ފިނޮޅަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް ހޯދުން އިންޓަޕޯލް ޔެލޯ ނޯޓިސްއެއް

ޔެލޯ ނޯޓިސް ނެރޭނީ ގެއްލިގެން މީހަކު ހޯދުމަށެވެ. ތަސްލީމް ގެއްލުނީ ރައްޓެހިންތަކަކާއެކު ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށެވެ.

ގެއްލިގެން ހޯދަމުންދާ ތަސްލީމް- ފޮޓޯ: އާއިލާ

ކ. ހުވަފެންފުށި ކައިރިއަށް ދަތުރުގޮސް އުޅެނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ގެއްލުނު ތަސްލީމު މުހައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއެއް ނެރެފި އެވެ.

ޔެލޯ ނޯޓިސް ނެރޭނީ ގެއްލިގެން މީހަކު ހޯދުމަށެވެ. ތަސްލީމް ގެއްލުނީ ރައްޓެހިންތަކަކާއެކު ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮށެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ ތަފުސީލު ހިއްސާ ކުރުމަށް ފުލުހުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ތަސްލީމު ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ފަސްގަނޑު ހިމެނޭހެން، ކަނޑުގެވެސް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގުނު ގޮތުގައި، ހުވަފެންފުށި ކައިރި ފަސްގަނޑަށް ދަތުރު ދިޔުމަށްޓަކައި، މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 5:00 އާ 5:30 ދެމެދުގެ ވަގުތެއްގައި މާލޭ ދެކުނު ފަރާތު ޖެޓީއިން ފުރި ކަމަށެވެ. އަދި ތަސްލީމު ހިމެނޭހެން މި ދަތުރުގައި 25 މމީހުން ދިޔަ ކަމަށްވެސް ތަހުގީގަށް އެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ ތެރޭގައި ކުޑަ ދެ ކުދިންވެސް ހިމެނެ އެވެ.


މި ދަތުރަކީ މީހެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ކުރި ދަތުރެއް  ކަމަށާއި ތަސްލީމު މި ދަތުރުގައި ބައިވެރިވީ ބެކްޑްރޮޕް އަދި ލައިޓިން ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.


ތަސްލީމު ހިމެނޭ ގުރޫޕު ފަސްގަނޑަށް ދިޔައިރު އެތަނުގައި އެހެން ބަޔަކުވެސް ތިބި ކަމަށާއި މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭ 12:00 އާ ހަމަޔަށް ތަސްލީމު އޭނާގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަން ނަގާފައިވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އޭގެ ފަހުން އޭނާ ޓެންޓުގައި ނިދާފައި އޮތްތަންވެސް ދަތުރުގެ ބައިވެރިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޮގްސޓު 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައިވެސް ތަސްލީމު އޭނާ އާއެކު ދަތުރު ދިޔަ މީހުންނާއެކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަސްލީމު ފަސްގަނޑުގަ ހުއްޓާ އެންމެ ފަހުން ފެނުނީ އެ ދުވަހުގެ ހެނދުނު 7:45 އަކާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަސްލީމު މާލެ ދާން ބޭނުންވާ ކަމަށް ދަތުރުގެ ބައިވެރިން ގާތު ބުނެފައި އޮތުމުން އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު ފިނޮޅުން މާލެ ފުރި ލޯންޗުން ތަސްލީމު މާލެ ފުރުވާލުމަށް އޭނާ ހޯދަން ފެށި ކަމަށް ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭނާ ނުފެނުމުން އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ބެލުމަށް އާއިލާ އަށް ގުޅި ކަމަށްވެސް ބައިވެރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާ މާޅެ އައިސްފައިނުވާ ކަމަށް އާޢިލާގެ ފަރާތުން ބުނެފައިވާތީ އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ބައިވެރިން ވަނީ ބުނެފަ އެވެ.

މި ތަހުގީގު ތެރެއިން ތަސްލީމާއެކު ދަތުރު ދިޔަ މީހުންނާއި އޭގެ ކުރިން އެ ފަސްގަނޑަށް ދަތުރުދިޔަ 12 މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އަދި ތަސްލީމު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ތަސްލީމާއި އިތުރު މީހުން ދަތުރު ދިޔުމަށށް ބެނުންކުރި ދެ ލޯންޗެއްވެސް ބަލައި ފާސްކޮށް ތަސްލީމު އާންމުކޮށް ގޮސް އުޅޭ ސަރަހއްދުތައް ބަލައި އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއެއް ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި މި ތަހުގީގުގެ މައުލޫމާތު ތަސްލީމުގެ އާއިލާ އާ ބައްދަލުކޮށް ހިއްސާ ކުރަމުން ދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ތަސްލީމަކީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.