ސުކޫކުގެ ފައިސާ އަދާކުރުމުގެ ދަތީގައި ރާއްޖެއަށް މާލީ އެހީވާން އިންޑިޔާ އޮތީ ތައްޔާރަށް

ސަރަހައްދީ ގައުމުތަކަށް ހުޅުވާލާފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީން މިހާރުވެސް 400 މިލިއަން ޑޮލަރު ހޯދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަމަށް އިންޑިޔާގެ އޮފިޝަލަކާ ހަވާލާދީ ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއިން އިޝޫކުރި ސުކޫކަށް ފައިސާ ނުދެއްކިދާނެ ހާލަަތެއް ކުރިމަތިވުމުގެ ހިރާސް ބޮޑުވެފައިވާ މި ދަނޑިވަޅުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާއިން ތައްޔާރަށް އޮތްކަމަށް އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އިންޑިޔާގެ އޮފިޝަލަކާ ހަވާލާދީ ބްލޫމްބާގް ނޫހުން ރިޕޯޓުކޮށްފި އެވެ. 

ސަރަހައްދީ ގައުމުތަކަށް ހުޅުވާލާފައިވާ ކަރަންސީ ސްވޮޕް ޕްރޮގުރާމުގެ ތެރެއިން އިންޑިޔާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިޔާ މެދުވެރިކޮށް މިހާރުން މިހާރަށްވެސް 400 މިލިއަން ޑޮލަރު ރާއްޖެއަށް ހޯދުމުގެ ފުރުސަތު އެބައޮތްކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ. 

އޭގެ އިތުރަށް 2019 ވަނަ އަހަރު އިންޑިޔާ ސަރުކާރުން އެގައުމުގެ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓު މެދުވެރިކޮށް ދިގު މުއްދަތުގެ ލޯނު ހޯދުމުގެ ފުރުސަތު ރާއްޖެއަށް އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. 

ބްލޫމްބާގްއިން ބުނި ގޮތުގައި ރަސްމީ ސިފައެއްގައި އިންޑިޔާގެ މާލީ އެހީތެރިކަމަށް ދިވެހިރާއްޖެއިން އެދިފައިވާކަން ނުވަތަ ނޫންކަން އަދި ކަށަވަރުނުވެ އެވެ. ނަމަވެސް އެމްއެމްއޭއިންވަނީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމާމެދު އިންޑިޔާގެ ރިޒާވް ބޭންކާއެކު ފަންނީ މަޝްވަރާތައް ކޮށް ނިންމައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާއަށް ގޮސްފައިވާކަން ހާމަކޮށްފަ އެވެ. 

ބްލޫމްބާގަށް މައުލޫމާތު ދެއްވި އިންޑިޔާ އޮފިޝަލުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިންޑިޔާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގައި މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމުގައި ބެލެވޭ ކަމަށެވެ. 

ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން އިންޑިޔާގެ އޮފިޝަލުން ބައިނަލްއަގުވާމީ މީޑިޔާގައި ހާމަކުރައްވާފައިވާއިރު ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ ދެ އެޖެންސީން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރި މައިގަނޑު އެއް ސަބަބަކީ ދިވެހިރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހީނަރުވުމެވެ. 

ނަމަވެސް ފިޗް ކްރެޑިޓު ރޭޓިން އެޖެންސީން ފާހަގަކުރި ގޮތުގައި މި އަހަރުގެ ފަހު ކުއާޓާގައި ރާއްޖެއިން އަދާކުރަންޖެހޭ ދަރަނި އަދާކުރެވޭ މިންވަރަށް ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ޖަމާކުރުމަށް ގާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ފައިސާ ހުރުމުން ކުރު ރާސްތާގެ ދަރަނި އަދާކުރުމުގައި ރާއްޖެއަށް ގޮންޖެހުމެއް ނޯންނާނެ އެވެ. 

ކްރެޑިޓު ރޭޓިން އެޖެންސީތަކުން ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ މެދުރާސްތާގައި އަދާކުރަންޖެހޭ ދަރަންޏާމެދު އެވެ. އެގޮތުން 2025 ގައި އަދާކުރަންޖެހޭ 600 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ ބޭރުގެ ދަރަންޏާއި 2026 ގައި އަދާކުރަންޖެހޭ އެއް ބިލިއަން ޑޮލަރުގެ ފައިސާ އަދާކުރެވޭ މިންވަރުގެ ގާބިލުކަން ރިޒާވްގައި ނެތެވެ. 

ސަރުކާރާއި އެމްއެމްއޭއިން ބުނެފައިވަނީ މެދުރާސްތާގެ ދަރަނި އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ދޭދޭ ގައުމުތަކާއި ގިނަ ދައުލަތްތައް އެކުލެވޭ މާލީ އިދާރަތަކާއި ޖަމްއިއްޔާތަކުން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މާލީ އިސްލާހި ފިޔަވަޅުތައް ތަންފީޒުކުރެވި ދައުލަތުގެ ހަރަދުތައް ކުޑަކުރެވުމުން ދަރަނި އަދާކުރުމަށް ފަސޭހަވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.