ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 59

ދާއިން ބޯޖަހައިލީ "އާނ" އެކޭ ބުނާ ފަދަ ބީދައަކުންނެވެ. ދާއިން ދިޔައީ ކަޅި ޖަހާ ނުލާ އަޔާޒަށް ބަލަމުންނެވެ. އެ މޫނުމަތިން، އެ ދެލޮލުން ޝައްކެތް ނެތް މިންވަރަށް އަޔާޒް ޝަރާ ދެކެވާ ލޯބި ދާއިންއަށް ފެނުނެވެ.

- އެޕިސޯޑް 59 –

" ބްރޯ ވަރަށް ލޯބިވޭ ދޯ؟ މިބުނީ ކުރީގެ ވައިފް ދެކެ.." 

އަޔާޒްގެ މޫނަށް ބަލަން އިނދެފައި ދާއިން އަހާލިއެވެ. 

"ވަރަށް ވަރަށް ލޯބިވޭ!" އަޔާޒް ބޯޖަހައިލަމުން ބުނެލިއެވެ.

"މިބުނީނު! އަދިވެސް އެ ހަނދާންތަކާ ދުރަކަށް ނުދެވެޔޭ.. އެ ޚިޔާލުތަކުގަ އަދިވެސް އަހަރެން މި ދިރިއުޅެނީ.." 

އަޔާޒްގެ އަޑުން އޭނާއަށް ވަރަށް އަސަރުކޮށްފައިވާ ކަން ދާއިންއަށް އިޙްސާސް ވަމުން ދިޔައެވެ.

"އެކަމު ތިބުނީ ޗީޓް ކުރި ވާހަކަ.. ދެން ކީއްވެ؟" 

ހުރިހާ ކަމެއް އެނގި ހުރެ ދާއިން އެ ސުވާލުތައް ކުރަމުން ދިޔައީ އަޔާޒްގެ ފަރާތުން އަންނާނެ ޖަވާބުތައް ބަލާލަން ބޭނުން ވާތީއެވެ.

"ނޭނގެ ބްރޯ! އަހަރެން ވެސް ތިހެން އަހަރެންގެ އަމިއްލަ ޟަމީރާ ސުވާލު ކުރަން. އެކަމު ޖަވާބެއް ނުލިބޭ.. އަހަރެން ހިތަށް އަރާ ކީއްވެ ބާއޭ އަހަންނާ ދޭތެރޭ މިހެން ކަންތައް ވެގެން ދިޔައީ.." 

އަޔާޒް ވާހަކަދައްކަމުން ދިޔައީ ދާއިންއަށް ބަލަމުންނެވެ.

"ވެދާނެ އެއްނު އެކްސް ވައިފްގެ ކުށެއް ނެތް ކަމަށް ވެސް.. ކިހިނެއް އެނގޭނީ؟" 

ދާއިންގެ ޖުމުލައާ އެކުގައި އަޔާޒްގެ ދެލޯ ބޮޑު ވެެގެން ދިޔައެވެ.

"މިބުނީ ނޭނގެއެއްނު؟ ފަހަރެއްގާ ބްރޯއަށް ރަނގަޅަކަށް.. ނޫނީ ކޮންމެވެސް ކަމެއް މެދުވެރި ވެގެން ވެސް އެކްސް ވައިފް ތިހެން ކަންތައް ކޮށްފާނެއެއްނު.." 

ދާއިންގެ ވާހަކަތަކުން އަޔާޒަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ އަޔާޒަށް ވިސްނާލެވިފައި އިން ކަމެއް ނޫން ވީމައެވެ.

ވަގުތުކޮޅަކަށް އަޔާޒް ހިމޭން ވިއެވެ. ދެއަތް ދެއަތަށް ކާއްތާލުމަށްފަހު އަނެއްކާ ވެސް އަޔާޒް ބަލައިލީ ދާއިންގެ މޫނަށެވެ.

"ބްރޯ! އޭނަ އެއްބަސް ވީ.. އަހަރެންގެ ދެ ލޮލުން ހުރިހާ ކަމެއް ފެނުނީ.. މީހަކު ބުނި ވާހަކައެއް ނޫން މީ.. އެހެން ފިރިހެނަކާ އެކުގަ ސީދާ އަހަރެންގެ ރޫމުން ފެނުނީ.. ދެން އަހަރެން ޖެހޭނީ ޤަބޫލު ކުރަންތާ! ޤަބޫލު ކުރަން ބޭނުން ނުވިޔަސް.." 

އަޔާޒްގެ ވާހަކަތަކަށް ދާއިން ބޯ ހޫރާލީއެވެ. އެ ވާހަކަތައް ދާއިން ޤަބޫލު ނުކުރަމޭ ބުނާ ބީދައަކުންނެވެ.

"ކިހިނެއްވީ؟" އަޔާޒް އަހައިލިއެވެ.

"އަހަންނަށް ތި ބުނި ވާހަކަތައް ޤަބޫލެއް ނުކުރެވޭ ބްރޯ! ތީގަ ފަހަތުގަ އެހެން ކަމެއް ވެސް އޮވެ ވެދާނެ... އަހަރެން ކޮށްލަން ބޭނުން ވަނީ ދެ ސުވާލެއް.. އޯކޭތަ؟" 

ދާއިން ކަޅި ޖަހާ ނުލާ އަޔާޒަށް ބަލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އޯކޭ.." އަޔާޒް ބުނެލިއެވެ.

"ބްރޯގެ ތި ބުނާ އެކްސް ވައިފް ބްރޯ ދެކެ ލޯބިވޭތަ؟ މިހާރު އެކްސް ވައިފް ކޮބާ؟" 

ދާއިންގެ ސުވާލާ އެކުގައި އަޔާޒް ބޯޖަހައިލިއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ.

"ބްރޯ ބޭނުން ވަންޏާ ކިޔާދީ! ޖަވާބު ދީ.. ރީތިކޮށް.." 

ދާއިން އެހެން ބުނުމާ އެކުގައި އަޔާޒް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އާނ! ޝަރާ.. ޝަރާ އަހަރެން ދެކެ ވަރަށް ލޯބިވޭ! ޝަރާގެ އަލަތު ލޯތްބަކީ އަހަރެން.. އެއީ ޝަރާ އަހަރެން ގާތުގަ ބުނި ވާހަކަ އަކީ.. ޝަރާ އަކީ ވަރަށް ހިތްހެޔޮ، ވަރަށް ކިޔަމެންތެރި، ވަރަށް އަޙްލާޤު ރަނގަޅު އަންހެނެއް.. މިކަންތައް ދިމާވުމުން އަހަރެންނަށް ލިބުނީ ޝޮކެއް.. ޤަބޫލު ކުރަން ވެސް ދަތިވި.. މިހާރު ޝަރާ ވީ ތަނެއް ވެސް ނޭނގެ.. އަހަރެން އޭނަ ހޯދަން ވެސް ނޫޅެން.." 

އަޔާޒްގެ ޖަވާބު ކަނުލާ އަޑު އަހަން އިނދެފައި ދާއިން ލުއިކޮށް ހިނިތުންވެލިއެވެ.

"ބްރޯ! ތިހާ ރަނގަޅު އަންހެނެއްގެ ފަރާތުން ތި ކަމެއް ފާހަގަ ވީ އެންމެ ފަހަރަކުތަ؟ ނޫނީ ވަރަށް ގިނައިން ތަ؟" 

ދާއިންގެ ސުވާލުތަކުން އަޔާޒަށް ހައިރާން ކަމެއް ލިބެން ފަށައިފިއެވެ.

"އެންމެ ފަހަރަކު! އެންމެ ރެޔަކު.." އަޔާޒް ޖަވާބު ދިނެވެ.

"އެހެންވީމަ ބްރޯ ވިސްނާލާ! އެންމެ ރެޔަކު އެކަމެއް ވެގެން ދިޔައީ.. އެކަމެއް ތި ފަޅަ އެރީ.. ކުރިން ޝައްކެތް ވެސް ނުވޭ.. ވަރަށް ލޯބިން އުޅުނީ.. ދެން އެކަމެއް އެހެން ވީމަ، އެކަން އިތުރަށް ބްރޯ ހޯދާ ނުބަލަން ވީ ކީއްވެ؟ އެކްސް ވައިފް ޝަރާ ފަހަރެއްގާ ދޮގެއް ވެސް ހަދާފާނެއްނު؟ ކިހިނެއް އެނގޭނީ؟ ކޮންމެވެސް މަޖުބޫރެއް ވެސް އޮވެދާނެއް އެއްނު؟ މިހާރު ޝަރާ އުޅޭ ޙާލަކީ ކޮބާ؟ ޝަރާ ހިތާމަ ކުރަމުން ނުދާކަން ކިހިނެއް އެނގެނީ؟ ޝަރާ އެހެން އެކަން ކުރީ ބްރޯއާ އެކުގަ ދިރި ނޫޅެވޭ ވަރަށް އެހެން ބަޔެއްގެ ފަރާތުން އަންނަ ޕްރެޝާރ އަކުން ކަން ކިހިނެއް އެނގޭނީ؟ ނޫނީ ޝަރާއަށް ކޮންމެ ވެސް ކަމެއް ދިމާވެގެން ބްރޯއާ ދުރަށް ދާން ކުރި ކަމެއްކަން ކިހިނެއް އެނގެނީ؟" 

ދާއިންގެ ސުވާލުތަކާ އެކުގައި އަޔާޒަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ.

އަދި ކަޅި ޖަހާ ނުލާ ދާއިންއަށް ބަލަން ވަގުތުކޮޅަކު އަޔާޒަށް ހުރެވުނެވެ. އަޔާޒްގެ މޫނުމަތިން ދާއިންއަށް ފެނުނީ ހައިރާން ކަމެވެ. ދާއިން ދެއްކި ވާހަކަތުން އަޔާޒަށް ވަރަށް ބޮޑު އަސަރެއް ކުރުވައިފިއެވެ. އަޔާޒަށް ވިސްނާ ނުލެވުން އެތައް ކަމެއް ދާއިންގެ ފަރާތުން އަޔާޒްގެ ސިކުނޑި ތެރެއަށް ވަދެގަތެވެ.

ވަގުތުކޮޅަކު ދާއިންއަށް ބަލަން ހުރެފައި އަޔާޒް ވަރަށް އަވަސްކޮށް ހިނގައިގަތީ އެތަނުން ނުކުންނާށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.