"ކޮތަޅު ކޮތަޅުގައި އެ ވައްދަނީ ފައިސާއެއް ނޫން، އެއީ މެމްބާޝިޕް ފޯމު"

"ހަގީގަތުގަ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ އެފަދަ ނުބައި އަމަލެއް ނުވަތަ އެފަދަ ނޭއްގާނީ ކަންކަން ކުރައްވަން ބާރު އަޅުއްވާނެ ބޭފުޅެއް ނޫން. ކޮރަޕްޝަނާ ވަރަށް ދުރު، މީގެ ކުރިން ވެރިކަން ކުރެއްވި ކަހަލަ ބޭފުޅެއް ނޫން،" ފަލާހު ވިދާޅު

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށް، ފޮޓޯތަކުން އެފެންނަނީ ޕާޓީއަށް އަލަށް ގުޅޭ ފަރާތްތަކުގެ މެންބާޝިޕް ފޯމުތައް ވައްދާތަން ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ބުނެފި އެވެ.

‏މަޖިލީހުގައި ހިމެނޭ ޕީއެންސީގެ މެންބަރުންނަަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކޮންމެ މަހަކު 50،000 ރުފިޔާ ދެއްވާ ކަަމަށް ބުނެ ވާހަކަތަކެއް ފެތުރޭތާ ދުވަސްތަކެެއް ވެއްޖެ އެވެ. 

މިކަން ސަރުކާރުން އިއްޔެ ދޮގު ކުރައްވާފައިވާއިރު، ޕީއެންސީގެ ޕީޖީ ގުރޫޕުން ވެސް ރޭ ވަނީ އެކަމާ ގުޅިގެން ވާހަކަ ދައްކަވާފަ އެވެ. ޕީޖީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިމްރާހިމް ފަލާހު ވިދާޅުވީ ނޮވެމްބަރު މަހުގެ ނިޔަލަށް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ބޮޑު މަސައްކަތެއް ރައީސް މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.

އެހެންވީމާ ރަށްރަށުން ގެންނަ 600 ނުވަތަ 500 ފޯމު ގެނެވޭނީ ކޮތަޅަކަށް ނުވަތަ ފޮށިގަނޑަކަށް އަޅައިގެން ކަމަށާއި އެއީ އަތުން ގެނެވޭނެ ތަކެތި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިސްނާވަޑައިގަންނަވަން ވާނެ ރައްޔިތުންގެ މަޖިލީހުގެ 75 މެންބަރުންގެ ބޮލުގަ މި އަޅުވަނީ ވަރަށް ބޮޑު އިލްޒާމެއް. ވަރަށް ބޮޑު ދޮގު ތުހުމަތެއް. މިސާލަކަށް އިއްޔެގަ އާންމު ކުރި ފޮޓޯ އަކީ ދުވާފަރަކީ ރ. އަތޮޅަށް ބަލާއިރު އާބާދީގެ އެންމެ ބޮޑު ރަށް. 5000 މީހުން ތަމްސީލު ކުރާ ރަށެއް. އެހެންވީމަ އެރަށުން އަންނަ 1000 ނޫނީ 500 ފޯމަކީ ހަގީގަތުގަ ދަބަހުގަ ނޫނިއްޔާ ބޮޑު އެއްޗަކަށް ލައިގެން ނޫނީ ވެއްދޭވަރުގެ އެއްޗެއް ނޫން،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މަޖިލީހަށް އިންތިހާބު ކޮށްފައިވާ މެންބަރުންނަށް ދާއިރާތަކުން ވަރަށް ބޮޑަށް އިތުބާރު ކުރާ ކަމަށެވެ. އެމީހުންގެ ބޮލުގައި ވަރަށް ބޮޑު އަމާނާތެއް އެޅިފައިވާއިރު، އެފަދަ ތުހުމަތު ކުރުމާއި އެފަދަ ވާހަކަތައް މީޑިއާތަކުގައި ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގަ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ އެފަދަ ނުބައި އަމަލެއް ނުވަތަ އެފަދަ ނޭއްގާނީ ކަންކަން ކުރައްވަން ބާރު އަޅުއްވާނެ ބޭފުޅެއް ނޫން. ކޮރަޕްޝަނާ ވަރަށް ދުރު، މީގެ ކުރިން ވެރިކަން ކުރެއްވި ކަހަލަ ބޭފުޅެއް ނޫން،" ފަލާހު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިއްޔެ "އަދަދު" ނޫހުން ވަނީ "ބައިލައްކަ" ނަމުގައި ހާއްސަ ރިޕޯޓެއް ގެނެސްދީފަ އެވެ. މަންޒަރުތަކާ އެކު ގެނެސްދިން އެ ރިޕޯޓަށް މައުލޫމާތު ހޯދީ ޕީއެންސީގެ "އިހްލާސްތެރި މެންބަރުން" ތަކެއްގެ ކިބައިން ކަމަށް ބުންޏެވެ. އެ ރިޕޯޓް ގައި ބުނީ ރައީސް މުއިއްޒު، ޕީއެންސީ މެންބަރުންނަށް މަހަކު ބައިލައްކަ ރުފިޔާ ދެއްވާ ކަމަށެވެ.

މި މަހު ފައިސާ ބެހިގޮތާއި ބެހިތަނާއި އެ ނޫން ވެސް މައުލޫމާތުތައް ހިމަނާފައިވެ އެވެ. އަދި ބުނީ މި މަހު ކޮންމެ މެންބަރަކަށް އިތުރު 25،000 ރުފިޔާއާ އެކު ޖުމްލަ 75،000 ރުފިޔާ ދީފައިވާ ކަމަށެވެ.

ފަލާހު ވަނީ މި ވާހަކަތައް ފެތުރުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެސް ތުހުމަތު ކުރައްވާފަ އެވެ. އެ ރިޕޯޓު ލިޔަން އަދަދު ނޫހަށް ރައީސް ޔާމީން ފައިސާ ދެއްވާފައިވާ ކަމަށް ތުހުމަތު ކުރައްވާ، ސަބަބެއް ކަމަށް ވިދާޅުވީ އެމަނިކުފާނަށް "ފައިސާ" ނޫން ވާހަކައެއް ދައްކަވަން އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

ސަރުކާރުން މިހާރު ވަނީ އަދަދު ނޫހަށް ފިޔަވަޅު އަޅަން ވެސް ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.