"މިގައުމުގެ ސަގާފަތާ އާދަކާދަތައް ބުނެދީ ދަސްކޮށްދޭން ޖެހޭ. ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާ، ލިޔެކިޔުމަކީ ކިހާ ފަހުރުވެރިކަމެއްކަން ވިސްނައިދޭން އެބަ ޖެހޭ،"
ގައުމީ ދުވަހުގެ މުނާސަބަތުގައި މިދިޔަ ބުދަ ދުވަހު ރައީސް ދެއްވި ހާއްސަ ތަގުރީރަކީ ސްކޫލްތަކާއި ކޮލެޖު، ޔުނިވާސިޓީތަކުގައި ދަރިވަރުންނަށް އިއްވައި، އެ ވާހަކަތަކުން އިބުރަތް ހާސިލް ކުރަން ޖެހޭނެ ކަންކަން ކަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވަނީ ދީނަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފަ އެވެ. އިހުގައި ގެންގުޅުނު ރިވެތި އާދަތަކާއި، ގައުމިއްޔަތަށް ބެހެއްޓި އަހަންމިއްޔަތުކަން އިޔާދަ ކުރުމަށް ވެސް ގޮވާލައްވާފައިވެ އެވެ.
އެތައް ބަޔަކު ތައުރީފު ކުރި އެ ތަގުރީރު ދިރާސާކޮށް، އޭގެއިން އިބުރަތް ހާސިލް ކުރުމަށް ނައިބް ރައީސް ގޮވާލައްވާފައި ވަނީ މިއަދު އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނައިބް ރައީސް ވިދާޅުވީ އެތައް ހާސް އަހަރަކަށް މިނިވަން އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް އިސްކަން ދޭންވީ ގައުމާމެދު ފަހުރުވެރިވާ ދިވެހި ދަރީންތަކެއް ތަރުބިއްޔަތު ކުރުމަށް ކަމަށެވެ.
"އެހެންކަމުން ގައުމީ ބަތަލުންގެ ވާހަކަތައް އެކުދިންނަށް ކިޔައިދޭން އެބަ ޖެހޭ. މިގައުމުގެ ސަގާފަތާ އާދަކާދަތައް ބުނެދީ ދަސްކޮށްދޭން ޖެހޭ. ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާ، ލިޔެކިޔުމަކީ ކިހާ ފަހުރުވެރިކަމެއްކަން ވިސްނައިދޭން އެބަ ޖެހޭ،" ނައިބް ރައީސް އިލްތިމާސް ކުރެއްވި އެވެ.
އެމަނިކުފާނުގެ އިލްތިމާސްގައި، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުއްޓަސް، ދިވެއްސެއްކަން ނޫނީ މުސްލިމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ކުދީންނަށް ދަސްކޮށްދިނުމަށާއި، އުފަންވި އަމިއްލަ ގައުމުގެ މިނިވަންކަމާއި ކަރާމާތުގެ ހައްގުގައި މަސައްކަތް ކުރަން ދަސްކޮށްދިނުމަށް ވެސް ގޮވާލައްވާފައިވެ އެވެ.
ނައިބް ރައީސް ދެން ފާހަގަކުރެއްވީ ގައުމުގެ މިނިވަން ކަމަށް ރައީސް މުއިއްޒު ކުރައްވަން ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކެވެ. ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާމެދު ދިވެހިންގެ ހިތުގައި ކަންބޮޑުވުން އޮތް ދަނޑިވަޅެއްގައި ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ މަސައްކަތުން ރާއްޖޭގެ ސަރަހައްދުގެ އެންމެ ޒަމާނީ އުޅަނދުތައް ސީދާ ދިވެހިން އޮޕަރޭޓް ކުރާ ގޮތް ހެދުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ވަޔާއި އަދި ޗާޓު ކުރަހާނީ ވެސް ސީދާ ދިވެހިންކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ދިވެހިންގެ ވިޔަފާރީގެ ތެރޭގައި އުޅުނު 3000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްލާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.
"ރާއްޖެ ވެއްޓިފައި މިއޮތް އިގްތިސޯދީ ވަޅުގަނޑުން ނަންގަވައި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެއްވުމަށް ރެއާ ދުވާލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުރައްވާ ހިންމަތް [މަސައްކަތް] އެންމެ ގާތުން ފެންނަ އެކަކީ ހުދު އަޅުގަނޑު. އެމަނިކުފާނުގެ ހިތްޕުޅުގައި މިގައުމާ ރައްޔިތުންނާމެދު އޮތް ގަދަފަދަ ލޯތްބަށް އަޅުގަނޑު ހެކިވަން،" ނައިބް ރައީސް ވިދާޅުވި އެވެ.