އެހެން ކުންފުނިތަކާ ހަވާލުކޮށް ހުއްޓިފައި ހުރި 22 މަޝްރޫއެއް އެމްޑަބްލިއުއެސްސީން ނަގަނީ

"ދެން މި ރަށްރަށުގަ ފެނާ ނަރުދަމާ ގާއިމް ކުރުމުގަ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މައިގަނޑ ގޮތެއްގަ ކުންފުންޏަށް އާމްދަނީ ހޯދަން ކުރާ މަސައްކަތަށްވުރެ ބޮޑަށް، ގައުމީ ތަރައްގީގައި ކުންފުނި ހިއްސާވުމަށް މަސައްކަތް މިކުރަނީ،"

އެމްއަޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން --

އެހެން ކުންފުނިތަކާ ހަވާލުކޮށް، ދޮޅު އަހަރެއްހާ ދުވަހު ހުއްޓިފައި ހުރި ފެނާ ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީގެ ދަށަށް ބަދަލުކޮށްގެން ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ބަދަލުވެގެން އައިއިރު ރަށްރަށުގައި ފަށާފައިވާ ވަރަށް ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފަ އެވެ. ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ މި ސަރުކާރުން ހަވާލުވިއިރު އެމްޑަބްލިއުއެސްސީން ހަވާލުވެފައިވާ 25 މަޝްރޫއެއް ކުރިއަށްދާ ކަމަށެވެ.

އެ މަޝްރޫއުތަކުގެ ތެރެއިން ދެ ރަށެއް ފިޔަވާ ހުރިހާ މަޝްރޫއެއްގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ބައެއް ރަށްރަށުގައި 85 ޕަސެންޓް އަދި ބައެއް ރަށްރަށުގައި 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރެއިން ފަސް ރަށެއްގެ މަސައްކަތް މިހާރު ވެސް ނިންމާލާފައިވާކަން ވެސް މަތީން ފާހަގަކުރެއްވި އެވެ.

މަތީން ވިދާޅުވީ އެ މަސައްކަތްތައް ނިމުމުން އިތުރު މަސައްކަތްތަކާ ވެސް އެ ކުންފުނިން ހަވާލުވާން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ބަދަލުވެގެން އައިއިރު އެހެން ކުންފުނިތަކުން ހަވާލުވެ، ނަމަވެސް ހުއްޓިފައިވާ 22 މަޝްރޫއެއް އެކުންފުނިން ހަވާލުވެގެން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން، އެ ކުންފުނިން އެ މަޝްރޫއުތަކާ ހަވާލުވުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށާއި، އެ ރަށްރަށުގައި ސާވޭ ވެސް ހަދައި ނިންމާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސް ތެރޭގަ ވެސް އެ މަސައްކަތްތައް އަޅުގަނޑުމެންނާ ހަވާލުކުރުމުގެ ކަންކަން، ލިޔެކިޔުންތައް އެއްކޮށް ނިމޭނެ ކަމަށް. ލިޔެކިޔުންތައް ނިމުމާއެކީގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެރަށްރަށުގަ ފަށައިގަންނާނަން. އަޅުގަނޑުމެންގެ އުންމީދަކީ އެރަށްތައް މިއަންނަ އަހަރުގެ ނިޔަލަށް ނިންމާލުން،" މަތީން ވިދާޅުވި އެވެ.

މަޝްރޫއުތައް ހުއްޓިފައިވާ ރަށްތަކުގައި މާބޮޑު މަސައްކަތެއް ކޮށްފައި ނުވާކަން ވެސް މަތީން ވިދާޅުވި އެވެ. ބައެއް ރަށްރަށުގައި ފަސް ޕަސެންޓަށް ވެސް މަސައްކަތް ކުރިއަށް ގޮސްފައި ނުވާކަން މަތީން ފާހަގަކުރެއްވި އެވެ.

މަތީން އިތުރަށް ވިދާޅުވީ ބައެއް ރަށްރަށުގައި ފެނާ ނަރުދަމާގެ ސިސްޓަމް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށެވެ. އެގޮތުން މާފުއްޓަކީ އެފަދަ އެއްރަށްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެ ސިސްޓަމް ބަދަލުކޮށް އަދި އެރަށުގެ އަލަށް ހިއްކާފައިވާ ސަރަހައްދުގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރަން އެ ކުންފުނިން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.

"ދެން މި ރަށްރަށުގަ ފެނާ ނަރުދަމާ ގާއިމް ކުރުމުގަ އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މައިގަނޑު ގޮތެއްގަ ކުންފުންޏަށް އާމްދަނީ ހޯދަން ކުރާ މަސައްކަތަށްވުރެ ބޮޑަށް، ގައުމީ ތަރައްގީގައި ކުންފުނި ހިއްސާވުމަށް މަސައްކަތް މިކުރަނީ،" މަތީން ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.