ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖަނަވަރީން ޖުލައިގެ ނިޔަލަށް 131 މިލިއަން ޑޮލަރުގެ ޖެޓް ފިއުލު ރީ-އެކްސްޕޯޓުކޮށްފައިވެ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ރީ-އެކްސްޕޯޓުކުރީ 110.8 މިލިއަން ޑޮލަރުގެ ޖެޓްފިއުލެވެ.
ޖެޓު ފިއުލު ރީ-އެކްސްޕޯޓުކޮށްގެން ލިބުނު އާމުދަނީ ނިމުނު އަހަރަށްވުރެ 18.3 އިންސައްތަަ މަތިވެއްޖެ އެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރީއެކްސްޕޯޓުގެ އާމުދަނީގެ ގޮތުގައި 175.4 މިލިއަން ޑޮލަރު ލިބުނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ރީއެކްސްޕޯޓުގެ އާމުދަނީގެ ގޮތުގައި ލިބުނީ 146.9 މިލިއަން ޑޮލަރެވެ.
އެމްއެމްއޭގެ މި ހިސާބުތަކަށް ބަލާއިރު މި އަހަަރު ރީ-އެކްސްޕޯޓުން ލިބުނު އާމުދަނީ ފާއިތުވި އަހަރާ އަޅާބަލާއިރު 19.4 އިންސައްތައ އިތުރުވެފައިވެ އެވެ.
ރީ-އެކްސްޕޯޓުގެ އެންމެ ބޮޑު ބައަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓް ފިއުލެވެ. މި އަހަރު ޖެޓް ފިއުލް ވިއްކި މިންވަރު ފާއިތުވި އަހަރަށްވުރެ 18.3 އިންސައްތަ އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖަނަވަރީން ޖުލައިގެ ނިޔަލަށް 131 މިލިއަން ޑޮލަރުގެ ޖެޓް ފިއުލު ރީ-އެކްސްޕޯޓުކޮށްފައިވެ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ރީ-އެކްސްޕޯޓުކުރީ 110.8 މިލިއަން ޑޮލަރުގެ ޖެޓްފިއުލެވެ.
އެމްއެމްއޭގެ ތަފާސްހިސާބު ދައްކާ ގޮތުގައި މަހުގެ ބާވަތްތއް އެކްސްޕޯޓުކުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން އެކްސްޕޯޓުކުރި އަދަދުވެސް ދަށްވެފައިވެ އެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެކްސްޕޯޓުކޮށްފައިވަނީ 236.9 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ ނިމުނު އަހަރަށްވުރެ 7.9 އިންސައްތަ ދަށް އަދަދެކެވެ.
އޭގެ ތެރެއިން ރީ-އެކްސްޕޯޓު އުނިކުރުމަށްފަހު އެކްސްޕޯޓުކޮށްފައިވާ ރާއްޖޭގެ އުފެއްދުންތަކުގެ އަދަދަކީ 61.5 މިލިއަން ޑޮލަރުގެ މުދަލެވެ. އެއީ ނިމުނު އަހަރަށްވުރެ 44.3 އިންސައްތަ ދަށް އަދަދެއް ކަމުގައި އެމްއެމްއޭއިން ބުނެ އެވެ.
ނިމުނު އަހަރު ޖުލައިގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކުން 41.8 މިލިއަން ޑޮލަރުގެ މުދަ އެކްސްޕޯޓުކުރިއިރު މި އަހަރު އަމިއްލަ ވިޔަފާރިތަކުގެ އެކްސްޕޯޓުވަނީ 29.3 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.