ޕީޖީކަމަށް ރައީސް ފޮނުއްވީ އައްބާސްގެ ނަންފުޅު، ކޮމިޓީ މިރޭ 9:30 ގައި

ޕީޖީކަމަށް އައްޔަންކުރުމަށް ރައީސް ނަންފުޅު ފޮނުއްވި އައްބާސް ޝަރީފަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަައިވާ ތަޖުރިބާކާރު ގާނޫނީ އިލްމުވެރިއެކެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އަދި އައްބާސް ޝަރީފު

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަަންކުރެއްވުމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކިކުރަން ފާސްކުރުމާ ގުޅިގެންނެވެ. މަގާމުން ވަކިކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އޭނާގެ އިސްތިއުފާ ސިޓީ ޝަމީމު ފޮނުއްވި އެވެ. 

ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ.

ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނު ތަމްސީލު ކުރެއްވި އެއް ބޭފުޅަކީވެސް އައްބާސެވެ.

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި އަނބުރުގެ ދައުވާގެ މައްސަލާގައިވެސް ވަކީލެއްގެ ގޮތުގައި އައްބާސް މަސައްކަތް ކުރެއްވި އެވެ. އޭގެ އިތުރަށް އައްބާސަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ. އައްބާސް ޝަރީފު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިންނެވެ.

ގާނޫނުގައިވާ ގޮތުގެ މަތީން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހޭނެ އެވެ.

ރައީސް ފޮނުއްވި ނަންފުޅު ދިރާސާކުރަން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން ނިންމަވާފައިވާއިރު، އެ ކޮމިޓީގެ ބައްދަލުވުމެއް މިރޭ 21:30 ގައި ކުރިއަށްދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.