ސަރުކާރުން ގާއިމުކުރި މި އެއްބަސްވުމަކީ ޗައިނާއާއެކު ކުރާ ވިޔަފާރިތަކާއި ޗައިނާގެ އިންވެސްޓުމެންޓުތަކުގައި ޑޮލަރުގެ ބަދަލުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރެވޭ ގޮތަށް ހަަމަޖެއްސުމަށް ހެދި އެމްއޯޔޫއެކެވެ.
ދިވެހިރާއްޖެއިން ޗައިނާއާއެކު ޔުއާނުން ވިޔަފާރިކުރުމާ ގުޅޭ އެއްބަސްވުމެއް ގާއިމުކުރުމުގެ އެމްއޯޔޫގައި ސޮއިކޮށްފި އެވެ.
ޗައިނާގެ ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު ސަރުކާރުން ގާއިމުކުރި މި އެއްބަސްވުމަކީ ޗައިނާއާއެކު ކުރާ ވިޔަފާރިތަކާއި ޗައިނާގެ އިންވެސްޓުމެންޓުތަކުގައި ޑޮލަރުގެ ބަދަލުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރެވޭ ގޮތަށް މަގުފަހިކޮށް ދެ ގައުމުގެ މެދުގައި މިހާރަށްވުރެ ވިޔަފާރިއާއި އިންވެސްޓުމެންޓު ގުޅުންތައް ހަރުދަނާކުރުމަށް ގާއިމުކުރި އެއްބަސްވުމެކެވެ.
އިކޮނޮމިކް ،މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެމްއޯޔޫއަކީ މި އަހަރުގެ ޖަނަވަރީގައި ޗައިނާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ސަރުކާރުން ކުރި މަޝްވަރާތަކުގެ ތެރެއިން އެއްބަސްވެވުނު ކަންކަން ހާސިލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގާއިމުކުރި އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން އެ ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއާއި ޗައިނާަގެ މެދުގައި އޮތް އިސްތިރާޖީ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާކުރައްވައި، ދެ ގައުމުގެ އިގުތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިކަން މިނިސްޓްރީން ފާހަގަކުރި އެވެ.
މި ފްރޭމްވޯކު އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ މެދުގައި ދެ ގައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރުމަށް މަގުފަހިވެ، ޗައިނާއިން މުދާ ގެންނަ ވިޔަފާރިތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
އޭގެ އިތުރަށް ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓުމެންޓުތައް މި އެއްބަަސްވުމުގެ ސަބަބުން އިތުރުވާނެ ކަމުގައި އެ މިނިސްޓްރީން ބުނެފައިވެ އެވެ. ދޭދޭ ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރައްވައި، ރާއްޖޭގެ އިގުތިސާދީ ހުޅުވައިލުން ފުޅާކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ފެނިގެންދާ އެއްބަސްވުމެއް ކަމުގައި އެ މިނިސްޓްރީން ފާހަގަކުރި އެވެ.
ޗައިނާއަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި އެއް ބައިވެރިޔާ އެވެ. އެ ގައުމާއެކު އަހަރެއްގެ މައްޗަށް 700 މިލިއަނަށް ޑޮލަރަށްވުރެ އަގު ބޮޑު ވިޔަފާރި ހިންގަ އެވެ.