ރާއްޖޭގެ އެއްނަންބަރު ޕްރޮޑަކްޝަން ހައުސްއަށް 18 އަހަރު، އަމާޒަކީ ބެލުންތެރީންގެ އިތުބާރު

ޑާކްރެއިން ފާހަގަ ކުރެވުނީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނެސް ދިން ޕްރޮޑަކްޝަން ހައުސް އެއްގެ ގޮތުގަ އެވެ.

ޑާކްރެއިން އެެންޓަމައިންޓަށް މިއަދު ވަނީ 18 އަހަރު ފުރިފައި

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެެންޓަމައިންޓަށް މިއަދު ވަނީ 18 އަހަރު ވެފަ އެވެ. މި ދުވަހާއި ދިމާކޮށް ޑާކްރެއިން އިން ވަނީ އެ ސްޓޫޑިއޯގެ ކުރިއަށް ހުރި ޕްރޮޖެކްޓްތައް އިއުލާނުކޮށްފަ އެވެ.

ޑާކްރެއިން އިން ބުނީ މި ވޭތުވެދިޔަ 18 އަހަރަކީ ބެލުންތެރިން ބޭނުންވާ ކަހަލަ ފިލްމުތަކެއް ގެނެސްދެވޭތޯ އެ ޕްރޮޑަކްޝަން ހައުސް އިން ބުރަ މަސައްކަތް ތަކެއްކުރި ދުވަސް ތަކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކި ބެލުންތެރިންގެ އިތުބާރު ހޯދުން. އަދި ޑާކްރެއިން ގެ ފިލްމުތައް ބަލަން ދާއިރު ފެންވަރާ ދޭތެރޭ އޮންނަ ޔަގީންކަން ދެމެހެއްޓުން. ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑުމެން ދެމި ތިބޭނީ އައު ފަންނުވެރިން މިދާއިރާއަށް ނެރުމުގަޔާ ބެލުންތެރިން މުނިފޫހިފިލުވުމުގެ އިތުރުން ހިތްވަރު ދެނިވި ފިލްމުތައް އުފައްދާ، ދިވެހި ފިލްމް އިންޑަސްޓްރީގެ ފެންވަރު މިހާރަށް ވުރެން އުހަށް އުފުލާދޭނެ ބައެއްގެ ގޮތުގައި،" 18 ވަނަ އަހަރީ ދުވަހާއި ގުޅިގެން އާންމުުކުރި ކުރު ސްޓޭޓްމަންޓެއް ގައި ބުނެފައި ވެ އެވެ.

ޑާކްރެއިންގެ ކުރިއަށް ހުރި ބައެއް ޕްރޮޖެކްޓްތައް؛

  •  ބިބީ - 7 އޮކްޓޫބަރު 2024
  •  ގިސް - ޑިސެންބަރު 2024
  •  ޕްރޮޖެކްޓް 37 - 2025 ވަނަ އަހަރު
  •  ބަޅިނދު - 2025 ވަނަ އަހަރު
  •  މަންމަ - 2025 ވަނަ އަހަރު
  •  ލޭ - 2025 ވަނަ އަހަރު
  •  އަލްވަދާއު - 2026 ވަނަ އަހަރު
  •  ހިޔަލަ - 2026 ވަނަ އަހަރު

މީގެ އިތުރުން ދިވެހި ސިނަމާއަށް މުޅީން އަލަށް ސުޕަހީރޯ ފިލްމެއް ވެސް އުފެއްދުމަށް ނިންމާފަ އެވެ.

ޑާކްރެއިން ފާހަގަ ކުރެވުނީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް އިންގިލާބީ ބަދަލެއް ގެނެސް ދިން ޕްރޮޑަކްޝަން ހައުސް އެއްގެ ގޮތުގަ އެވެ. މި ޒަމާނަށް ފެތޭ ގޮތަށް މޮޅެތި އުފެއްދުންތައް ފުރަަތަމަ ގެނެސްދޭން ފެށީ އެ ސްޓޫޑިއޯ އިންނެވެ. މިހާތަނަށް އެ ސްޓޫޑިއޯ އިން ވަނީ 35 އުފެއްދުމެއް ބެލުންތެރީންނާއި ހަމައަށް ގެނެސްދީފަ އެވެ.

ތޮލް، މޮގާ އަދި ޗިއްޕެ: ޑާކްރެއިންގެ މައި ތަބަކީ މޮގާ

މިހާތަނަށް ގެނެސްދިން ކޮންމެ އުފެއްދުމަކީ ވެސް ވަރަށް ކޮލިޓީ އުފެއްދުމެކެވެ. ފިލްމުތަކުގެ ޕޯސްޓަރުން ފެށިގެން ޓީޒާ / ޓްރެއިލާ ވެސް ޒަމާނީ ގޮތަކަށް / ބެލުންތެރީން ޝައުގުވެރިވާނެ ފަދަ ގޮތަކަށް ގެނެސްދޭން ފެށީ އެ ސްޓޫޑިއޯ އިންނެވެ. އަދި ހިތްގައިމު ރީތި މަންޒަރުތަކާއި ޓެކްނިކަލީ މޮޅު އުފެއްދުންތައް ގެނެސް ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކޮށްފައިވެ އެވެ.

ދިވެހި ސިނަމާއަށް ބެލުންތެރީންގެ އޮތް އިތުބާރު އަލުން ހޯދައި ދިނީ އެ ކޮލެޓީގެ ގިނަ އުފެއްދުންތަކެއް ޑާކްރެއިން އިން ގެނެސް ދޭން ފެށުމުންނެވެ. އެކަން ވެގެން ދިޔައީ އެހެން ސްޓޫޑިއޯތަކާއި ޕްރޮޑިއުސަރުންނަށް ލިބުނު ފުރުސަތަކަށެވެ. ހިތްވަރަކަށެވެ.

ޑާކްރެއިން ފާހަގަ ކުރެވިފައި ވަނީ އާ ތަރީންނަަށް ފުރުސަތު ދިނުމާއި މި ދާއިރާއަށް އާ މީހުން ނެރުމަށް ވަރަށް އިސްކަންދޭ އަދި އެކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ސްޓޫޑިއޯއެއްގެ ގޮތުގަ އެވެ. އާ ކަންކަން ތަޖުރިބާކޮށް ދިވެހި ފިލްމީ އުފެއްދުންތައް ގެނެސް ދޭން އެ ސްޓޫޑިއޯ އިން ކުރާ މަސައްކަތަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.

ފަތިސްހަނދުވަރުގެ ފެށުން ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް 3ޑީ ފިލްމެއް ވެސް ގެނެސްދިނީ އެ ސްޓޫޑިއޯ އިންނެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ): ފިލްމީ ދާއިރާ ބަދަލުކޮށްލި މޭސްތިރިއެއް

"ހެޕީ ބާތުޑޭ" އާއި "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ އިތުރުން "ވާށޭ މަށާ އެކީ" އަދި "ދިން ވޭނުގެ ހިތާމައިގައި" ފަދަ ފިލްމު ތަކަކީ ޑާކްރެއިންގެ އެންމެ ކާމިޔާބު / ބެލުންތެރީންގެ ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔަ ފިލްމުތަކެވެ.

"މާމުއި" އަދި "ފުރޭތަ" ފަދަ ފިލްމުތަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

މީގެ އިތުރުން "ރޫމިއާ ޖަންނަތު" އަދި "ގިރިޓީ ލޯބި" ފަދަ ވެބްސީރީޒްތަކަކީ ޑާކްރެއިންގެ މޮޅެތި އުފެދުންތަކެވެ. މީގެ އިތުރުން ސިލްސިލާތަކާއި ވަރަށް ރީތި ކުރު ފިލްމުތަކެއް ވެސް އެ ސްޓޫޑިއޯ އިން ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ބަޑި އެދުރު"  "އުންމީދު" "ދައުވަތު" އަދި "އަނގުރު" ފަދަ ފިލްމުތައް ހިމެނެ އެވެ.

އެ ސްޓޫޑިއޯގެ އާ ފިލްމަކީ "ބިބީ" އެވެ. މިއީ ހޮރޯ ކޮމެޑީ އެކެވެ. މިއީ މި އަހަރު ސްކްރީނަށް އަންނާނެ އެންމެ ތަފާތު ފިލްމެވެ. 18 ވަނަ އަހަރީ ދުވަހާއި ގުޅިގެން އެ ސްޓޫޑިއޯ އިން ވަނީ އަންނަ އަހަރާއި އޭގެ އަނެއް އަހަރު ގެނެސްދޭން ނިންމާފައިވާ ބައެއް އުފެއްދުންތައް ހާމަކޮށް ބެލުންތެރީން ހެއްވާލާ އުފާކޮށްދީފަ އެވެ.

ކޮމެންޓް

5
450
ނާސިރާ
3 days ago

ދިވެހި ފިލްމެއް ބަލާލަން ކެރުނީ ޑާކްރެއިން ވުޖޫދުވި ފަހުން. އެ މީހުންގެ ފިލްމުތައް ވަރަށް ތަފާތު. އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުަވަން

ސިނަމާ
3 days ago

ޑާކްްރެއިން ވަރެއް ނެތް. އެއީ ހަމަ ބެސްޓް.

ލޮލް
5 days ago

އެއް ނަންބަރު؟ ރާއްޖޭގެ ރަށެއްގައި ޝޫޓް ކުރަން ނުކެރޭ ޚަރަދު ބޮޑުވެދާނެތީ.. ގޭގެ ސިޓިންގ ރޫމްގަ ޝޫޓްކޮށްފަ ޚަރަދެއް ނުކޮށް ނަމެއް ކިޔާފަ ފިލްމް ނެރޭ ޕްރޮޑަކްޝަންއެއް ތީ.. ދާއިރާގެ މީހުންނާ އެހާ ގުޅުން ކުޑަ.. އިންޑަސްޓްރީއަށް ކޮށްދިން ކަމެއް ނެތް..! ނަހޫ، ޝާނިޒް، ޓެޑް، ޝަފީޤް މެން ކަހަލަ ޚަރަދު ބޮޑުކޮށްވިޔަސް ރަނގަޅު ކޮލިޓީ ފިލްމް ނެރެން ގަޓް ހުރި މީހުން ތިއްބާ ނަންބަރު ވަން އޭ ބުނީމަ ވަރަށް ޖޯކް! މި ކޮމެންޓް ޖަހަން ނުކެރުނިއްޔާ ތިޔަ ނޫހުގެ އިތުބާރު ގެއްލޭނެ. ވިކިފައ

އަފްރާހް
3 days ago

މި ނޫހަށް ޗެލެންޖު ނުކުރޭ. މިއީ ވަކި ބައެއްގެ ހަބަރު ގެނެސްދޭ ނޫހެއް ނޫން. ކޮންމެ މީހަކު ބުންޏަސް އެ މީހެއްގެ ފިލްމެއް މި ނޫހުން ޕްރޮމޯޓް ކޮށްދޭނެ. އެކަން އެނގޭތީ މި ބުނަނީ. އަދި އެ ހަބަރުތައް ލިޔާ މީހާ އެނގޭތީ މި ބުނަނީ. އޭނާ އަކީ ވަކި ބަޔަކާ ގާތްވެ އެ ބައެއްގެ ވާހަކަ އެކަނި ލިޔާ މީހެއް ނޫން. ތިޔަ ބުނާ ނަހޫ އަކާއި ޝާނިޒްއަކާ ޝަފީގުގެ ފިލްމުތަކުގެ ހަބަރުތައް ގައިމު ވެސް އެ ހުރީ ފެންނަން. އެހެންވީމަ މިއީ މޮގާ ބުނާ ގޮތަށް ހަބަރު ލިޔާ ނޫހެއް ނޫން. އެވަރު ނޭންގި ކޮމެންޓް ކުރީމަ ލަދުވެތި

އަލިފުޅުބެ
3 days ago

މިއީ ކާކު، ކޮން ބައެއް ކުރާ ކޮމެންޓެއް ކަން އެނގޭ. މިއިން އެއްވެސް ވާހަކައެއް މީހަކު ގަބޫލެއް ނުކުރާނެ. އަހަރެން ހަމަ ގައިމު ވެސް ބެލިން ޑާކްރެއިން އިން ސިންގަޕޫރުގައި ޝޫޓްކޮށްފައި އޮތް ފިލްމެއް. ބޮޑެތި ބޯޓް ފަހަރާއި ލަގްޒަރީ ލޯންޗުތަކުގައި ޝޫޓްކޮށްފައި އޮތް ފިލްމެއް، އައްޑޫއާ ބައެއް ރަށްތަކުގެ ރީތި މަންޒަރުތައް ހިމަނައިގެން ނަގާފައިވާ ފިލްމުތައް. މާލޭގައި ކުރިއަސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަނީ ބްރިޖާއި ހައިވޭއާ ބަސްތަކުގެ ތެރެއާ ރީތި ގެތަކުގައި ބުރަ މަސައްކަތުން ނަގާފައިވާ މަންޒަރުތައް އެކުލެވޭ ފިލްމުތައް. ތިޔަ ބައި މީހުންނަށް އަދި ޑާކްރެއިންނާ އަރާ ހަމައަ ކުރަން 18 އަހަރު ނަގާނެ. އޭރުން ޑާކްރެއިންނަށް 36 އަހަރު ވާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.