"އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ދިވެހިންނަކީ ހަމައެކަނި ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް ބޭނުންކުރާ ބަޔަކަށް އެކަނިވުމުގެ ބަދަލުގައި ދިވެހިންނަކީ ޓެކްނޮލޮޖީ އީޖާދުކޮށް އުފައްދާ ބައެއްކަން ކަށަވަރުކުރުން،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއި ތަސައްވުރުގެ ތެރެއިން ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެއްސެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުންކަމަށް ހާރިޖީވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޒަަމީރު މިފަދައިން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗަރ ފޯ މޯލްޑިވްސް" ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ އިވެންޓުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މިހާރަށްވުރެ ފުޅާކޮށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކޮށް، ޑިޖިޓަލް އިގުތިސާދު ބިނާކޮށް ފުޅާކުރުމާމެދު މަޝްވަރާކުރެވުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ސަރުކާރުގެ މިޝަން ވަރަށް ސާދާ ކަމަށެވެ.
އެގޮތުން ސަރުކާރުގެ މިޝަނަކީ ޑިޖިޓަލް ޓެކްނޮލޮޖީއަށް ގެންނަން ކުރިއެރުމާއެކު ކޮންމެ ދިވެއްސެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެންމެން ގުޅިފައިވާ އުފެއްދުންތެރި އީޖާދީ މުޖުތަމައެއް ބިނާކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތަކީ ހަމައެކަނި އައު ޓެކްނޮލޮޖީތައް ތައާރަފުކުރުން ނޫންކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ އެ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ޑިޖިޓަލައިޒޭޝަނުގެ ތެރެއިން ފަހިވެގެންދާ ފުރުސަތުތަކާއި ފަސޭހަތަކުގައި ހުރިހާ ރައްޔިތުންނަށް ޝާމިލުވެ ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ދިވެހިންނަކީ ހަމައެކަނި ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް ބޭނުންކުރާ ބަޔަކަށް އެކަނިވުމުގެ ބަދަލުގައި ދިވެހިންނަކީ ޓެކްނޮލޮޖީ އީޖާދުކޮށް އުފައްދާ ބައެއްކަން ކަށަވަރުކުރުން،" މިނިސްޓަރު އިތުރަށް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި މި އިވެންޓުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ޓެކްނޮލޮޖީގެ އެކި ދާއިރާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ކުރަން ރާވާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވައިލެއްވި އެވެ.