އަހަރަކު އެއްފަހަރު ބާއްވާ ކޮންފަރެންސަށް ވޫ ވަޑައިގަތުމަކީ އެމެރިކާއާއި ޗައިނާގެ އަސްކަރިއްޔާތަކުގެ މެދުގައި މުވާސަލާތުކުރަން އަލުން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ.
އެމެރިކާއާއ ޗައިނާގެ އަސްކަރިއްޔާއިން އެކުގައި އޮޕަރޭޝަންތަކެއް ހިންގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ޗައިނާގެ އިސް ޖެނެރަލެއް ހަވާއީގައި ހުންނަ ޔޫއެސް-ޕެސިފިކް ކޮމާންޑަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.
ޗައިނާގެ އަސްކަރިއްޔާ ޕީޕަލްސް ލިބަރޭޝަން އާމީގެ ދެކުނުގެ ކޮމާންޑަރު ވޫ ޔަނާން އެމެރިކާއަށް ވަޑައިގަންނަވަނީ ޔޫއެސް އިންޑޯ ޕެސިފިކް ކޮމާންޑުގެ ވެރިޔާ އެޑްމަރަލް ސެމުއެލް ޕަޕަރޯ ބާއްވަވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައި އެކަމުގެ މައުލޫމާތު ލިބިފައިވާ މަސްދަރުތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
އަހަރަކު އެއްފަހަރު ބާއްވާ ކޮންފަރެންސަށް ވޫ ވަޑައިގަތުމަކީ އެމެރިކާއާއި ޗައިނާގެ އަސްކަރިއްޔާތަކުގެ މެދުގައި މުވާސަލާތުކުރަން އަލުން ފެށުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ. މި ދަތުރުފުޅަކީ ވީޑިއޯ ކޯލެއްގެ ޒަރީއާއިން އެ ދެ ބޭފުޅުން ވާހަކަދެއްކެވިތާ ހަފުތާއެއްހަައި ދުވަސް ފަހުން ކުރައްވާ ދަތުރުފުޅެކެވެ. އެ ވީޑިއޯ ކޯލަކީ ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި ރަސްމީކޮށް ކުރެވުނު ފުރަތަމަ މަޝްވަރާ އެވެ.
ދެކުނު ޗައިނާ ކަނޑުގައި އަދި ހާއްސަކޮށް ޓައިވާން ކައިރީ ޗައިނާގެ ހަރަކާތްތައް އިތުރުކުރުމާ ގުޅިގެން ޗައިނާ އަސްކަަރިއްޔާގެ ދެކުނު ތިއޭޓާ ކޮމާންޑާ މުވާސަލާތުކުރުމަށް ޕެންޓަަގަނުން މަސައްކަތްކުރާތާ އަހރުތކެއް ވެއްޖެ އެވެ.
ފާއިތުވި އަހަރުގެ ނޮވެންބަރުގައި ސެން ފްރެންސިސްކޯގައި ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުގައި އެމެރިކާ-ޗައިނާ ގުޅުން އިސްތިގުރާރު ކުރުމަށްޓަކައި ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި މުވާސަލާތުކުރަން އަލުން ފެށުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި އެވެ.
2022 ވަނަ އަހަރު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅަށްފަހު ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި ކުރިން ގާއިމުވެފައި ހުރި މުވާސަލާތުތައް ޗައިނާއިން ބަންދުކުރި އެވެ.
ޖަރުމަން މާޝަލް ފަންޑް ތިންކު ޓޭންކުގެ ޗައިނާ މާހިރެއްކަމަށްވާ ބޮނީ ގްލެސާ ވިދާޅުވީ ވޫގެ ޒިޔާރަަތަކީ އަދި ޗައިނާގެ އަސްކަރިއްޔާއިން އެ ކޮންފަރެންސްގައި ބައިވެރިވުމަކީ ރަނގަޅު އަލާމާަތެއް ކަމަށެވެ.
"ވޫގެ ދަތުރުފުޅުގެ ތެރެއިން ދެމެހެއްޓެނެވި ގޮތެއްގައި ދެ އަސްކަރިއްޔާގެ މެދުގައި މުވާސަލާތުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕްރެޝަރު ކުރައްވަން އެޑްމަރަލް ޕަޕާރޯއަށް ފުރުސަތު ލިބިވަޑައިގަންނަވާނެ. އަދި އެ ސަރަހައްދުގެ އަސްކަރީ އިސްވެރިންގެ ބައިވެރިވެވަޑައިގަތުމާއެކު ދެކުނު ޗައިނާ ކަނޑާއި ޕެސިފިކުގެ ސަލާމަތާ ގުޅުންހުރި މައްސަލަތަކާމެދު ފުންކޮށް މަޝްވަރާކުރައްވަން ޖާގަ ލިބިވަޑައިގަންނަވާނެ،" ގްލޭސާ ވިދާޅުވި އެވެ.
ޗައިނާއިން ޓައިވާނުގެ ވަށައިގެން ހިންގާ އަސްކަރީ ހަރަކާތްތަކާމެދު އެމެރިކާއިން ކަންބޮޑުވާއިރު، ފާއިތުވި މަސްތަކުގައި ޗައިނާގެ ކޯސްޓު ގާޑުން، އޭޝިޔާގެ އެމެރިކާގެ އެންމެ ދުވަސްވީ ދިފާއީ ބައިވެރިޔާ ފިލިޕީންސްއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ވެފައިވަނީ އެމެރިކާގެ ބޮލު ރިހުން އިތުރުވާ ސަބަބަކަށެވެ.
ޗައިނާއާ ގުޅޭ ސޔާސަތު އެކުލަވައިލުމުގައި ޕެންޓަގަންގެ އެންމެ އިސް މަސްއޫލުވެރިޔާ މައިކަލް ޗޭސް ޗައިނާއަށް މިހާރު ކުރައްވާ ޒިޔާރަތަކީ، ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި ގުޅުން ރަނގަޅުވެ އެކީގައި މަސައްކަތްކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގެ އިތުރު އަލާމާތެކެވެ.