ތިލަފުށީ ލޭންޑް-ފިލް ފުރި ބާރުވެއްޖެ؛ އެހެން ތަނަކަށް ކުނި ގެންދެވޭނެ ގޮތްތަކެއް ހޯދަނީ

ތިލަފުއްޓަށް ކުނި އިތުރަށް ނުގެންދެވޭނެތީ ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަޝްވަރާކުރެވިގެން އެކަމަށް ހައްލު ގެނެވޭނެ އޮޕްޝަންތަކެއް މިހާރު ހޯދާފައިވާކަމަށް ވެމްކޯގެ އެމްޑީ ވިދާޅުވި އެވެ.

ތިލަފުށީގެ ލޭންޑްފިލް، ފޮޓޯ: މިނިވަން

މާލެއާއި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުން ކުނި ޖަމާކުރާ ލޭންޑް ފިލްގެ ގޮތުގައި އޮތް ތިލަފުށީގައި ކުނި ޖެހޭނެ އެންމެ ބޮޑަކަށް ކުނި އެއްކުރެވި އިތުރު އެހެން ސަރަހައްދެއް ކުނި ޖަމާކުރަން ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި އެވެ. 

ކުނި މެނޭޖުކުރާ ކުންފުނި ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ)ގެ ސީއީއޯ މުޖުތަބާ ޖަލީލު ޕަބްލިކް ސާވިސް މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ތިލަފުއްޓަށް ކުނި ޖަމާކުރެވޭނީ ވަކި މިންވަރަކަށް ކަމަށެވެ. އެގޮތުން ހުރަހަށް ކުނި ޖަމާކުރެވޭނެ އެންމެ ބޮޑަށް މިހާރުވެސް އެތަނަށް ކުނި ޖަމާކުރެވިފައިވާތީ އިތުރަށް ހުރަހަށްވާ ގޮތަށް ކުނި ޖަމާނުކުރެވޭނެ ކަމުގައި ފާހަގަކުރެއްވި އެވެ. 

އެހެންކަމުން މިހާރު ކުނި ޖަމާކުރަމުންދަނީ މަތިމައްޗަށް ވާޓިކަލްކޮށް ކަމުގައި އޭނާ ވިދާޅުވި އެވެ. ނަމަވެސް ވާޓިކަލްކޮށް ތިލަފުއްޓަށް ކުނި ޖަމާކުރެވޭނެ އެންމެ ބޮޑު މިންވަރަކީ 50 މީޓަރުކަން ފާހަގަކުރައްވަމުން މުޖުތަބާ ވިދާޅުވީ މިހާރުވެސް 47 މީޓަރަށް ކުނި ޖަމާކުރެވިފައިވާ ކަމަށެވެ. 

"އެތާނގައި އަންދާޒާކުރެވިފައި އޮތީ 50 މީޓަރަށޭ އެންމެ މައްޗަށް ނެގޭނީ މިހާރުވެސް އެތަނުގައި ހުންނާނެ 47 މީޓަރު. އެހެންވީމާ އަނެއްހެން ވަރަށް ރިސްކީ ލެވެލްއެއްގައި އޮތް ތަނެއް ތަނަކީ،" މުޖުތަބާ ވިދާޅުވި އެވެ. 

ތިލަފުށީގެ ހާލަތުގެ އިތުރަށް މުޖުތަބާ ފާހަގަކުރެއްވީ ކުނި މެނޭޖުކުރުމުގައި ވެމްކޯއަށް ކުރިމަތިވެފައި އޮތް އިތުރު ގޮންޖެހުމެއްކަމަށްވާ ގިނަ އަދަދެއްގެ އުޅަނދުފަހަރު ބޭނުންނުކުރެވުމެވެ. އުޅަނދުފަހަރު މަރާމާތުނުކުރުމުގެ ސަބަބުން ވަރަށް ގިނަ އުޅަނދުފަހަރު ގްރައުންޑުކޮށް ބޭނުންނުކޮށް ބަހައްޓަންޖެހިފައި ހުރިކަމަށް މުޖުތަބާ ވިދާޅުވި އެވެ. 

މުޖުތަބާ އިތުރަށް ވިދާޅުވީ ވެހިކަލް މަރާމާތުކުރަމުން އައީ އެއް ވެހިކަލުގައި ހުރި ބައިތައް ނަަގައިގެން އެ ބައިތައް ސްޕެއާ ޕާޓްސްގެ ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އޭނާ ކުންފުންޏާ ހަވާލުވެވަޑައިގެންނެވި ފަހުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ކުންފުނީގެ އުޅަނދުތަކުގެ 99 އިންސައްތަ އުޅަނދު ބޭނުންކުރެވޭ ކަމަށާއި އެއީ ކުންފުނީގެ ތާރީހުގައި ކުރިން ކުރެވިފައި އޮތް ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

"ފަހުރުވެރިކަމާއެކު މިއަދު ދަންނަވަން ބޭނުންވަނީ މި ސަރުކާރުގައި އަޅުގަނޑުމެން ހަވާލުވެގެން މަސައްކަތްކުރަމުން ގޮސް ކުންފުނީގެ ވެހިކަލް ފްލީޓުގެ 99 ޕަސެންޓު ވެހިކަލް މަގުމައްޗަށް ނެރެމޭ،" މުޖުތަބާ ވިދާޅުވި އެވެ. 

ތިލަފުށީގެ ލޭންޑް ފިލް އިތުރަށް ކުރިއަށް ނުގެންދެވޭނެތީ ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަޝްވަރާކުރެވިގެން އެކަމަށް ހައްލު ގެނެވޭނެ އޮޕްޝަންތަކެއް މިހާރު ހޯދާފައިވާކަމަށާއި، ކުރިއަށް އޮތް ހަ މަހެއްހައި ދުވަހުގެ ތެރޭގައި އެކަންކަން އިއުލާނުކުރައްވާނެ ކަމުގައި އެމްޑީ ވިދާޅުވި އެވެ. 

މުޖުތަބާ ވިދާޅުވި ގޮތުގައި ކުރަމުންދާ މަސައްކަތަކީ ތިލަފުށި ނޫން ތަނަކަށް ކުނި ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.