ފަހުގެ ތާރީހުގައި ކުރިމަތިނުވާ ވަރަށް ޖަޕާނަށް ހަނޑުލުގެ ތަދުކަން ކުރިމަތިވެއްޖެ

1999 ވަނަ އަހަރުގައި ޖަޕާނުގެ އަމިއްލަ ވިޔަފާރިތަކުން ހަނޑޫ ރައްކާކުރާ މިންވަރު އަހަރުން އަހަރަށް އަޅައިކިޔޭ ގޮތަށް ބަލަހައްޓަން ފެށިފަހުން މިހާތަނަށް ދަށްނުވާ މިންވަރަށް ހަނޑުލުގެ ސްޓޮކު ޖޫން މަހުގައި ދަށްވި އެވެ.

ޖަޕާނުގައި ހަނޑޫ އުފައްދާ މިންވަރު ދަށްވެ ހަނޑުލުގެ އަގު ވަނީ އުފުލިފައި، ފޮޓޯ: ރޮއިޓާސް

ޖަޕާނަށް މިހާތަނަށް އައި އެންމެ ހޫނުގަދަ ހޫނު މޫސުމަށްފަހު، ފާއިތުވި 30 އަހަރު ތެރޭ އެ ގައުމުގައި ތަދުނުވާ މިންވަރަށް ހަނޑޫ ތަދުވެ، ފިހާރަތަކުން ހަނޑޫ ހުސްވާން ފަށައި ނުލިބިދާނެކަމުގެ ބިރަށް ހަނޑޫ ނުގަތުމަށް އެ ގައުމުގެ ސަރުކާރުން އާންމުންނަށް އިލްތިމާސްކޮށްފި އެވެ. 

މި ތަދުކަމުގެ ތެރޭގައި ސުޕަމާކެޓުތަކުން ހަނޑޫ ވިއްކާ މިންވަރު މަދުކޮށް އެއްފަހަރާ މީހަކަށް އެންމެ ޕެކެޓެއް ގަނެވޭ ގޮތަށް ހަމަޖައްސައިފި އެވެ. މި ތަދުކަމަކީ ސުޝީއަށް ލޯބިކުރާ ޓޫރިސްޓުން އިތުރުވުމާއި، މޫސުމީ ބަދަލުތަކާއި، އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ ދަނޑުވެރިކަމުގެ ނުރަނގަޅު ސިޔާސަތުތަކުގެ ނަތީޖާކަމަށް އާންމުން ދަނީ ބުނަމުންނެވެ. 

1999 ވަނަ އަހަރުގައި ޖަޕާނުގެ އަމިއްލަ ވިޔަފާރިތަކުން ހަނޑޫ ރައްކާކުރާ މިންވަރު އަހަރުން އަހަރަށް އަޅައިކިޔޭ ގޮތަށް ބަލަހައްޓަން ފެށިފަހުން މިހާތަނަށް ދަށްނުވާ މިންވަރަށް ހަނޑުލުގެ ސްޓޮކު ޖޫން މަހުގައި ދަށްވި އެވެ. އަދި ޖަޕާނުގައި އާންމުކޮށް ވިއްކާ ފަސް ކިލޯ ހަނޑޫ ޕެކެޓެއްގެ އަގު ނިމުނު އަހަރާ އަޅާބަލާއިރު 60 އިންސައްތަ މަތިވެ 21 ޑޮލަރަށް އަގު އުފުލިފައިވެ އެވެ. 

ޖަޕާނުގެ އެގްރިކަލްޗަރަލް މިނިސްޓްރީގައި ކުރިން މަސައްކަތްކުރެއްވި އަދި މިހާރު ކެނޮން އިންސްޓިޓޫޓް އޮފް ގްލޯބަލް ސްޓަޑީސްގެ ފެލޯއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ކަޒުހިޓޯ ޔަމަޝިޓާ ވިދާޅުވީ ކާބޯތަކެއްޗާ ގުޅިގެން އަންނަ ލޮޅުންތަކަށް ޖަޕާނު ހުޅުވިފައި އޮތް އޮތުމާމެދު ޖަޕާނުން ވަރަށް ބޮޑަށް އިހުމާލުވެ އަޅައިލުން ކުޑަކޮށްފައިވާ ކަމަށެވެ. 

"ހަނޑުލުގެ އަގު ވަކި މިންވަރެއްގައި ހިފަހެއްޓުމަށް ޖަޕާނުން ގަސްތުގައި ހަނޑޫ އުފައްދާ މިންވަރު މަދުކުރުމުގެ ސަބަބުން ހަނޑުލުގެ ސަޕްލައި އައި ޑިމާންޑަށް އަންނަ ނިސްބަތުން ކުޑަ ބަދަލަކުންވެސް ބޮޑު އަސަރުތަކެއް ކޮށްފާނެ ހާލަަތެއް އޮތީ އުފަންވެފައި،" ޔަމަޝިޓާ ވިދާޅުވި އެވެ. 

ޖަޕާނުގެ ފިހާރައެއްގައި ހަނޑޫ ވިއްކުން ލިމިޓުކުރިކަމުގެ އިއުލާނު ބަހައްޓަނީ، އޭއެފްޕީ

ޔަމަޝިޓާ ފާހަގަކުރެއްވި ގޮތުގައި ޖަޕާނުގެ ހަނޑޫ އުފެއްދުމުގެ ގާބިލުކަން ހުރި މިންވަރަށް ބަލާއިރު، ހަނޑޫ އުފެއްދުމުގައި ބޮޑު ބާރަކަށް ވެވޭނެ ގާބިލުކަން އެގައުމުގައި އެބަހުއްޓެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކާބޯތަކަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި މުހިއްމު ލީޑަރެއްގެ ދައުރު އެގައުމަށް އަދާކުރެވެން އޮއްވައި މިއަދު ކުރިމަތިވެފައިވާ ހާލަތު އެގޮތަށް އުފަންކުރަން އިހުތިޔާރުކުރީ ޖަޕާނުގެ ސަރުކާރުތަކުންނެވެ. 

ޖަޕާނުގައި ހަނޑޫ ބޭނުންކުރާ މިންވަރު އިތުރުވުމުގެ އެއް ސަބަބަކީ އެ ގައުމަށް ޒިޔާރަތްކުރާ ބޭރުގެ މީހުންގެ އަދަދު އިތުރުވުމެވެ. އެގޮތުން ޖަޕާނުގައި ހަނޑޫ ބޭނުންކުރާ މިންވަރު 2023 ގައި 6.9 މިލިއަން ޓަނަށް އަރާފައިވެ އެވެ. އަދި މި އަހަރުގެ ޖަނަވަރީން ޖުލައިގެ ނިޔަލަށް 21 މިލިއަން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތްކުރިއިރު ނަތީޖާއެއްގެ ގޮތުން ކާބޯތަކެތީގެ އަގުތައް 2019 އާ އަޅާކިޔާއިރު 75 އިންސައްތަ އިތުރުވެފައިވެ އެވެ. ހަނޑުލާ ގުޅޭ މާހިރުން އަންދާޒާކުރައްވާ ގޮތުގައި ބޭރުން ޒިޔާރަތްކުރާ މީހުންގެ ސަބަބުން އަހަރަކު ހަނޑުލުގެ ޑިމާންޑަށް 100،000 ޓަން ދަނީ އިތުރުވަމުންނެވެ. 

އެވެރެޖުކޮށް ހަނޑޫ އުފައްދާ މިންވަރަށް 2023 ވަނަ އަހަރު ހަނޑޫ އުފެއްދި ނަމަވެސް ގަދަ ވިއްސާރައާއި ގަދަ ހޫނުގެ ސަބަބުން އެ ހަނޑުލުގެ ތެރެއިން ބޮޑު އިންސައްތައެއް ބޭނުންނުކުރެވުނެވެ. އެގޮތުން މޫސުމީ ބަދަލުތަކުން ލިބުނު ގެއްލުމުގެ ސަބަބުން 200،000 ޓަނުގެ ހަނޑޫ ބާޒާރަށް ނުނެރެވި އުކައިލަންޖެހުނުކަމަށް ޔަމަޝިޓާ ވިދާޅުވެ އެވެ. 

ޖަޕާނުގެ ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ހަނޑުލުގެ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ އަދަދު އަހަރުން އަހަރަށް އަންނަނީ މަދުވަމުންނެވެ. ދަނޑުވެރިންގެ ވޯޓު ހޯދުމަށް ހަނޑުލުގެ ދަނޑުވެރިކަމުން ދުރުވާ މީހުންނަށް ސަބްސިޑީ ދިނުމުގެ ޕްރޮގުރާމެއް އަންނަނީ ހިންގަމުންނެވެ. 

ސަރުކާރުތަކުން ބުނަމުން އައި ގޮތުގައި އެ ޕްރޮގުރާމު ހިންގަނީ ޖަޕާނުގެ އާބާދީ މަދުވާން ފަށާފައިވާތީއާއި މީހުންގެ ކެއުމުގެ އާދަތަކަށް އައި ބަދަލުތަކުގެ ސަބަބުން ހަނޑުލަށް އޮތް ޑިމާންޑު ވަރަށް ބޮޑަށް ކުޑަވެފައިވާތީ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކޮން އަހަރަކުވެސް ހަނޑުލުގެ ބަދަލުގައި ޕާނަށް ގޭބޭސީތަކުން ކުރާ ހޭދަވަނީ އިތުރުވެފަ އެވެ. 

އޭގެ އިތުރަށް ހަނޑޫ ދަނޑުވެރިންގެ އެވެރެޖު އުމުރު 69 އަހަރަށް މަތިވެފައިވާއިރު ހަނޑުލުގެ ދަނޑުވެރިކަން މަޑުމަޑުން މަޑުޖެހެމުންދާކަން ޖަޕާނުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ދަނޑުވެރިކަމަށް ބޭނުންވާ ގަސްކާނާއާއި ހަކަތައިގެ އަގުތައް އުފުލެމުންދިއުމުގެ ސަބަބުން ރެކޯޑު އަދަދަކަށް ދަނޑުވެރިން ވިޔަފާރިން ބޭރުވަމުންދާކަމަށް ރިސާޗު ގުރޫޕު ޓެއިކޮކޫ ޑޭޓާ ބޭންކްއިން ބުނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.