އާ ޕްލާންޓް އިންސްޓޯލް ކުރެވުމުން ތިނަދޫ ސިޓީގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އަވަސް އަރުވާލައިގެން ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދުކަމަށް ބުނެ ފަތުރަމުންދާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ބައެއް ނޫސްތަކުގައިވާ ގޮތުގައި، ފެން ޕްލާންޓް ގަންނަން ފެނަކައިން ހުށަހަޅާފައިވާ ގޮތާ ހިލާފަށް ކޮންޓްރެކްޓަރު އަމަލުކޮށްފައިވާ ކަމަށާއި، ޕްރޮޕޯސަލްގައި ހުރި އެތައް ކަމެއް ތިނަދޫއަށް ޕްލާންޓް ގެންދިޔައިރު ނެތް ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
އެއީ ދޮގެއްކަން ބަޔާންކޮށް ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އާ މެނޭޖްމެންޓް ކުންފުންޏާ ހަވާލުވިއިރު ކުންފުނީގެ ހާލަތު ވަރަށް ދަށް ކަމަށެވެ. ކުންފުނިން ފެނުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން ހަތް ރަށެއް ވަރަށް ކްރިޓިކަލް ހާލަތެއްގައި އޮތްއިރު، ތިނަދޫ އަކީ އޭގެއިން އެއް ރަށް ކަމަށެވެ.
ތިނަދޫ އަކީ އާބާދީ ބޮޑު ރަށަކަށްވެފައި، މިހާރު ހިދުމަތް ދެމުންދާ ޕްލާންޓުން އެކަނި ހިދުމަތް ދޭން ޖެހުމުގެ ސަބަބުން ފާއިތުވި ދެ މަސްތެރޭ ތިން ފަހަރަށް އަމިއްލަ ފަރާތަކުން ފެން ހޯދަން ޖެހުނު ކަމަށް ބަޔާނުގައިވެ އެވެ. އެ މުއްދަތުގައި ތިނަދޫއަށް އެކަނި 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އެރަށުގައި މިހާރުން މިހާރަށް ކެޕޭސިޓީ އިތުރުނުކޮށްފިނަމަ މިތަކުލީފާ ކުރިމަތިލާން ޖެހޭނެކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައި ވަނީ، އާ ފެންޕްލާންޓެއް ހޯދަން ވެންޑާސްއަށް ރިކުއެސްޓް ފޯ ކުއޯޓް ފޮނުވުމުން ކޯޓޭޝަން ހުށަހެޅީ އެންމެ ފަރާތަކުން ކަމަށް ފެނަކައިން ބުންޏެވެ. ވެންޑާސްއަށް އާރްއެފްކިއު ފޮނުވީ އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯގައި އެދި، އެ ދެ ކުންފުންނިން ފެންޕްލާންޓް ފޯރުކޮށްދޭން ދުވަސް ނަގާނެ ކަމަށް އެންގުމުންނެވެ.
ފެނަކައިން ބުނީ ކޯޓޭޝަން ހުށަހެޅި ކުންފުންޏާއެކު އެކަން ކުރަން އެއްބަސްވީ ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރުމަށްފުގައި ކަމަށާއި، ފެންޕްލާންޓް އިންސްޓޯލް ކުރެވޭނީ ހުރިހާ ބައިތަކެއް ފުރިހަމަވެގެން ކަމަށެވެ. އާ ޕްލާންޓް އިންސްޓޯލް ކުރެވުމުން ތިނަދޫ ސިޓީގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މިފަދަ އަސްލެއް ނެތް ދޮގު ހަބަރު ފަތުރަނީ ވަކި ބަޔަކު އަޑީގައި ތިބެ، ކުންފުނީގެ މެނޭޖްމަންޓްގެ އަގު ވައްޓާލަން. އަދި ސިޔާސީ ފަރާތްތަކުން ރަށުތެރޭގައި ހަލަބޮލިކަން އުފައްދައި، ހިދުމަތްތަކަށް ބުރޫއަރާފަދަ ގޮތަކަށް އަމަލުތައް ބަހައްޓައިގެން ތިނަދޫ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަ ނުދީ، ހިދުމަތް ދިނުމުގައި ފެނަކަ ސާބިތުވެ އޮންނާނެ،" ފެނަކައިން ނެރުނު ބަޔާނުގައިވެ އެވެ.