ދިވެހިރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ދާތަން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އދގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއިން މިއަދު ފެންނަނީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކާއި ދުރަށް ދާތަނެވެ.
އެއީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާއި ތަރައްގީ ވަނީ ގުޅިލާމެހިފައި ކަމަށެވެ.
އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީގައި ހޯދުމުގެ ކާމިޔާބީތަކާއި ދުރަށް ނުދިޔުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.