މިދަތިތަކާއެކުވެސް މިއަދު މާލޭގެ ބާޒާރަށް ފިޔާގެ އާ ޝިޕުމެންޓުތަކެއް ނެރޭނެ ކަމަށާއި، އެގޮތުން އިންޑިޔާއިން މުދާ ބަރާކޮށްގެން އައި ދެ ބޯޓަކުން ޖުމްލަ 6،280 ބަސްތާ ފިޔައި މިއަދު މާލޭގެ މާރުކޭޓަށް ނެރޭނެ ކަމުގައި ވަޖީހު ވިދާޅާުވި އެވެ.
ބާޒާރުގައި ފިޔާ ލިބުމުގައި ކުރިމަތިވެފައިވާ ތާށިކަމަކީ އިންޑިޔާއަށް މޫސުން ގޯސްވެ ދަނޑުތަކަށް ގެއްލުންވުމުން އިންޑިޔާއިން ފިޔާ އެކްސްޕޯޓުކުރުމުގައި ކުރިމަތިވެފައިވަ ޝޯޓޭޖެއްގެ ސަބަބުން މެދުވެރިވި ތާށިކަމެއްކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.
ބާޒާރުގައި ކާބޯތަކެތި ވިއްކާ ވަރަށް ގިނަ ފިހާރަތަކުގައި ފިޔައި ލިބެން ނެތެވެ. އަދި ފިޔައި ތަދުވުމުގެ ސަބަބުން ބާޒާރުގައި ފިޔާގެ އަގުވެސް އަންނަނީ ބޮޑުވަމުންނެވެ. ފިޔާގެ އަގުބޮޑުވާން ފެށުމުން ގިނަ ބަޔަކު ދަނީ އެކަމުގެ ޝަކުވާ މީސްމީޑިޔާގެ އެކި ވަސީލަތްތަކުގެ ޒަރީއާއިން ހިއްސާކުރަމުންނެވެ.
ފިޔާ ލިބުން ދަތިވި ސަބަބަކީ އިންޑިޔާއަށް މޫސުން ގޯސްވުމުގެ ސަބަބުން އެގައުމުގެ ފިޔާ ދަނޑުތަކަށް ގެއްލުންވެ އެ ގައުމުން ފިޔާ ބޭރުކުރެވޭ މިންވަރު ދަށްވުން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމުގައި ވަޖީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ދަތިކަން ކުރިމަތިވެފައި އޮތީ ރާއްޖެއަށް އެކަނި ނޫންކަމަށާއި ލަންކާއަށްވެސް އިންޑިޔާއިން ފިޔާ އިމްޕޯޓުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދަތިތަކާއެކުވެސް މިއަދު މާލޭގެ ބާޒާރަށް ފިޔާގެ އާ ޝިޕުމެންޓުތަކެއް ނެރޭނެ ކަމުގައި ވަޖީހު ވިދާޅުވި އެވެ. އެގޮތުން އިންޑިޔާއިން މުދާ ބަރާކޮށްގެން އައި ދެ ބޯޓަކުން ޖުމްލަ 6،280 ބަސްތާ ފިޔައި މިއަދު މާލޭގެ މާރުކޭޓަށް ނެރޭނެ ކަމުގައި ވަޖީހު ވިދާޅުވި އެވެ.
އޭގެ އިތުރަށް މާދަމާ އިންޑިޔާއިން ރާއްޖެއަށް އަންނަން ހަމަޖެހިފައިވާ ބޯޓެއްގައި އިތުރު 3،300 ބަސްތާ ފިޔާ ގެންނަން ހަމަޖެހިފައިވާކަން ވަޖީހު ހާމަަކުރެއްވި އެވެ.
ވަޖީހު އިތުރަށް ހާމަކުރެއްވި ގޮތުގައި ފާއިތުވި ބުދަދުވަހު އައްޑޫ ހިތަދޫ ސަރަހައްދީ ބަނދަރަށް ބަނދަރުކުރި ބޯޓަކުން 1،180 ބަސްތާ ފިޔައި އައްޑޫ ސިޓީއަށް ބާލާފައިވެ އެވެ.
އެމްޑީ ފާހަގަކުރެއްވި ގޮތުގައި އިންޑިޔާއަށް މޫސުން ގޯސްވުމުގެ ސަބަބުން ދަނޑުތަކަށް ގެއްލުންވެ އެގައުމުން ފިޔާ ބޭރުކުރުމުގައި ދަތިތައް ކުރިމަތިވުމަކީ ދޭތެރެދޭތެރެއިން މެދުވެރިވާ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބާޒާރުގައި ފިޔާ ލިބޭ އަގު ބޮޑުވުމަކީވެސް ވަރަށް ގިނައިން މެދުވެރިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.