ހޮންގް ކޮންގުގައި އޮޅުވާލައިގެން އިޖުތިމާއީ ބޯހިޔާވަހިކަން ހޯދާފައިވާ މީހުން ދެނެގަންނަނީ

ތަހުގީގުގެ ތެރެއިން އާމްދަނީއާއި އެސެޓުތަކުގެ ދޮގު ބަޔާންތައް ހުށަހަޅާފައިވާކަން ފަޅާ އަރައިގެން ބައެއް މީހުން އަތުން އިޖުތިމާއީ ބޯހިޔާވަހިކަަން އަތުލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހޮންކޮންގުގައި ހިންގި އެންމެ ޒަމާންވީ އެއް މަޝްރޫއުކަމަށްވާ ޗޮއި ހަން އެސްޓޭޓު، ފޮޓޯ:ޑްރީމްސްޓައިމް

ސަރުކާރުން ސަބްސިޑީ ދީގެން ހެޔޮ އަގުގައި ފޯރުކޮށްދޭ އިޖުތިމާއީ ބޯހިޔާވަހިކަން ބޭނުންކުރަމުންދާ މުއްސަނދިން ދެނެގަތުމަށް ހާއްސަ މަސައްކަތްތަކެއް ހޮންގް ކޮންގު ސަރުކާރުން ފަށައިފި އެވެ. 

ދުނިޔޭގައި ގެދޮރު އެންމެ އަގު ބޮޑު އެއް ޝަހަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ހޮންގް ކޮންގުގެ ސަރުކާރަށް ގެދޮރުވެރިކަމުގެ އަގުހެޔޮކުރަން ޗައިނާ ސަރުކާރުން ފިއްތުންތައް އަންނަނީ ކުރިމަތިކުރަމުންނެވެ. ޗައިނާގެ ސަރަހައްދެއްގެ ގޮތުގައި އޮންނަ ހޮންގު ކޮންގުގެ ގެދޮރުގެ ބާޒާރަކީ ދުނިޔޭގައިވެސް އެންމެ އަގު ބޮޑު ގެދޮރުގެ ބާޒާރެވެ. 

ހޮންގް ކޮންގު ސަރުކާރުން އަމާޒު ހިފާފައިވަނީ އިޖުތިމާއީ ގެދޮރުވެރިކަމަށް ޝަރުތު ހަމަވުމަށް އާމްދަނީއާއި ތަނަވަސްކަމުގެ މިންގަނޑެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް އާމްދަނީ ލިބޭ އަދި އެ މިންގަނޑަށްވުރެ ތަނަވަސް މީހުންގެ ދެނެގަނެ އެމީހުންނާމެދު ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އިޖުތިމާއީ ބޯހިޔާވަހިކަން ލިބޭނީ ހަތަރު މީހުންގެ މައްޗަށް އެކުލެވޭ ގޭބީސީއެއްނަމަ މަހެއްގެ މައްޗަށް 30،950 ހޮންގް ކޮންގް ޑޮލަރުގެ އާމްދަނީއެއް ނުލިބޭ އަދި 590،000 ހޮންގް ކޮންގު ޑޮލަރަށްވުރެ އަގު ބޮޑެތި އެސެޓުތަކެއް ނެތްނަމަ އެވެ. އާންމުކޮށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރާ ގެދޮރުގެ ކުއްޔަކީ 2،297 ހޮންގް ކޮންގު ޑޮލަރެވެ. 

އިޖުތިމާއީ ގެދޮރުގައި ދިރިއުޅޭ މީހުންގެ ތަނަވަސްކަމާއި އާމްދަނީ ވަޒަންކޮށް އޮޅުވާލައިގެން ގެދޮރު ހޯދި ފަރާތްތައް ދެނެގަތުމަށް ހޮންގް ކޮންގު ސަރުކާރުންވަނީ ރިޓަޔާކޮށްފައިވާ ފުލުހުން މަސައްކަތަށް ނެރެފަ އެވެ. މިފަދައިން އޮޅުވާލައިގެން އިޖުތިމާއީ ގެދޮރު ހޯދި މީހުންގެ ތެރޭގައި ބީއެމްޑަބްލިއު އަދި މާސިޑީސް ފަދަ މަތީ ފަންތީގެ ބްރޭންޑުތަކުގެ ކާރުތައް ގެންގުޅޭ މީހުންވެސް އުޅެ އެވެ. 

"އަގުބޮޑު ކާރު ގެންގުޅުން ހާއްސަކޮށް އިޖުތިމާއީ ގެދޮރުވެރިކަން ލިބުމަށްފަހު އެފަދަ ކާރު ގެންގުޅެން ފެށުމަކީ އިޖިތިމާއީ ގެދޮރުވެރިކަމުގެ ނިޒާމުގެ ނާޖާއިޒު މަންފާ ނަަގާފައިވާކަމަށް ދަލީލުކުރާ ހެއްކެއް،" ހައުސިން ޑިޕާޓުމެންޓުގެ މަސްއޫލުވެރިޔަކު ވިދާޅުވި އެވެ. 

އިތުރަށް އޮފިޝަލް ވިދާޅުވީ ލިބޭ ޝަކުވާތަކާ ގުޅިގެން ގެދޮރުގެ ޕާކިން ޔުނިޓުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ފާއިތުވި މަހުން ފެށިގެން ކުރަމުންދާ ކަމަށެވެ. އަދި ތަހުގީގުގެ ތެރެއިން އާމްދަނީއާއި އެސެޓުތަކުގެ ދޮގު ބަޔާންތައް ހުށަހަޅާފައިވާކަން ފަޅާ އަރައިގެން ބައެއް މީހުން އަތުން އިޖުތިމާއީ ބޯހިޔާވަހިކަަން އަތުލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ހޮންގް ކޮންގުގެ 7.5 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ތިން ބައިކުޅަ އެއް ބައާ ގާތްކުރާ އަދަދެއްގެ މީހުން ދިރިއުޅެނީ ސަރުކާރުން ސަބްސިޑީ ދީގެން ހެޔޮ އަގުގައި ކުއްޔަށް ދޫކޮށްފައިވާ އިޖުތިމާއީ ގެދޮރުގަ އެވެ. ހޮންގް ކޮންގުގެ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ފުލެޓު ހޯދުމަށް ހަ އަހަރު މަޑުކުރަންޖެހެ އެވެ. 

ސަރުކާރުގެ އާމުދަނީ މަދުވުމާއި އިމާރާތްކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ މިންވަރަށް އިޖުތިމާއީ ގެދޮރު ފޯރުކޮށްދިނުމުގައި ހޮންގް ކޮންގު ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އިތުރު 146،000 އިޖުތިމާއީ ހައުސިން ޔުނިޓު ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އިޖުތިމާއީ ގެދޮރުގެ ކުލި 10 އިންސައްތައިން އިތުރުކުރަން ހޮންގް ކޮންގުން ނިންމާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.