ބޭހުގެ އަގުން މިވަރުގެ ބޮޑު ފައިދާއެއް ނަގަމުންދާ ދިއުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަމާ ބެހޭ އިދާރާތަކުން އެޅުމަށް އަންގަވާފައިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ބޮޑު އަގުގައި ބޭސް ވިއްކައިގެން ބޮޑެތި ފައިދާ ނެގުން ހުއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އެކަން ހާމަކުރައްވައި މިރޭ އެކްސްގައި ރައީސް ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެކޮށް މިިހާތަނަށް ވިއްކަމުން ގޮސްފައިވަނީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތަައާ ދެމެދުގެ ފައިދާއެއް ލާފައި ކަމަށެވެ.
އަދި ބޭހުގެ އަގުން މިވަރުގެ ބޮޑު ފައިދާއެއް ނަގަމުންދާ ދިއުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކަމާ ބެހޭ އިދާރާތަކުން އެޅުމަށް އަންގަވާފައިވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި.،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގެ ނަތީޖާއަކަށްވާނީ ބޭހުގެ ބާޒާރުގައި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވުން ކަމަށެވެ. މިބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފުސީލާއި ފިޔަވަޅުތައް އަޅާނެ މުއްދަތުގެ ތާވަލުތައް ވަރަށް އަވަހަށް އާންމުކޮށް އިއުލާނުކުރެވިގެންދާނެ ކަމަށެވެ.
އަދި ރައީސް ވިދާޅުވީ މިފިޔަވަޅާއެކު މިހާރު އާސަންދައިން އިސްރާފުވާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރުމަށް މަގުފަހިވާނެ ކަމަށެވެ.
"މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ.،" ރައީސް ވިދާޅުވި އެވެ.
ބޭހުގެ އަގު ދަށްކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް އަންގަވާފައިވާއިރު، ބަލްކް ޕްރޮކިއުމެންޓު އުސޫލުގެ ދަށުން ފެންވަރު ރަނގަޅު ބޭސް ޔޫރަޕުން ގަންނަ ގޮތަށް ބޭސް ގަތުމުގެ ނިޒާމުވަނީ ބަދަލުކުރެވިފަ އެވެ. އެއީ ކުރީގެ ސަރުކާރުތަކަށް ކާމިޔާބުކަމާއެކު ކުރެވިފައި ނެތް ކަމެކެވެ.