ވަރަށް ދިގުކޮށް އައްބާސްއާ އިންޓަވިއު ކުރުމަށްފަހު މެންބަރުން އޭނާއަށް ވަނީ 93.91 ޕަސެންޓް މާކްސް ދީފަ އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރަން ފާސްކޮށްފައި ވަނީ ކޮމެޓީގެ އިއްތިފާގުންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ރުހުން ދީފި އެވެ.
ޕީޖީގެ މަގާމު ހުސްވުމާއެކު އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ އައްބާސްގެ ނަންފުޅެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން، މިއަދު ވަނީ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުކޮށް އިންޓަވިއުކޮށްފަ އެވެ.
ވަރަށް ދިގުކޮށް އައްބާސްއާ އިންޓަވިއު ކުރުމަށްފަހު މެންބަރުން އޭނާ ވަނީ 93.91 ޕަސެންޓް މާކްސް ދީފަ އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަނު ކުރަން ފާސްކޮށްފައި ވަނީ ކޮމެޓީގެ އިއްތިފާގުންނެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް މާދަމާ ވަނީ ދައުރުން ބޭރުން މަޖިލީސް ޖަލްސާއެއް ތާވަލުކޮށްފަ އެވެ. މަޖިލީހުން ނަން ފާސްކުރުމުން، އެ މަގާމަށް އޭނާ އައްޔަނު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން އައްބާސް މިއަދު ވަނީ މަގާމުގެ ޒިންމާތައް ނުފޫޒެއްނެތި އިހުލާސްތެރިކަމާއެކު އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެއްވެސް ޕްރެޝަރަކަށް އަދި ބިރަކަށް ނުލެނބޭނެ ކަމަށާއި، އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް މައްސަލަތަކުގައި ގޮތް ނިންމަވާއިރު ނުބައްލަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
"ހަމަ އެ ސްޕިރިޓްގަ އަޅުގަނޑު ކުރިމަތިލާފަ މިހުރީ. އަޅުގަނޑު ގަބޫލުކުރަން ރިއަލިޓީއަކީ ފޯނު އަންނާނެ، ބައްދަލުކުރަން ވެސް ބޭނުންވާނެ. އެއީ ދިވެހިން ވީމަކާއެއް ނޫން، މުޅި ދުނިޔޭގަ ވެސް އެކަން ހިނގާނެ ގޮތް،" އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.