ޑޮލަރުގެ ކަޅު ބާޒާރު | ނިވަލުގައި ތިބީ ކޮން ބައެއް؟

ޑޮލަރުގެ ކަޅު ބާޒާރު އުފައްދައި ދަމަހައްޓަނީ މިރާއްޖޭގައި އުޅޭ މަދު ބިދޭސީންތަކެއް ހެއްޔެވެ؟ ނުވަތަ ކަޅު ބާޒާރުގެ ފަހަތުގައިވަނީ އެއަށްވުރެ މާ ބާރުގަދަ ބައެއް ހެއްޔެވެ؟ ކަޅު ބާޒާރު ދެމެހެއްޓުމުގައި އޮތްނަމަ އޮތީ ކޮން މަސްލަހަތެއް ހެއްޔެވެ؟

  •  ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރު ތިޔާގި
  •  ބިދޭސީންނަށް އެ އަދަދަށް ޑޮލަރު ނުލިބޭނެ
  •  ޑޮލަރުގެ ކަޅު ބާޒާރަށް ޑޮލަރު ނެރޭ މީހުންނަށް ބޮޑު ފައިދާއެއް ލިބޭނެ

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އޮތްކަމީ ހަގީގަތެކެވެ. އެންމެން ދަންނަ ކަމެކެވެ. ބޭންކުތަކުން ޑޮލަރު ލިބުމުގައި ހުރި ތާށިކަމުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކުން ފެށިގެން ގޮސް ދަރިން ބޭރު ގައުމުތަކަށް ފޮނުވައިގެން ކިޔަވައިދޭ ބެލެނިވެރިންނާއި، ބަލި ހާލުގައި ޖެހިގެން އަވައްޓެރި ގައުމަކަށް ފަރުވާ ހޯދަން ދާންޖެހޭ މީހާވެސް ޑޮލަރު ގަންނަނީ ކަޅު ބާޒާރުންނެވެ. މަރުކަަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ އެތައް ތަނެއް އަގު ބޮޑުކޮށެވެ. 

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅޭ ބިދޭސީން ދޭތެރެ ދޭތެރެއިން ހައްޔަރުކޮށް ޑީޕޯޓުކޮށްލައި އެމީހުންގެ މައްޗަށް ކޯޓުގައި ދައުވާ އުފުލައި ބަންދުކޮށް އަދަބުވެސް ދެ އެވެ. އެ ހަބަރުތައް ނޫސްތަކުގެ ފަލަސުރުހީއަށް އެރުމުން ބަޔަކު އުފަލުން އުޅެ އެވެ. ޑޮލަރުގެ ކަޅު ބާޒާރު ރޫޅައިލެވޭކަމުގެ އިހުސާސްކުރެވޭތީ އެވެ. ފަހަރުގައި އެންމެންނަށް ފެންނާނެހެން ޑޮލަރު ބަންޑެލި ހިފައިގެން ވިއްކަން އުޅެނީ ބިދޭސީން ކަމަށްވާތީ، އެމީހުންނާމެދު ފިޔަވަޅުއެޅުމުން އުފާވަނީ އެވެ. 

ނަމަވެސް ޑޮލަރުގެ ކަޅު ބާޒާރެއް އުފައްދައިގެން އެ ބާޒާރުން ބޮޑު ފައިދާ ހޯދަމުންދަނީ ހައްޔަރަށް ލެވި ޖަލުގައި ގަނަތެޅެންޖެހޭ ބިދޭސީ މީހާ ހެއްޔެވެ؟ އެގޮތަށް އެކަން ސިފަކޮށް ކިޔައިދޭ ވާހަކައަކީ ބުއްދީގެ ތަރާދުން ކިރާއިރު ބުރަދަންހުރި ވާހަކައެއް ހެއްޔެވެ؟ 

ބާޒާރަށް ޑޮލަރު ނެރެވޭނީ ޑޮލަރުން އާމުދަނީ ލިބިގެން

ކަޅު ބާޒާރުގައި ދައުރުކުރާ ޑޮލަރުގެ ޖުމްލަ އަދަދެއް ނޭނގެ އެވެ. އެފަދަ ދިރާސާއެއް ކުރެވިފައި އޮތް ތަނެއް ނުފެނުނެވެ. ނަމަވެސް މި ރިޕޯޓަށް މައުލޫމާތު ދެއްވި ވިޔަފާރިވެރިންނާއި އިގުތިސާދީ މާހިރުންގެ ރައުޔުގައި ޑޮލަރުގެ ކަޅު ބާޒާރުގައި ދައުރުކުރަނީ މަދު އަދަދެއްގެ ޑޮލަރެއް ނޫނެވެ. 

ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކަވާ ވިޔަފާރިވެރިޔަކު ނަން ނުޖެހުން ޝަރުތުކުރައްވައި ވިދާޅުވީ މުދާ އެތެރެކުރުމަށް ކޮންމެ މަހަކު އެތައް މިލިއަން ޑޮލަރެއް ބައްލަވައިގަންނަވަންޖެހޭ ކަމަށެވެ. ވަކި ވަރަކަށްވުރެ އިތުރަށް ޓީޓީ ކުރަން ބޭންކުތަކުން ޑޮލަރު ނުލިބުމުގެ ސަބަބުން މުދާ ގަންނަން ބޭނުންވާ ޑޮލަރުގެ ބޮޑު އަދަދެއް ހޯއްދަވަންޖެހެނީ ކަޅު ބާޒާރުންކަމަށް އޭނާ ވިދާޅުވި އެވެ. 

"ބައެއް ޝިޕްމެންޓުތަކަށް އެބަޖެހޭ 250،000 އަށްވުރެ ގިނަ ޑޮލަރު ހޯދަން. ބައެއްފަހަރު އެއަށްވުރެ މާބޮޑަށް ގިނަވޭ. އެންމެ ކުޑަ ޝިޕްމެންޓަށްވެސް ލައްކައަކާ ގާތްކުރާ އަދަދަށް ޑޮލަރު ބޭނުންވޭ. އެހެންވީމާ ބްލެކް މާކެޓަށް ދިއުން ނޫން ގޮތެއް ނޯވޭ. އެކަމަކު އެބުނާ ރޭޓެއްގައި ގަންނަންޏާ ޑޮލަރު ނުލިބިގެން އުޅޭކަށްވެސް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ. 

އެމްއެމްއޭގައި މަސައްކަތްކުރެއްވުމަށްފަހު މިހާރު އަމިއްލަ މަސައްކަތްކުރައްވާ އިކޮނޮމިކް އެނަލިސްޓެއް ނަން ސިއްރުކުރަން އެދުމާއެކު ވިދާޅުވެދެއްވި ގޮތުގައި އަމިއްލަ ވިޔަފާރިތަކުގެ އިމްޕޯޓަށް ބޭނުންވާ ޑޮލަރުގެ ބޮޑު ބައެއް ފާއިތުވި ދެތިން އަހަރު ހޯދަންޖެހިފަައި އޮތީ ކަޅު ބާޒާރުންނެވެ. އޭނާ އަންދާޒާކުރައްވާ ގޮތުގައި މަހެއްގެ މައްޗަށް 20 މިލިއަނާއި 30 މިލިއަނާ ދެމެދުގެ އަދަދަކަށް ޑޮލަރު ކަޅު ބާޒާރުގައި ދައުރުކުރެ އެވެ. އޭނާ ވިދާޅުވީ އެ އަދަދު ރަނގަޅަށް ބަލައިފިނަމަަ އެއަށްވުރެ އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަަމަށެވެ. 

ކަޅު ބާޒާރުގައި ޑޮލަރު މިހާ ތިޔާގިއިރު ދެން އުފެދޭ ސުވާލަކީ މި އަދަދަށް ޑޮލަރު ބާޒާރަށް ނެރެވޭނީ ކޮން ބަޔަކަށްތޯއެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އިގުތިސާދީ މާހިރު ވިދާޅުވީ ރާއްޖޭގައި އެ އަދަދަށް ޑޮލަރު ލިބޭ އަދި ބާޒާރަށް ނެރެވޭ ބަޔަކަށް ތިބޭނީ އެންމެ ބަޔަކު ކަމަށެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިންނާއި ވިޔަފާރިތައް ކަމަށެވެ. 

ޑޮލަރުގެ ކަޅު ބާޒާރެއް ދެމެހެއްޓުމުގެ މަސްލަހަތާ ގުޅޭ ނަޒަރިއްޔާއެއް

މުއާމަރާތީ ނަޒަރިއްޔާ (ކޮންސްޕިރަސީ ތިއަރީ) ނުވަތަ ބަޔަކު ސިއްރުން ރާވައިގެން ނުރަނގަޅު ކަމެއް ހިންގާކަމަށް އެކި ހެކިތައް ގުޅުވައިގެން ކިޔައި އުޅޭ ވާހަކަތައް ގަބޫލުކުރަން ދަތިވި ނަމަވެސް މިކަމުގައި އިގުތިސާދީ ދާއިރާގެ ދެ ތަޖުރިބާކާރަކު އެއް ނަޒަރިއްޔާއެއް ހިއްސާކުރެއްވުމުން ސީރިއަސްކޮށް އެކަމާ ވިސްނައިލަން ޖެހުނެވެ. 

އެ ބޭފުޅުން ވިދާޅުވެދެއްވީ ވިޔަފާރީގެ ފައިދާއާ ގުޅުން އޮތް ނަޒަރިއްޔާއެކެވެ. އެއީ ވިޔަފާރީގެ އާމުދަނީ ޑޮލަރުން ލިބުމުން އެ އާމުދަނީ ކަޅު ބާޒާރަށް ނެރެ، ބޮޑު އަގުގައި ޑޮލަރުކޮޅު ވިއްކައިލުމުން ލިބޭ ފައިދާ ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތައް ހަމަޖައްސައިލެވޭތީ ބައެއް ވިޔަފާރިތަަކުން އެގޮތަށް އެކަން ކުރަނީ ކަމަށެވެ. 

ހިސާބުން އެ ބޭފުޅުން މިކަން ހިނގާ ގޮތް ވިދާޅުވެދެއްވި އެވެ. މިސާލަކަށް ވިޔަފާރިއަކަށް ހަފުތާއެއްގެ ތެރޭގައި އާމުދަނީގެ ގޮތުގައި 100،000 ޑޮލަރު ލިބިއްޖެނަމަ ޑޮލަރުގެ ރަސްމީ ރޭޓުން އެ ޑޮލަރު މާރުކުރުމުން އެ ކުންފުންޏަށް ލިބޭނީ 1،542،000 (އެއް މިލިއަން ފަސްލައްކަ ސާޅީސް ދެހާސް) ރުފިޔާ އެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އެންމެ އުފުލުނު ދަނޑިވަޅު 18.20 ރުފިޔާގެ މަގުން އެ ފައިސާ މާރުކޮށްފިނަމަ 1،820،000 (އެއް މިލިއަން އަށް ލައްކަ ވިހިހާސް) ރުފިޔާ ލިބޭނެ އެވެ. އެއީ 278،000 ރުފިޔާގެ ފައިދާއެކެވެ. 

ފައިދާގެ ގޮތުގައި ލިބުނު ދެލައްކައެއްހައި ރުފިޔާ ބޭނުންކޮށްގެން ސަޕްލަޔަރުންނާއި އެހެނިހެން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ދިވެހިރުފިޔާއިން ހަމަޖައްސައިލުމުން އެ ކުންފުންޏަށް ލިބުނު އާމުދަނީ ހަމަޖައްސައިލެވުނީ އެވެ. 

މި ނަޒަރިއްޔާއާ ގުޅޭ ގޮތުން ރިސޯޓު ސަޕްލައިކުރާ ދެތިން ކުންފުންޏަކާ ވާހަކަދައްކައިލުމުން އެ ކުންފުނިތަކުން ދިން މައުލޫމާތަކީ ވަރަށް މަދު ރިސޯޓުތަކަކުން ނޫނީ ހުރިހާ ރިސޯޓަކުންވެސް އެ ކުންފުނިތަކަށް ފައިސާ ދައްކަނީ ދިވެހި ރުފިޔާއިން ކަމަށެވެ. ޑޮލަރުން އާމުދަނީ ލިބުނަސް ޑޮލަރުން ސަޕްލަޔަރުންނަށް ފައިސާ ދިނުމަކީ ރިސޯޓުތަކުން އާދަވެގެން ކުރާ ކަމެއް ނޫން ކަމަށެވެ. 

ޑޮލަރު ވިއްކަން އުޅޭ މީހުންނަށް ލިބެނީ ކުޑަ ފައިދާއެއް

ޑޮލަރުގެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން އުޅޭ ބިދޭސީންނާއި ދިވެހިންނަށް ޑޮލަރު ވިއްކައިގެން ބޮޑު ފައިދާއެއް ލިބޭ ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް ހަގީގަތް އޮތީ މުޅިން އެހެން ނޫންކަމަށް އެކަމުގައި ހަރަކާތްތެރިވާ ބައެއް މީހުން ކިޔައިދިނެވެ. 

ޑޮލަރުގެ ވިޔަފާރިކުރާ ތަނެއް ހިންގާ ޒުވާނަކު ނަން ސިއްރުކުރުން ޝަރުތުކޮށް "މިރާ"އަށް ކިޔައިދިން ގޮތުގައި ޑޮލަރު ވިއްކައިގެން އޭނާއަށް ލިބެނީ ކޮންމެ ޑޮލަރަކުން 40 ލާރި އެވެ. ބިދޭސީންނަށް ގިނަ ފަހަރު ލިބެނީ އެއަށްވުރެވެސް މަދު އަދަދެއް ކަމުގައި އޭނާ ކިޔައިދިނެވެ. 

އޭނާގެ ވާހަކައަށް އިތުބާރުކޮށް ހިސާބުކޮށްފިނަމަ ވިއްކާ ކޮންމެ އެއްހާސް ޑޮލަރަކުން އޭނާއަށް ލިބޭނީ ކިހައިވަރެއް ހެއްޔެވެ؟ 18.20 ރުފިޔާގެ ރޭޓުން ޑޮލަރު މާރުކުރާނަމަ 17.8 ރުފިޔާ ލިބޭނީ ޑޮލަރު ބާޒާރަށް ނެރުނު ފަރާތަށެވެ. އޭނާއަށް 17،800 ރުފިޔާ ލިބެ އެވެ. ޑޮލަރުކޮޅު ހިފައިގެން ބާޒާރުގައި އުޅުނު މީހާއަށް ލިބޭނީ 400 ރުފިޔާ އެވެ. 

ހައްލުގެ ކުރިން ދުނިޔޭގެ ހަގީގަތެއް

މި ރިޕޯޓަށް ވާހަކަދެއްކެވި ވިޔަފާރިވެރިންނާއި، އިގުތިސާދީ މާހިރުންނާއި ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންގެ ވާހަކަފުޅުތަކުން އެނގުނު އެއްކަމަކީ ކަޅު ބާޒާރެއް އުފައްދައި ނަގަހައްޓަނީ ބާރުގަދަ ތަނަވަސް އަތްމަތީގައި ޑޮލަރު ތިޔާގި ބައެއް ކަމެވެ. އެމީހުންގެ މަސްލަހަތު އޮތީ ބޭންކިން ނިޒާމަށް ޑޮލަރު ނުވައްދައި ބޭރުގައި ޑޮލަރު އަނބުރައިގެން އެލިބޭ މަންފާ ހޯދުމުގައި ކަމެވެ. 

ހަރުދަނާ ނިޒާމީ ބަދަލުތަކެއް ނުގެނެސް މި މައްސަލަ ހައްލުނުކުރެވޭނީ މިހެންވެ އެވެ. ޑޮލަރުގެ މައްސަލައިގެ ހައްލުގެ ފެށުމަކީ "ޑީޑޮލަރައިޒޭޝަން" އެވެ. ޓެންޑާއެއްގެ ގޮތުގައި ޑޮލަރު ބޭނުންކުރުން ހުއްޓައިލުމެވެ. ރާއްޖޭގެ ލީގަލް ޓެންޑާއަކީ ނުވަތަ ވިޔަފާރިކުރަން ބޭނުންކުރުމަށް ގާނޫނުން ހުއްދަކުރާ ހަމައެކަނި ފައިސާއަކީ ދިވެހި ރުފިޔާ އެވެ. ނަމަވެސް 200 އަށްވުރެ ގިނަ ފަރާތަށް ޑޮލަރު މާރުކުރުމުގެ ހުއްދަ ދީފައިވާއިރު އޭގެ ތެރޭގައި ރިސޯޓުތަކާއި ރާއްޖޭގެ ނަންކިޔާ ހުރިހާ ވިޔަފާރިއެއް ހިމެނެ އެވެ. 

މުދަލާއި ހިދުމަތުގެ އަގު އެ ވިޔަފާރިތަކުން ޑޮލަރުން ނެގުމުން އެވަަނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކަށެވެ. ގެސްޓުހައުސްތަކާއި ރިސޯޓުތަކުގައި ހުރިހާ ހިދުމަތެއްގެ އަގު ހުންނަނީ ޑޮލަރުންނެވެ. ނަމަވެސް ރާއްޖެއާ ވާދަވެރި އެހެނިހެން ފަތުރުވެރިކަމުގެ މަންޒިލުތަކުގައި އެކަން އޮންނަނީ އެހެނެއް ނޫނެވެ. 

އިންޑޮނޭޝިޔާގެ ބާލީއަށްވިޔަސް ތައިލޭންޑުގެ ޕުކެޓާއި ބެންކޮކްކަމަށްވީ ނަމަވެސް ހިދުމަތްތަކާއި މުދަލުގެ އަގު ހުންނަނީ އެ ގައުމުތަކުގެ ފައިސާއިންނެވެ. ކޮޓަރިއަށް ފައިސާ ދައްކަންޖެހެނީ އެ ގައުމުތަކުގެ ފައިސާއިންނެވެ. ރެސްޓޯރެންޓުތަކާއި ކެފޭތަކުގެ މެނޫގައި އަގު ހުންނަނީ އެގައުމުތަކުގެ ފައިސާއިންނެވެ. 

ޑޮލަރުގެ އަގަކީ ފެންނަން ހުންނަ އެއްޗެކެވެ. ގިނަ ގައުމުތަކުގައި ޑޮލަރުގެ އަގަކީ މިނިވަން ބާޒާރުގެ އުސޫލުތަކުގެ ތެރެއިން ކަނޑައަޅަން ދޫކޮށްލާފައިވާ އެއްޗެކެވެ. ނަމަވެސް ޑޮލަރު ވިއްކެނީ ހުއްދަ އޮންނަ ތަންތަނަށެވެ. ޑޮލަރު މާރުކޮށްގެން ނޫނީ މުއާމަލާތްތައް ކުރަން އުނދަގޫވަނީ އެހެންވެ އެވެ. ވަންނަ ކޮންމެ ފިހާރައަކާއި ރެސްޓޯރެންޓަކުން ޑޮލަރު މާރުނުކުރެވެ އެވެ. 

ނަތީޖާއަކީ މާރުކުރަން ހުއްދަ ދީފައި އޮންނަ ތަންތަނުން ޑޮލަރު މާރުކޮށްގެން އެ ގައުމުގެ ފައިސާއިން މުއާމަލާތްތައް ހިންގަންޖެހުމެވެ. 

ހައްލަކީ ރައީސް ހުށަހެޅުއްވި ފިޔަވަޅުތައް

މި މައްސަލަ ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ދެތިން ކަމެއް ހުށަހަޅުއްވާފަ އެވެ. އެއިން އެންމެ މުހިއްމު ކަމަކީ ޑޮލަރު މާރުކުރުމުގެ ހުއްދަ އޮންނަ ތަންތަން މަދުކުރައްވައި ބޭންކުތަކުންނާއި ބޭންކުތަކާ ގުޅިފައިވާ ތަންތަނުން ނޫނީ ޑޮލަރު މާރުނުކުރެވުމެވެ. އެއިރުން ބޭންކުތައް މެދުވެރިކޮށް އެތަންތަން ރެގިއުލޭޓުކުރަން ފަސޭހަވެ، ކޮންމެ ފިހާރައަކާއި ކެފޭއެއް އަދި ގެސްޓުހައުސްއެއް މަނީ އެކްސްޗޭންޖަރުންގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އަންނާނެ އެވެ. 

"މި ރެގިއުލޭޝަނަށް ގެނެވޭ ބަދަލުގެ ސަބަބުން ވާ ގޮތަކީ، އަޅުގަނޑުމެންގެ ރާައްޖޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވަރަށް ގިނަ ވިޔަފާރިތައް އެބަ ހިންގާ. މި ފައިސާ ބްލެކް މާކެޓުގައި މާރުކުރާ ކުރުން ނިމުމަކަށް އައިސް ބޭންކަށް މާރުކުރަން މަޖުބޫރުވާނެ،" އެ ހަގީގަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ދެވަނައަށް ގެންނަވަން ގަސްތުކުރައްވާ ބަދަލަކީ ރާއްޖޭގައި ހުރި ބޭރުގެ އިންވެސްޓުމެންޓުތަކަށް ލިބޭ ފައިދާ ޑޮލަރުގެ ގޮތުގައި ރާއްޖެއިން ބޭރަށް ގެންދިއުމުގެ ކުރިން ރާއްޖޭގެ ބޭންކެއްގެ އެކައުންޓުގައި އެ ޑޮލަރު ވަކި މުއްދަތަކަށް ބަހައްޓަންޖެހޭ ގޮތަށް ގަވާއިދަށް ގެންނަވަން ހުށަަހެޅުއްވި އިސްލާހެވެ. 

މިއީ އަޅަންޖެހޭ ފިޔަވަޅުތައްކަން ކުރީގެ ސަރުކާރުތަކަށްވެސް އެނގެ އެވެ. ޑިޑޮލަރައިޒޭޝަންގެ ސިޔާސަތުތަކެއް ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އަމީރުވެސް ދެއްކެވީ މިފަދަ ވާހަކަފުޅެކެވެ. ނަމަވެސް އެ ވާހަކަފުޅު ނިމުނީ ތަންފީޒުނުކުރެވި ލިޔުމަށްވެސް ރަނގަޅަށް ތިރިނުކުރެވި އޮތް ހުސްވާހަކައަކަށް ވެގެންނެވެ. 

މިފަހަރު ތަފާތެވެ. މިއީ ވަޒީރަކު ދައްކަވައިލެއްވި ވާހަކައެއް ނޫނެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާގެ ދޫފުޅުން ދެއްކެވި ވާހަކަފުޅެކެވެ. އެ ސިޔާސަތުތައް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ހިނގަމުންދާކަމުގެ މުއުތަބަރު މައުލޫމާތު "މިރާ"އަށްވަނީ ލިބިފަ އެވެ. އުންމީދަކީ ފަރުދާގެ ފުރަގަހުގައި ކޮންމެ ބަޔަކު ތިއްބަސް ޑޮލަރުގެ ކަޅު ބާޒާރުގައި ތަޅުއަޅުވައި ބަންދުކުރެވި ޑޮލަރު ލިބުމުގައި އޮތް ދަތިކަން ހައްލުކުރެވިގެންދާ މަންޒަރު ފެނުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.