މިނިވަން ނޫސްވެރިކަން ނައްތާލާން ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: ފައްޔާޒު

"ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނޫސްވެރީންގެ ބައްދަލްވުމުގައި -- ވޮއިސްގެ ފޮޓޯއެއް

މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ އޮންލައިން ނޫހަކުން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނުމާއި ގުޅިގެންނެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުން ކަމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެ ކަމަށެވެ.

މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެ ކަމަށެވެ.

"ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަށް ނުކުރެވޭ. ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ކުށްވެރިކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

މަޖިލީހުގައި ހިމެނޭ ޕީއެންސީގެ މެންބަރުންނަަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކޮންމެ މަހަކު 50،000 ރުފިޔާ ދެއްވާ ކަަމަށް ބުނެ ވާހަކަތަކެއް ފެތުރޭތާ ދުވަސްތަކެެއް ވެއްޖެ އެވެ. ސަރުކާރާއި ރައީސް މުއިއްޒު ކުރީން ވެސް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

އަދަދު ނޫހުން މިއަދު ވަނީ "ބައިލައްކަ" ނަމުގައި ހާއްސަ ރިޕޯޓެއް ގެނެސްދީފަ އެވެ. މަންޒަރުތަކާ އެކު ގެނެސްދިން އެ ރިޕޯޓަށް މައުލޫމާތު ހޯދީ ޕީއެންސީގެ "އިހްލާސްތެރި މެންބަރުން" ތަކެއްގެ ކިބައިން ކަމަށް ބުންޏެވެ. އެ ރިޕޯޓް ގައި ބުނީ ރައީސް މުއިއްޒު، ޕީއެންސީ މެންބަރުންނަށް މަހަކު ބައިލައްކަ ރުފިޔާ ދެއްވާ ކަމަށެވެ.

މި މަހު ފައިސާ ބެހިގޮތާއި ބެހިތަނާއި އެ ނޫން ވެސް މައުލޫމާތުތައް ހިމަނާފައިވެ އެވެ. އަދި ބުނީ މި މަހު ކޮންމެ މެންބަރަކަށް އިތުރު 25،000 ރުފިޔާއާ އެކު ޖުމްލަ 75،000 ރުފިޔާ ދީފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެެއް ކަމަަށެޗެ.

‏ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ހަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

‏ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ހަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.