ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 61

"ކިހިނެއްވީ އީމާ؟" އީމާ އިންތިހާއަށް އުފާވެފައި ހުރުމުން ހައިރާންކަމާ އެކުގައި ވާރިޝް އަހާލިއެވެ. "ހެލޯ ބައްޕާ..." އީމާ ހިނިތުންވެލަމުން ގޮވާލިއެވެ. "ބައްޕާ އޭ؟" ވާރިޝްއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ.

- އެޕިސޯޑް 61 –

ވާރިޝްގެ ދެލޯ ވަނީ ބޮޑު ވެފައެވެ. ކަޅި ޖަހާ ނުލައި ވާރިޝް ބަލަން ހުރީ ސީދާ އީމާގެ މޫނަށެވެ. ކޮޓަރީގެ ދޮރުމަތީގައި ހުއްޓިގެން ހުރި އީމާގެ ތުންފަތުން ވަނީ ފުޅާ ހިނިތުންވުމެއް ފައުޅުވެފައެވެ.

"އާނ! ބައްޕާ އޭ.. ވާރިޝް ބައްޕަ އަކަށް ވަނީ އޭ..."

އީމާގެ ޖުމުލައާ އެކުގައި ވާރިޝްއަށް ލިބުނީ ކުއްލި ޝޮކެކެވެ. ޤަބޫލު ކުރަން ބޭނުން ނުވިޔަސް، އެ ޙަޤީޤަތް ޤަބޫލު ކުރުން ނޫން އިތުރު ގޮތެއް ވާރިޝް އަކަށް ނެތެވެ. ވާރިޝް ނިންމައިގެން ހުރީ، ދަރިއަކު ހޯދާނީ ފަހުން ކަމާއި އަދި އަވަހަކަށް ދަރިއަކު ނުހޯދާނެ ވާހަކަ އީމާއާ ހިއްސާ ކުރާށެވެ. ނަމަވެސް ކުރިން އެ ގޮތަށް ކަންތައް ތަކެއް ހިނގާފައި އޮތުމުން، ދެން ފަހުން ވިސްނައިގެން އުޅެން ވާރިޝް ހުރީ ބޭނުން ވެފައެވެ. ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ.

އީމާ އަށް ކަމެއް ޝައްކު ވެދާނެތީ ވާރިޝް ހީނލިއެވެ. ގަދަ ކަމުންނެވެ. ނަމަވެސް ވާރިޝްގެ މޫނުމަތިން އެއްވެސް ވަރަކަށް އެކަމާ އުފާވެ، ނުވަތަ ހިތްހަމަޖެހިފައިވާހެން ހީއެއް ނުވެއެވެ.

"އަޅެ ވާރިޝް ތިހުރީ އުފަލުންތަ؟"

އެންެމެ ފަހުން އީމާއަށް ކަމެއް ހީވެގެން އެހެން އަހާލީ ކޮޓަރިއަށް ވަންނަން ހިނގައިގަންނަމުންނެވެ.

"ވައި ނޮޓް؟ ވަރަށް ވަރަށް އުފާވެފަ މިހުރީ.. ލިބުން ޝޮކަކުން ބަސް ހުއްޓުނީ.."

ވާރިޝް ވަރަށް ލޯބިން އީމާގެ ގައިގައި ބައްދާލިއެވެ.

"ޝޮކެއް ނުވޭތަ މި ވޭތުވެ ދިޔަ ރޭތަކު އަހަންނަށް ކޮށްލި ވަރުން.."

ވާރިޝްގެ މޭގެެ ތެރެއަށް ބޯލައިިގެން ހުރެ ސަމާސާ ރާގެއްގައި އީމާ އަހައިލިއެވެ. ވާރިޝް ޖަވާބުގައި ހިނިގަނޑެއް ޖަހާލީއެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ޝަރާ ގެއަށް ދޫކޮށްލުމުން އޭނާ މިހާރު އުޅެނީ ލީޒާ ދިރިއުޅޭ ތަނުގައެވެ.

"ދާއިން.. ނުދަންތަ ޑިއުޓީއަށް؟"

ޝަރާ ބަލައިލީ ކޮޓަރީގައި ހުރި ދާއިން އަށެވެ. ޝަރާ ގެއަށް ދޫކޮށްލި އިރުންސުރެ ދާއިން އަދިވެސް ހުރީ އެ ކޮޓަރީގައެވެ. ޝަރާ އާއި ބޭބީއާ އެކުގައެވެ.

"އާނ! މިއަދު ނުދަން.."

ދާއިން ބަލައިލީ ކޮޓަރީގަ ހުރި އަލަމާރި ކައިރީގައި ކޮޅަށް ހުރި ޝަރާއަށެވެ.

"އެއީ ކީއްވެ؟" ޝަރާ އަހައިލިއެވެ.

"އަހަރެން ފޮނުވާލަންތަ ތި އުޅެނީ؟ އަހަރެންނަށް ލިބޭ ހަމައެކަނި އުފަލަކީ މިތަނުގަ މި ގޮތަށް މަޑުކޮށްލެވުން.. އެ އުފާ ވެސް ފޭރިގަންނަން ދޯ؟ ހައްހައްހާ.."

ދާއިން ހިނިގަނޑެއް ޖަހާލަމުން ވާހަކަދެއްކިއެވެ.

"އަޅެ އަހަރެން އެބަ އުޅެންތަ ދާއިން ފޮނުވާލަން؟ ދާއިން ޑިއުޓީ ވެސް އޮންނާނެތީ ދޯ މި ބުނީ.. އަހަންނަށް ވެސް ރަނގަޅު ދާއިން ހުރީމަ... އެކަނި ނުވާނެއްނު!" ޝަރާ ބުނެލިއެވެ.

ދާއިން ލުއިކޮށް ހީނލަމުން ހިފައިލީ އެނދުގައި އޮތް ކުޑަ ކުޑަ ތުއްތު ބޭބީގެ އަތުގައެވެ.

ދާއިން އޭނާގެ ހަތަރުކަޅި އަމާޒް ކޮށްލީ އެ މައުސޫމް ފުރާނަ އަށެވެ. އެއީ ހަމަ އަޔާޒެވެ. ޤުދުރަތުގެ ބާރު ކިތަންމެހާ ވެސް މަތިވެރިއެވެ. އެ މޫނަށް ބަލާފައި އެއީ އަޔާޒްގެ ދަރިއެއްކަން މުޅި ދުނިޔެ ހެކި ވާނެއެވެ. ދާއިން އާއި އަޔާޒްއާ ދިމާވި ވާހަކަ އާއި، އަޔާޒް މިކޮޅުގައި އުޅޭ ވާހަކަ ބުނަން ދާއިން އިންތިހާއަށް ބޭނުން ވެއެވެ. ނަމަވެސް ޝަރާ އެކަމާ އަނެއްކާ ވިސްނާ އިތުރަށް ފިކުރު ކޮށްފާނެތީ އެ ވާހަކަ ދައްކަން ބޭނުން ނުވީއެވެ. ލީޒާގެ މަޝްވަރާގެ މަތިންއާ އެކުގައެވެ.

***

ރޭގަނޑުގެ ހިމޭން ވަގުތެވެ. ގަދަ ނިދީގައި އިމާ އޮތް އިރު ނިދީގެ އެއްވެސް އަސަރެއް ވާރިޝްގެ ދެ ލޮލުން ނުފެނެއެވެ. ނިތްކުރީގައި އަތް ބާއްވާލައިގެން ވާރިޝް ބަލަން އޮތީ ކޮޓަރީގެ ސީލިންގއަށެވެ. އީމާ ބަލިވެ އިން ވާހަކަ އަޑު އެހި ފަހުން ވާރިޝްއަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. ބޮލުގައި ރިއްސަނީއެވެ. އެ ޚަބަރު ސުހާއަށް ދޭނެ ގޮތެއް ވެސް ވާރިޝްއަކަށް ނޭނގެއެވެ. އެއީ ސުހާއަށް އެތައް އުއްމީދެއް ވާރިޝްއަށް ދެވިއްޖެއެވެ. ދަރިއަކު އީމާގެ ފަޅިން ނުހޯދާނެ ކަމަށް ވެސް ބުނެވުނެވެ. އަދި ގޮތެއް ނެތް ޙާލުގައި އީމާ އާއި އަޔާޒް މަރާލަން ވެސް ރޭވުނެވެ.

ނަމަވެސް ކޮންމެ ގޮތެއް ވިޔަސް، ވާރިޝްއަކަށް ދެން އީމާއަކަށް ދެރައެއް ދޭކަށް ނުކެރޭނެއެވެ. އީމާގެ ބަނޑުގައި ވަނީ ވާރިޝްގެ ދަރި އެކެވެ. އަނެއްކޮޅުން ސުހާގެ ބަނޑުގައި ވެސް ވާރިޝްގެ ދަރި އެކެވެ. މި ޚަބަރު ސުހާއަށް ލިބެއްޖިއްޔާ އޭނާ ވަރަށް ދެރަ ވާނެއެވެ. ރޯނެވެ. އެއްވެސް ޙާލެއްގައި ސުހާ ދޫކޮށްލާކަށް ވާރިޝް ބޭނުމެއް ނުވެއެވެ. ވާރިޝްގެ ޙަޤީޤީ ލޯބިވެރިޔަކީ ސުހާ އެވެ. ސުހާ ނޫން މީހެއް މިހާރު ވާރިޝްގެ ހިތުގައި ވެސް ނެތެވެ. 

ނަމަވެސް އީމާގެ ބަލިވެ އިނުމާ ގުޅިގެން ވަރަށް ގިނަ ކަންކަން ބަދަލު ވެގެން ދިޔުން ގާތެވެ. ސުހާއާ އެކުގައި ފަށަން ރޭވި އައު ޙަޔާތަށް މިކަމުން އެތައް ބުރެއް އަރާނެއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގޭ ޙާލުގައި ވާރިޝްގެ ސިކުނޑި ސުމަކަށް ދާވަރު ވެއްޖެއެވެ.

ކޮންމެ ގޮތެއް ވިޔަސް މިއީ ސިއްރު ކުރެވޭނެ ވާހަކައެއް ނޫނެވެ. ސުހާއަށް މިކަން އަންގަން ޖެހޭނެއެވެ. މި ޚަބަރު އިވިފައި ސުހާއަށް ވާނެ ގޮތް އަަންދާޒާ ކޮށްލުން ވެސް ވާރިޝްއަށް ވީ ދަތި ކަމަކަށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.