"ސްޓޫޑެންޓް ލޯނު ހުރިހާ ކުދީންނަށް ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް ލިބެމުންދާނެ ކުރީން ވެސް ލިބެމުންދާ ގޮތަށް އެއްވެސް ކަހަލަ ދައްޗެއް ނެތި،"
ދަރިވަރުންގެ ލޯނު ކަންކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމެއް ކަމަށާ ކުރިއަށް އޮތްތާވެސް އެއްވެސް ދައްޗެއް ނެތި ސްޓޫޑެންޓް ލޯނު ލިބެމުންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނެފައި މިވަނީ އަލަށް ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ސަރުކާރުން އެންމެ އަހަންމިއްޔަތުކަން ދޭ އެއްކަމަކީ ދަރިވަރުންގެ ލޯނުގެ ކަންކަން ކަމަށެވެ. ހާއްސަކޮށް ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމަށެވެ.
"ސްޓޫޑެންޓް ލޯނު ހުރިހާ ކުދީންނަށް ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި ވެސް ލިބެމުންދާނެ ކުރީން ވެސް ލިބެމުންދާ ގޮތަށް އެއްވެސް ކަހަލަ ދައްޗެއް ނެތި،" ހީނާ ވިދާޅުވި އެވެ.
އަލަށް ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވާއިރު މިދިޔަ ސަރުކާރުގައި ލޯނު ލިބި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ގަވާއިދުން ލޯނު ފައިސާ ނުލިބޭތީ ޝަކުވާ ކުރެ އެވެ.
ކުރީ ސަރުކާރެކޭ އެއްގޮތަށް މި ސަރުކާރުން މި ފަހަރު ނިންމީ ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށެވެ.