މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރައީސް އިންޑިޔާއަށް ވަރަށް އަވަހަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، ރައީސް އިންޑިޔާއަށް ވަރަށް އަވަހަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ދަތުރުފުޅަށް އެންމެ މުނާސަބު ތާރީހެއް ކަނޑައެޅުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާކުރުން ކަމަށެވެ.
އެ ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ރައީސް އޮފީހުން ހާމަނުކުރެ އެވެ.
އިންޑިޔާއަށް ރައީސް ވަޑައިގެންފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި މިހާތަނަށް ފުރަމާނަ / ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިޔާއަށް ވަޑައިގެންފައިނުވެ އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިޔާ ސިފައިން އަނބުރާ ފޮނުވައިލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވުމުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހީނަރުވެ ނުތަނަވަސްކަން އުފެދުނެވެ.
ނަމަވެސް ޑިޕްލޮމަސީގެ ތެރެއިން ކުރެވުނު މަޝްވަރާތަކާއެކު އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވާންވަނީ ފަށާފަ އެވެ. ރައީސް އިންޑިޔާއަށް ވަޑައިގެންނެވި ފަހުން އެ ގައުމުގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
އިންޑިޔާ-ރާއްޖެ ގުޅުން ހީނަރުވުމަށްފަހު އަލުން ރަނގަޅުވާން ފަށާފައިވާއިރު، އިންޑިޔާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން އެދިފައިވެ އެވެ. އަދި ރިޒާވްއަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް އިންޑިޔާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް އެމްއެމްއޭއިން ދަނީ އެ ގައުމާއެކު މަޝްވަރާކުރަމުންނެވެ.