ހީނާ ވަލީދު ވިދާޅުވީ އެއްވެސް ރަށެއް ފަޅުކޮށް އެހެން ރަށަކަށް ހިޖުރަކުރަން ބަޔަކަށް މި ސަރުކާރުން މަޖުބޫރު ނުކުރާނެ ކަމަށެވެ.
އެއްވެސް ރަށެއް ފަޅުކޮށް އެހެން ރަށަކަށް ހިޖުރަކުރަން ބަޔަކަށް މަޖުބޫރު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނީ މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކާއި ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެއްވެސް ރަށެއް ފަޅުކޮށް އެހެން ރަށަކަށް ހިޖުރަކުރަން ބަޔަކަށް މި ސަރުކާރުން މަޖުބޫރު ނުކުރާނެ ކަމަށެވެ.
އަދި ހިޖުރަ ކުރަން ބޭނުންވެގެން އެދިއްޖެނަމަ އެކަން ކޮށްދެވޭނެ ގޮތެއް އޮތްތޯ ސަރުކާރުން ބަލާނެ ކަމަށް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ތަރައްގީ ލާމަރުކަޒު ކުުރުމުގެ ސިޔާސަތެއް އޮތްކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލަން ނިންމާފައިވާ ނިންމުމުގެ ތެރެއިން އެފަދަ މުހިންމު ކަންކަމަށް ރައްޔިތުންގެ މަޝްވަރާއާއެކު ގޮތްތަކެއް ނިންމިގެންދާނެ ކަމަށެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން ވަނީ އެ ރަށުން ފައިބާ ތަރައްގީއާ ހިދުމަތުގެ ފަސޭހަ ފުރުސަތުތަކެއް ހުރި ރަށަކަށް ބަދަލުވާން ބޭނުންވާ ކަން ސަރުކާރަށް އަންގާފަ އެވެ. އެ ރަށު ކައުންސިލުން ވަނީ ރައްޔިތުންގެ އެދުމުގެ މަތީން ހދ. ހަނިމާދޫ ކައުންސިލާއި ކ. ތުލުސްދޫ ކައުންސިލާ މަޝްވަރާ ކުރަން މަސައްކަތް ކޮށްފަ އެވެ. ތުލުސްދޫ ކައުންސިލުން ވަނީ ރައްޔިތުންނާ މަޝްވަރާކޮށް ހިރިމަރަދޫ ރައްޔިތުންނަށް މަރުހަބާ ކިޔަން ތައްޔާރަށް އޮތްކަން ހާމަކޮށްފަ އެވެ.
މ އަތޮޅުގެ އެންމެ އާބާދީ ކުޑަ ރަތްމަންދޫ ރައްޔިތުން ވަނީ އެ ރަށުން ފައިބާ ތަރައްގީއާ ހިދުމަތުގެ ފަސޭހަ ފުރުސަތުތަކެއް ހުރި ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފަ އެވެ.