އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުންވަނީ އޭގިގެ އާއިލާއަށް ތައުޒިޔާ ރައްދުކުރުމާއެކު އޭނާގެ މަރުގެ ވަށައިގެންވާ ހުރިހާ ހަގީގަތްތަކެއް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފަ އެވެ.
އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމާ ދެކޮޅަށް އިހުތިޖާޖުކުރަމުން އައި ތުރުކީ-އެމެރިކާގެ ރައްޔިތުކަން އޮތް އަންހެނަކަށް ބަނޑިން ހަމަލާދީ އިސްރާއީލު ސިފައިން މަރާލާފައިވާކަމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އުމުރުން 26 އަހަރުގެ އައިސެނޫރު އެޒްގި އޭގި މަރައިލީ އޭނާގެ ބޮލަށް ބަނޑިން ހަމަލާދީކަމަށް ތުރުކީގެ އިދާރާތަކުން ބުނެ އެވެ. ފަލަސްތީނު މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އޭގިއަކީ ނާބުލުސްގެ ބޭރުގައި އޮންނަ ބެއިތާ އަވަށުގައި އިސްރާއީލުގެ އާބާދީތައް އިތުރުކުރުމާ ދެކޮޅަށް އިހުތިޖާކުރަމުން އައި މީހެކެވެ. އޭނާ މަރާލީ އެ ސަރަހައްދުގަ އެވެ.
އޭގި މަރާލާފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާނާ ގުޅިގެން ތުރުކީއާއި އިސްރާއީލުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތައް އިސްރާއީލާއި އެމެރިކާގެ ގުޅުމަށްވެސް ފޯރާފައިވާ ދުވަސްވަރެއްގަ އެވެ.
އަދި މި ދުވަސްވަރަކީ މަފަހުގެ ތާރީހުގައި އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގާފައިނުވާ މިންވަރުގެ ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފެށުމުގެ ސަބަބުން އެ ސަރަހައްދުގައި ހަމަނުޖެހުންތައް އިތުރުވެފައިވާ ދުވަސްވަރެކެވެ.
"ނަތަންޔާހޫ ސަރުކާރުން ހިންގި ގަތުލު ކުށްވެރިކުރަން. އަހަރުމެންގެ ގައުމުގެ ރައްޔިތަކު މެރުމުގައި ޝާމިލުވާ އެންމެނާ ދެކޮޅަށް ޖިނާއީ ދައުވާކުރާނަން،" އޭގި މަރައިލުމާ ގުޅިގެން ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުންވަނީ އޭގިގެ އާއިލާއަށް ތައުޒިޔާ ރައްދުކުރުމާއެކު އޭނާގެ މަރުގެ ވަށައިގެންވާ ހުރިހާ ހަގީގަތްތަކެއް ދެނެގަތުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފަ އެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ މުޒާހަރާއެއްގެ ބައިވެރިން އިސްރާއިލު ސިފައިންނާ ދިމާލަށް ގާ އުކުމުން އެމީހުންނާ ދިމާލަށް ސިފައިން ބަނޑިޖެހި ކަމަށެވެ. އަދި އޭގި މަރުވީ ބަނޑީގެ އެ ހަމަލާތަކުގައި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އެމެރިކާ ރައްޔިތުން މަރުވެފައިވެ އެވެ. ނަމަވެސް އެމެރިކާއިން އެކަންކަން މާ ބޮޑު މައްސަލަތަކަކަށް ނުހަދަ އެވެ.
އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަނިޔާވެރި އުދުވާނުގައި މިހާތަނަަށް 30 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެފައިވެ އެވެ. އިސްރާއީލުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރެއިން 14 މީހުންނަކީ ހަނގުރާމަވެރިންނެވެ.