ރައީސް އޮފީހުގައި މިއަދު ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ދެ ބޭފުޅުންވެސް ހުވައިކުރެއްވީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ.
ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ސިވިލް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދު އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އަލްއުސްތާޛު އިސްމާއީލު ހަބީބު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ފަރުހާދު އައްޔަންކުރެއްވީ އެ ކޮމިޝަނުގައި ދަށު ކޯޓުތައް ތަމްސީލުކުރައްވާ ފަނޑިޔާރުގެ ހައިސިއްޔަތުންނެވެ. އެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބރުކަން އަދާކުރައްވާ ފަނޑިޔާރު އިންތިހާބުކުރަނީ ރާއްޖޭގެ ހުރިހާ ދަށު ކޯޓުތަކެއްގެ ފަނޑިޔާރުން ބައިވެރިވާ ވޯޓަކުންނެވެ.
ފަރުހާދަކީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު އަދާކުރައްވަމުންނެވެ.
ފަރުހާދުގެ އިތުރަށް މިއަދު މަގާމަށް އައްޔަންކުރެއްވި އަނެއް ބޭފުޅަކީ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވި ހަބީބެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ރައްޔިތުންގެ މަޖިލީހުން ފާއިތުވި ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. އޭނާ މަގާމަށް އައްޔަންކުރީ އެޗްއާރުސީއެމްގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި ޑރ.އަދުހަމް އަބްދުﷲ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ހަބީބަކީ އިލެކްޝަން ކޮމިޝަނަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެކެވެ. ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްކަމާއި، މެންބަރުކަމާއި ނައިބުރައީސްކަން އޭނާ އަދާކުރެއްވި އެވެ.
ރައީސް އޮފީހުގައި މިއަދު ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި ދެ ބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. ދެ ބޭފުޅުންވެސް ހުވައިކުރެއްވީ ރައީސް މުއިއްޒުގެ ކުރިފުޅުމަތީގަ އެވެ. އެއަށްފަހު ރައީސްވަނީ ދެ ބޭފުޅުންނަށްވެސް މަގާމުގެ ފަތްކޮޅު ހަވާލުކުރައްވާފަ އެވެ.