ކުންފުނިން ބުނި ގޮތުގައި އެ ނިއުކުލިއާ ޕަވާ ޕްލާންޓުން އެމިރޭޓްސްއަށް ބޭނުންވާ ހަކަތައިގެ 25 އިންސައްތަ އުފައްދާނެ އެވެ.
އަރަބި ދުނިޔޭގެ ފުރަތަމަ ނިއުކުލިއާ ހަކަތަ އުފައްދާ ޕްލާންޓު ޔުނައިޓެޑް އަރަބިކް އެމިރޭޓްސްއިން ތަރައްގީކޮށް ނިންމައިފިކަން ބުރާސްފަތި ދުވަހު އިއުލާނުކޮށްފި އެވެ.
އަބޫދާބީގައި ހުންނަ ބަރަކާ ނިއުކުލިއާ ޕަވާ ޕްލާންޓުގެ ހަތަރުވަނަ ރިއެކްޓަރު ބޭނުންކުރަން ފެށުމުން އަހަރެއްގެ މައްޗަށް 40 ޓަރަވޮޓް-އަވާސްގެ ހަކަތަ އެ ޕަވާ ޕްލާންޓުން އުފައްދާނެކަމަށް އެމިރޭޓްސްގެ ނިއުކުލިއާ ހަކަތަ ކުންފުނި އެމިރޭޓްސް ނިއުކްލިއާ އެނާޖީ ކޯޕަރޭޝަން (އީއެންއީސީ)އިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ ނިއުކުލިއާ ޕަވާ ޕްލާންޓުން އެމިރޭޓްސްއަށް ބޭނުންވާ ހަކަތައިގެ 25 އިންސައްތަ އުފައްދާނެ އެވެ. އެއީ ނިއުޒިލެންޑުގައި އަހަރެއްގެ މައްޗަށް ބޭނުންކުރާ ހަކަތައާ އެއް މިންވަރެކެވެ. ހޫނު ގަދަވުމުގެ ސަބަބުން ހުރިހާ ތަނެއްގައިހެން އަބަދުވެސް އެއާ ކޮންޑިޝަން ބޭނުންކުރަންޖެހޭ އެމިރޭޓްސްއަށް މިއީ ބޮޑު ލުޔަކަށްވާނެ އެވެ.
އީއެންއީސީން ބުނި ގޮތުގައި މި ޕަވާ ޕްލާންޓުން މުހިއްމު ގިނަ ކުންފުނިތަކަކަށް ހަކަތަ ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީއާއި އެމިރޭޓްސް ސްޓީލް އަދި އެމިރޭޓްސް ގްލޯބަލް އެލުމިނިއަމް ހިމެނޭނެ އެވެ.
ބަރަކާގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ 2020 ވަނަ އަހަރު އެވެ. އެއީ އެ ޕަވަ ޕްލާންޓުގެ ހަތަރު ރިއެކްޓަރުގެ ތެރެއިން ފުރަތަމަ ރިއެކްޓަރުގެ މަސައްކަތް ނިމުމާ ގުޅިގެންނެވެ.
އިމާރާތުގެ އިތުރަށް ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ތެޔޮ އުފައްދާ ބޭރުކުރާ ގައުމުކަމަށްވާ ސައުދީ އަރަބިއްޔާއިންވެސްވަނީ ނިއުކުލިއާ ރިއެކްޓަރުތަކެއް ގާއިމުކޮށް ޕަވާ ޕްލާންޓެއް އެޅުމަށް ވިސްނާކަން ހާމަކޮށްފަ އެވެ.
އެމިރޭޓްސްގެ ރައީސް ޝައިހް މުހައްމަދު ބިން ޒާއިދު ސިފަކުރެއްވި ގޮތުގައި ބަރަކާ ޕަވަޕްލާންޓުގެ މަސައްކަތް ނިމުމަކީ ތިމާވެއްޓާ ރަށްޓެހި ގޮތަށް ހަކަތަ އުފައްދައި ނެޓް ޒީރޯގެ އަމާޒު ހާސިލުކުރުމަށް އެ ގައުމުން ކުރާ މަސައްކަތުގައި ކުރިއަށް އެޅުނު ބޮޑު ފިޔަވަޅެކެވެ.
އިންޓަނޭޝަނަލް އެޓޮމިމް އެޖެންސީން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް 60 އަހަރާއި 80 އަހަރާ ދެމެދުގެ މުއްދަތަކަށް ބޭނުންކުރެވޭނެ އެވެ. އޭގެ އުމުރު ހަމަވުމުން އެ ޕަވާ ޕްލާންޓު ޖެހޭނީ ރޫޅައިލަން ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ.
ތެލުގެ މަައްޗަށް ބިނާވެފައި އޮތް އިގުތިސާދެއް އޮތް ޔޫއޭއީން އަންނަނީ އެ ގައުމުން ތެލަށް ބަރޯސާވާ މިންވަރު މަދުކޮށް، 2050 ގެ ނިޔަލަށް އެގައުމަށް ބޭނުންވާ ހަކަތައިގެ ދެބައިކުޅަ އެއްބައި އިއާދަކުރަނަވި ހަކަތައިން އުފެއްދުމަށް ބޮޑެތި އިންވެސްޓުމެންޓުތައް ކުރަމުންނެވެ.
ޔޫއޭއީން ނިއުކުލިއާ ހަކަތަ ތަރައްގީ ކުރި ނަމަވެސް އެއްވެސް ހިސާބަކުން އެއްވެސް މިންވަރަކަށް ޔޫރޭނިއަމް މުއްސަނދިކޮށްގެން ހަތިޔާރެއް އުފެއްދުމުގެ ވިސްނުން ނުގެންގުޅޭކަމަށް އެމިރޭޓްސްއިން ބުނެފައިވެ އެވެ.
މިހާރު ޔޫއޭއީއަށް ބޭނުންވާ ހަކަތައިގެ ބޮޑު ބައެއް އުފައްދަނީ ގޭސް ބޭނުންކޮށްގެންނެވެ. ނަމަވެސް އަބޫދާބީގެ ބޭރުގައި ގާއިމުކޮށްފައިވާ ސޯލާ ޕްލާންޓަކީ މުޅި ދުނިޔޭގައިވެސް، އިރުގެ އަވިން ހަކަތަ އުފެއްދުމަށް ގާއިމުކޮށްފައިވާ އެންމެ ބޮޑު ޕްލާންޓެވެ.