ޕާޓީއެއްގެ އެތެރޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބަށް ކޮންގުރެސްއިން ހުޅުވާލައިފި

ކޮންގްރެސްގެ އެތެރޭގެ އިންތިހާބުގައި ޖުމްލަަ 2095 މަގާމަކަށް މެންބަރުން އިންތިހާބުކުރުން އޮންނާނެ އެވެ.

ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން، ފޮޓޯ: ޕީއެންސީ

މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިހާބަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ހުޅުވާލައިފި އެވެ. 

މިއަދު އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަދި ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ މި އިންތިހާބުގައި ޖުމްލަަ 2095 މަގާމަކަށް މެންބަރުން އިންތިހާބުކުރުން އޮންނާނެ ކަމަށެވެ. 

އިންތިހާބުކުރަން ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުން ހިމެނެ އެވެ. ހަލީލު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ދާއިރާތަކުގެ ރައީސުންނަށް ވެވަޑައިގަންނަވާނީ އެ ދާއިރާއެއްގެ މަޖިލިސް މެންބަރުންނެވެ. 

އެހެންކަމުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެންބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަށް ވެވަޑައިގަންނަވާނީ އެ ބޭފުޅުންނެވެ. ބާކީ 18 ދާއިރާއަށް މެންބަރުން އިންތިހާބުކުރުން އޮންނާނެ އެވެ. 

ހުރިހާ ދާއިރާތަކަށް ނައިބުރައީސުން އިންތިހާބުކުރުން އޮންނާނެ އެވެ. އެހެންކަމުން 93 ދާއިރާއަށް ނައިބުރައީސުން އިންތިހާބުކުރާނެ އެވެ. 

އޭގެ އިތުރަށް ކޮންމެ ރަށަކުން ޒުވާނުންގެ ހަރަކާތުގެ ރައީސަކާއި އަންހެނުންގެ ހަރަކާތުގެ ރައީސަކާއި، ސިޓީތަކުގެ ހުރިހާ ދާއިރާއަކުން ވަކިވަަކިން ޒުވާނުންގެ ހަރަކާތުގެ ރައީސަކާއި އަންހެނުންގެ ހަރަކާތުގެ ރައީސެއް އިންތިހާބުކުރަންވަނީ ހުޅުވާލާފަ އެވެ. އެ މަގާމުތަކަށް ޖުމްލަ 420 މެންބަރުން އިންތިހާބުކުރުން އޮންނާނެ އެވެ. 

އޭގެ އިތުރަށް ސްޓިއަރިން ކޮމިޓީތައް އިންތިހާބުކުރުންވެސް އޮންނާނެ އެވެ. 3،000 އަށްވުރެ ކުޑަ އާބާދީ އޮންނަ ރަށްތަކުން ހަތް މެންބަރުން ހިމެނޭ ސްޓިއަރިން ކޮމިޓީއެއް އަދި 3،000 އަށްވުރެ އާބާދީ ބޮޑެތި ރަށްތަކުން ނުވަ މެންބަރުން ހިމެނޭ ސްޓިއަރިން ކޮމިޓީތަކާއި، ސިޓީތަކުގެ ކޮންމެ ދާއިރާއަކުން ނުވަ މެންބަރުން ހިމެނޭ ސްޓިއަރިން ކޮމިޓީތަކެއް އިންތިހާބުކުރާނެ އެވެ. 

ސްޓިއަރިން ކޮމިޓީތަކުގައި ތިއްބަވާނީ އާންމު މެންބަރުންނާއި، ޒުވާނުންގެ މެންބަރަކާއި އަންހެނުންގެ މެންބަރެކެވެ. ސްޓިއަރިން ކޮމިޓީތަކަށް އާންމު މެންބަރުންނާއި ޒުވާނުންގެ މެންބަރާއި އަންހެނުންގެ މެންބަރު ހިމެނޭހެން ޖުމްލަ 1،564 މެންބަރުން އިންތިހާބުކުރާނެ އެވެ. 

މިއަދުން ފެށިގެން ސެޕްޓެންބަރު 30 ވަނ ދުވަހުގެ 18:00 އާ ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.