އޯގަސްޓު މަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވްގައި ޖުމްލަ 61.22 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ޖުލައި މަހާ އަޅާބަލާއިރު 39 އިންސައްތައިގެ އިތުރުވުމެކެވެ.
އޯގަސްޓު މަހުގެ ނިޔަލަށް ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ޖުލައި މަހާ އަޅާބަލާއިރު އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ބޭރު ފައިސާގެ ޖުމްލަ ރިޒާވް 395.4 މިލިއަން ޑޮލަރަށް ދަށްވި އެވެ. އޭގެ ތެރެއިން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 44 މިލިއަން ޑޮލަރަށް ދަށްވިކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ.
އޯގަސްޓު މަހުގެ ތެރޭގައި ބޭނުންކުރެވޭ ރިޒާވް ވަރަށް ބޮޑަށް ހީނަރުވިކަން އެމްއެމްއޭއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ފާހަގަކުރި އެވެ. އެގޮތުން ޔޫޒަބަލް ރިޒާވް 17 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އެމްއެމްއޭއިން ގެނަ އެވެ.
ރިޒާވް ދަށްވެފައިވަނިކޮށް ޔޫޒަބަލް ރިޒާވް އެކީ ހުސްވެފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި އެވެ. ނަމަވެސް އެ ހަބަރު އެމްއެމްއޭއިން ދޮގުކޮށްފައިވެ އެވެ. އަދި މަރުކަޒީ ބޭންކުން ބުނެފައިވަނީ އޯގަސްޓު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްއާއި ޔޫޒަބަލް ރިޒާވްވެސް އިތުރުވާނެ ކަމަށެވެ. ފިނޭންސް މިނިސްޓްރީންވަަނީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ބައެއް ފިޔަވަޅުތައްވެސް އަޅާފަ އެވެ.
އެގޮތުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ދައުލަތުގެ ކުންފުނިތަކުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ މާރުކުރުމަށާއި، ޑޮލަރުން މުސާރަ ދިނުން ހުއްޓައިލުމަށް ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އިރުޝާދު ދިނެވެ.
މިއަދު އެމްއެމްއޭއިން އޯގަސްޓު މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު އޯގަސްޓުގެ ނިޔަލަށް ޖުމްލަ ރިޒާވްވަނީ 444 މިލިއަން ޑޮލަރަށް އަރާފަ އެވެ. އެއީ ޖުލައި މަހާ އަޅާބަލާއިރު 23.6 އިންސައްތައިގެ އިތުރުވުމެކެވެ.
އޭގެ އިތުރަށް އޯގަސްޓު މަހު ޔޫޒަބަލް ރިޒާވްވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އޯގަސްޓު މަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވްގައި ޖުމްލަ 61.22 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ޖުލައި މަހާ އަޅާބަލާއިރު 39 އިންސައްތައިގެ އިތުރުވުމެކެވެ.