އަތުހަރުގެ މަރާ ގުޅިގެން އިތުރު ކަމެއް ބަލަން ނެތްކަމަށް ބުނުމުން ވެއްޓުނީ ފުލުހުންގެ އަގު: މާރިޔާ

ކޮންމެ ތަނަކަށް ގެންދިޔަސް ރަނގަޅަށް ބަލަހައްޓަންޖެހޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ގޮތަށް މިނިސްޓަރު ނުކުމެވަޑައިގެން ކަންކުރައްވަންޖެހޭނީ. އެބޭފުޅާ އަމިއްލަ ރައްކާތެރިކަމަށް ވެސް ކުރަންޖެހޭނެ ކަމެއް." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އަހްމަދު ދީދީ އެމްޑިޕީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓާ އަމިއްލަ އަށް މަރުވި، އާދަމް އަތްހަރުގެ މަރުގެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމުން ވެއްޓުނީ ފުލުހުންގެ އަގު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަވަރުބެރު ޕެނެލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، އަތްހަރު ކުރި ކުށަކީ ހައްގު އަދަބު ދޭންޖެހޭނެ، ވަރަށްވެސް ނުރައްކާތެރި ކުށެއް ކަމަށެވެ. އެހެން ނަމަވެސް އެ ކުށުގެ އަދަބު ނުދެވި، ދައުލަތުގެ ބެލުމުގެ ދަށުގައި ޖަލުގައި ހުއްޓާ އޭނާ އަމިއްލައަށް މަރުވުން އެއީ އެއްވެސް ހާލަތެއްގައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީން ފެށުނީއްސުރެ ވަކާލާތު ކުރަމުންދަނީ ހައްޔަރުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާ އާއި ދެކޮޅަށް ކަަމަށެވެ. ހައްޔަރުގައި ތިބޭ މީހުންނާމެދު އެމީހުން ބަލަހައްޓަމުންދާ މީހުންނަށް ޝައްކުގެ ލޮލަކުން ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބަލަމުންދާތީ އެ ޝައްކު އެގޮތަށް ނޯންނާނެ ފަދަ ގޮތަކަށް މަރެއް އޮތަ ނުދިނުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެން މިހިސާބަށް އައިސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެހެން ވަނިކޮށް ކުއްލިއަކަށް ދެމަރެއްގެ ވާހަކަ މިދިޔައީ. އަތްހަރު ކުރި ކަންތައް އެއްވެސް ހާލެއްގަ އަޅުގަނޑުމެން ރަނގަޅުކުރަނީކީ ނޫން. އަންހެނެއްގެ ގައިގައި އަނިޔާއެއް ދިނުމުގެ ނިޔަތުގަ އިނގިލި ކުރި ޖައްސާލުމަކީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް. އެއީ އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް ހާއްސަކޮށް އަންހެނަކަށް އެވަރުގެ ބޮޑު އަނިޔާއެއް ދިނުމަކީ ކުށެއް. އެކަމުގެ އަދަބު ކަނދައެޅި އަތްހަރަށް ލިބެންޖެހޭނެ. މީގެ އެންމެ ކަންބޮޑުވާ ކަމަކީ އަތްހަރުގެ އާޢިލާގެ ަކންބޮޑުވުން ހުއްޓާ ސަރުކާރުން ހޯމް މިނިސްޓަރު މި ވިދާޅުވަނީ އަތްހަރު އަމިއްލައަށް މަރުވި މައްސަލައިގައި އިތުރަށް ބަލާކަށް ކަމެއް ނެތޭ ބަލަން ނުޖެހޭނެޔޭ. އެއީ ހަގީގަތުގަ ފުލުހުންގެ އަގު ރައްޔިތުން ކުރިމަތީގަ ވެއްޓުން." އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުންގެ ކޮންފިޑެންސް ލިބެންޖެހޭ ކަމަށާއި، މިސާލެއްގެ ގޮތުން ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ މައްސަލަ 241 ކޮމިޓީއަށް ގެންގޮސްގެން ބެލި އިރު، ފެށުނު އިރު އެންމެން ކިޔަމުން ދިޔައީ ބޮޑު ސެކިއުރިޓީ ބްރީޗެއް ވެގެން އުޅޭ ކަމަށް ކަމަށެވެ. އަދި މަޖިލީހުން ބައްލަވާފައި ނިންމެވީ އެތާ ސެކިއުރިޓީ ބަލަންތިބި ކުދިންނަށް ގައުމީ ފެންވަރުގެ މެޑަލް ލިބެންޖެހޭ ކަމަށެވެ.

"ދަންނަވަން މިއުޅޭ ވާހަކައަކި މަޖިލިހުންވެސް ބައްލަވަންޖެހޭނެ، މިނިސްޓަރުން އެތަނަށް ހާޒިރުވާންވެސް ޖެހޭނެ. ކޮންމެ ތަނަކަށް ގެންދިޔަސް ރަނގަޅަށް ބަލަހައްޓަންޖެހޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ގޮތަށް މިނިސްޓަރު ނުކުމެވަޑައިގެން ކަންކުރައްވަންޖެހޭނީ. އެބޭފުޅާ އަމިއްލަ ރައްކާތެރިކަމަށް ވެސް ކުރަންޖެހޭނެ ކަމެއް." އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ފުލުހުންގެ އެތެރޭގައިވެސް ކަންކަން ބެލެން އޮންނަ ކަމަށާއި، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އޮވެ ފާއިތުވި ފަސް އަހަރު ފުލުހުންގެ ތެރޭގައި ހުރި ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ތެރެއަށް ހޯމް މިނިސްޓަރު ސިޔާސީ ގޮތުން ވަންނަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.