ ހަފުތާ އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާނެ ކަމަށެވެ.
މޯދީއާ ބައްދަލުކުރައްވާނެކަމަށް ވިދާޅުވި ނަމަވެސް އެ ބައްދަލުވުން އޮންނާނެ ތަނެއް ޓުރަމްޕު ހާމަނުކުރައްވަ އެވެ.
ހިނގަމުންދާ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު އޮސްޓްރޭލިއާއާއި ޖަޕާނާއި އިންޑިޔާގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ސަަމިޓެއް އިންޑިއާނާގައި ރައީސް ޖޯ ބައިޑަން ބާއްވަވަން ނިންމަވާފައިވެ އެވެ. އިންޑިޔާއަކީ ޗައިނާގެ ނުރައްކަލުން ދަފަރާވުމަށް އެމެރިކާއިން މިހާރު އެންމެ ބޮޑަށް ބަރޯސާވާ ބައިވެރިޔާ އެވެ.
ފާއިތުވި މުއްދަތުގައި ބައިޑެންގެ ދައުވަތަށް އަދި އެކި ސަމިޓުތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ދަތުރުފުޅުގެ ހަވާސަގައި ޓުރަމްޕާވެސް ބައްދަލުކުރައްވަމުންނެވެ. ނޮވެންބަރު އޮންނަ އިންތިހާބުގައި ޓުރަމްޕު ވާދަކުރައްވާނީ ބައިޑަންގެ ނައިބުރައީސް ކަމާލާ ހެރިސްއާ އެވެ.
އިންޑިޔާއިން އެމެރިކާއާ އެގައުމުގެ ވިޔަފާރީގެ ގުޅުމުން ނާޖާއިޒު ފައިދާ ހޯދާކަމަށް ވިދާޅުވި ނަމަވެސް ޓުރަމްޕު ސިފަކުރެއްވި ގޮތުގައި މޯދީއަކީ ވަރަށް ރަނގަޅު ބޭފުޅެކެވެ.
ޓުރަމްޕު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވިއިރު އޭނާއާ މޯދީގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތެވެ. މޯދީގެ ވެރިކަމުގައި 2020 ވަނަ އަހަރު އިންޑިޔާއަށް ޓުރަމްޕު ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވުމަށް މޯދީވަނީ ބޮޑު އެއްވުމެއް ބާއްވަވާފަ އެވެ.
2019 ވަނަ އަހަރު މޯދީ އެމެރިކާއަށް ވަޑައިގަތުމުން "ހައުޑީ، މޯދީ"ގެ ނަމުގައި ޓެކްސަސްގައި 50،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ހަރަކާތެއް ޓުރަމްޕު އިންތިޒާމު ކުރެއްވި އެވެ. އެ ހަރަކާތުގައި ދެ ލީޑަރުންވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަަށް ބޮޑަށް ތާރީފު ކުރައްވާފަ އެވެ.