ދިހަ މަސް؛ ކެންސަރު ބަލީގައި ދެބަފައިން ނިޔާވެ ބޮޑު ހިތްދަތި ކަމެއް

ޝާރިފްގެ ބައްޕަ ނިޔާވީ މީގެ 10 މަސް ދުވަސްކުރީންނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކުއްލިއަކަށް ޝާރިފް ބަލިވި އެވެ. ބަލީގެ ސަބަބު ދެނެގަނެވުނުއިރު އެއީ އޭނާގެ ބައްޕަ ވެސް ވަކިވުމުގެ އަސްލު ކަމުގައިވި ކެންސަރު ބައްޔެވެ.

މުހައްމަދު ރަޝާދު (ކ) އޭނާގެ ދަރިފުޅު އަލީ ޝާރިފް: ދެ ބަފައިން ނިޔާވީ ކެންސަރު ބަލީގައި

ކެންސަރު ބަލީގެ ވޭނުގައި އުޅެމުންދާ އެތައް ބަޔަކު މިކުޑަކުޑަ މުޖްތަމައުގައި ވެ އެވެ. ކޮންމެ ދުވަހަކީ އެ ބަލީގެ ޝިކާރައަކަށް އިތުރު ބަޔަކުވާ ދުވަހެކެވެ. ކެންސަރުގެ ވޭނީ / ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް ކޮންމެ ދުވަހަކު ހެން އަޑުއިވެ އެވެ. ބައެއް މީހުންގެ ފަރުވާގެ ދުވަސްތަކުގެ ހިތްދަތި ތަޖުރިބާތަކެވެ. އަނެއް ބަޔަކު އެ ބައްޔާ ހަނގުރާމަކޮށް ވަކިވެގެންދާ ދިއުމުގެ ވާހަކަ އެވެ. އިއްޔެ އަކީ ވެސް އެފަދަ ދުވަހެކެވެ. ޒުވާން އުމުރުގައި ކެންސަރު ބަލީގައި އެ ޒުވާނާ ނިޔާވީ އެވެ.

ކެންސަރު ބަލީގައި ނިޔާވީ ބ. އޭދަފުއްޓަށް ނިސްބަތްވާ އަލީ ޝާރިފް އެވެ. އެއީ އަބަދުވެސް އުފާވެރި / ހިނިތުންވެފައިވާ މޫނަކާ އެކު މީހުންނާ ބައްދަލުކުރި ހެޔޮ ލަފާ ޒުވާނެކެވެ. އެކުވެރީންނާ ވަރަށް ގުޅޭ އެހާމެ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ.

ޝާރިފްގެ ވަކިވުމާއެކު އާއިލާއަށް ލިބިފައިވާ ހިތާމަ ދެގުނަވީ އެވެ.

ޝާރިފްގެ ބައްޕަ ނިޔާވީ މީގެ 10 މަސް ދުވަސްކުރީން، މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ޝާރިފްގެ ބައްޕަ ނިޔާވީ ވެސް ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް އުޅުމަށްފަހުގަ އެވެ. އޭނާގެ ބައްޕަ، މުހައްމަދު ރަޝާދަކީ ޓޫރިޒަމް ދާއިރާއަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ އެ ދާއިރާގެ ބޮޑު ހިދުމަތްތެރި އެކެވެ.

ބައްޕަގެ ފަރުވާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުނު އެކަކީ ޝާރިފެވެ. ބައްޕަގެ ކުރީގެ ދިރިއުޅުމަށް އާދެވޭނެ ކަމުގެ އުންމީދާއެކު ޝާރިފް ގެންދިޔައީ ބައްޕައަށް ހިތްވަރު ދެމުންނެވެ. 

ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ކުއްލިއަކަށް ޝާރިފް ބަލިވި އެވެ. ބަލީގެ ސަބަބު ދެނެގަނެވުނުއިރު އެއީ އޭނާގެ ބައްޕަ ވެސް ވަކިވުމުގެ އަސްލު ކަމުގައިވި ކެންސަރު ބައްޔެވެ. ބަލި ޖެހިފައި ހުރިކަން އެނގުނުއިރު ކެންސަރުގެ އެންމެ ފަހު ސްޓޭޖަށް ވަނީ ގޮސްފަ އެެވެ.

"ޝާރިފް އޭރު ބަލިހެނެއްވެސް ހީއެއްނުވޭ. ވަރަށް ރަނގަޅަށް ހަމަ ގަދަފަދަކޮށް ހުރީވެސް. ކުއްލިއަކަށް އޭނާ ބަލިވި ހަބަރު ލިބުނީ. ކެންސަރު ބަލިކަން އެނގުނު އިރު އެންމެ ފަހު ސްޓޭޖުގަ ކަމަށް ވަނީ ހުރީ. ދެން އޭރުއްސުރެ ފަރުވާކުރި،" އޭނާ ދަންނަ މީހަކު ކިޔައިދިނެވެ.

ޝާރިފް އަށް ކެންސަރުޖެހިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދި އެވެ. އެހެން ދޭނެ އިތުރު ފަރުވާއެއް ނެތި ޑޮކްޓަރުންގެ އުންމީދު ގެއްލުމުން އޭނާ މާލެ ގެނައިތާ މާގިނަ ދުވަސް ތަކެއް އަދި ނުވެ އެވެ.

ޝާރިފް ނިޔާވުމުގެ ކުރިން އޭނާގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެކި މީހުންނާއި މަރު އައިސް ކުރިމަތިވަމުންދާނެ ކަމަށާ މާތް ﷲ އަހަރެމެން އެންމެނަށް ހެޔޮ ގޮތް މިންވަރު ކުރުމަށް ދުއާ ކުރާ ކަމަށެވެ. އެއަށްވުރެ ކުރިން އޭނާ ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ހިތުގައި އެއްވެސް މީހަކަށް ހަސަދަވެރިކަމެއް، އަދި ނަފްރަތްތެރި ކަމެއް ނެތް ކަމަށެވެ. އޭނާގެ ހިތް ސާފު ކަމެވެ. މާދަމާވެސް މި ފަނާވެނި ދުނިޔެއަށް ވަކިވެދާން ޖެހިދާނެ ކަމެވެ. އެހެން ކަމުން އެންމެން ވެސް ހިތްހެޔޮ ކުރުމަށެވެ.

ޝާރިފަކީ އޭނާގެ މަންމަ އާއި ބައްޕައަށް ލިބުނު ދެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.