މިއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށްފަހު ބޮޑު ދެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންގެ ބައިވެރިވެވަޑައިގަތުމާއެކު އެންމެ ފޯރީގައި ކުރިއަށްދާ ކެމްޕެއިނުކަން ފާހަގަކުރެވެ އެވެ.
ހއ.މާރެންދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި-އިލެކްޝަން މާދަމާ އޮންނައިރު އެ އިންތިހާބުގައި ވާދަކުރާ ވެރިކަންކުރާ ކޮންގުރެސް ޕާޓީއާއި އިދިކޮޅު އެމްޑީޕީން ފޯރީގައި އެ ރަށުގައި ކެމްޕެއިން ކުރަމުން އެބަދެ އެވެ.
ކޮންގުރެސް ޕާާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަބްދުލްހަމީދު އަބްދުއްސައްތާރަށް ތާއީދު ހޯއްދެވުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ކޮންގުރެސް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމު ފަލާހާއި މަޖިލީހުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާ ޓީމެއް ގެންދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.
އެ ބޭފުޅުންވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކެމްޕެއިން ހަރަކާތްތައް ރަށުގައި ހިންގަވާފަ އެވެ. އެގޮތުން މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގެންނެވި ކެމްޕެއިން ޖަލްސާއެއް މާރަންދޫގައި މިއަދު ބާއްވާފައިވެ އެވެ.
މީގެ ކުރިން ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލުވެސްވަނީ ސަރުކާރުގެ ބައެއް ވެރިންނާއެކު މާރަންދޫއަށް ވަޑައިގެން ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމުގެ ހަރަކާތްތަކެއް ރަށުގައި ހިންގަވާފަ އެވެ.
ކޮންގުރެސް ޕާޓީން އެ ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކެމްޕެއިން ކުރަމުންދާއިރު އިދިކޮޅު އެމްޑީޕީންވެސް އަންނަނީ އެ ޕާޓީގެ ކެންޑިޑޭތަށް ތާއީދު ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުވަނީ ޕާޓީގެ އިސްވެރިންގެ ޓީމަކާއެކު އެރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވާފަ އެވެ.
އަދި މިވަގުތު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު ގެންދަވަނީ މާރަންދޫގައި އެ ޕާޓީގެ ކެންޑިޑޭޓު ޝިހާމް މުހައްމަދަށް ތާއީދު ހޯދުމަށް ކެމްޕެއިން ކުރައްވައި، ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
މިއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށްފަހު ބޮޑު ދެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންގެ ބައިވެރިވެވަޑައިގަތުމާއެކު އެންމެ ފޯރީގައި ކުރިއަށްދާ ކެމްޕެއިނުކަން ފާހަގަކުރެވެ އެވެ.