މާތްﷲގެ ތަނަވަސް ރަހްމަތްފުޅުން ދިވެހިރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމާ މެދު މި ޕާޓީން ޝައްކެއް ނުކުރަމެވެ،" ޕީއެންސީގެ ބަޔާނުގައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތު ގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާ އެކު ރާއްޖޭގެ ތާރީހު ގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއް ކަަމަށް ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިންް ބުނެފި އެވެ.
ޕީއެންސީން މިހެން ބުނީ ބައިނަލްއަގްވަމީ ފެންވަރުގައި ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތު ގައި ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޑިމޮކްރެސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކޮށް އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަ އުސޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ކޮންގްރެސް ޕާޓީން ޝުކުރު ދަންނަވާ ކަމަށެވެ.
އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރެވުނުތާ 16 އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަންޖެހޭ މުހިއްމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވިފައިވީ ނަމަވެސް އެފަދަ އިސްލާހުތައް ގެނައުމުގެ މަސައްކަތް އޮތީ ނުކުރެވި ކަމަށް ބުންޏެވެ.
"ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގެންނަންޖެހިފައި ހުރި މުހިއްމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވެ،"
އެގޮތުން އަހަރުން އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލު ކުރުމާއި ބޮޑެތި އިންތިހާބުތައް ވަކިވަކިން އޮތުމުގެ ބަދަލުގައި އިންތިހާބުތައް އެއް ތާރީހެއްގައި ބާއްވާ ގޮތަށް ނިޒާމު ބަދަލު ކުރުން ފަދަ ދައުލަތުގެ ހިންގުން ހަރުދަނާކުރަން ކުރަންޖެހިފައި ހުރި މުހިއްމު މަސައްކަތްތައް ކުރަން އެމަނިކުފާނު ނިންމާފައިވާ ކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެކަންކަމަކީ ދުރު ރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންތައްތަކެއް ކަމުގައި ގަބޫލުކުރާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާ އެގޮތުން ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށް ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭކަން ކަށަވަރު ކޮށްދީފައިވާކަން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި ފިކުރާ އެއްގޮތަށް، ދިވެހިރާއްޖޭގެ އަމިއްލަ މަސްލަހަތުތައް އިސްކޮށްގެންކަން ޔަގީން ކޮށް ދިނުމަށް "މޯލްޑިވްސް ފަސްޓު" ސިޔާސަތު ތައާރަފުކޮށް ހިންގަން ފަށާގައިވާ ކަމަށާ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކޮށް ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ލޯކަލް ކައުންސިލުތަކަށް އާމުދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހިކޮށް ދީފައިވާ ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައިވެ އެވެ.
"މިހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލުހިފުމާއި، ޒާތީ ރުޅިވެރިކަމާއި، ނަފުރަތާއި ހަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވައިދެއްވަމުން. ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި، ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރިކަމާއެކު ޤައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަހްލާގީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ބިނާކުރާނެ ގޮތް އަމަލުފުޅުންނާއި ބަސްފުޅުން ތަމްސީލު ކޮށްދެއްވަމުން،"
ދައުލަތުގެ މުއައްސަސާތައް ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ކަސްތަޅުއަޅުވައި ގައިދުކުރުމުގެ ސަގާފަތް އެމަނިކުފާނުގެ ވެރިކަމުގައި ނިމުމަކަށް ގެނެސް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިކޮށް ދީފައިވާ ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައިވެ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދައުލަތުގެ ހިންގުމަށް ގެންނަވަން ފައްޓަވާފައިވާ އިސްލާހީ ބަދަލުތަކާއި ހިފަހައްޓަވަމުން ގެންދަވާ އަހްލާގީ މިންގަނޑުތަކާއި ގެންގުޅުއްވާ ހަރުދަނާ އިގްތިސާދީ އިޖުތިމާއީ ސިޔާސަތުތަކާއެކު މާތްﷲގެ ތަނަވަސް ރަހްމަތްފުޅުން ދިވެހިރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމާ މެދު މި ޕާޓީން ޝައްކެއް ނުކުރަމެވެ،" ޕީއެންސީގެ ބަޔާނުގައިވެ އެވެ.