ސަމާހުގެ ޖަނާޒާ: ސަހަރާ އިން ފެނުނު މަންޒަރުތަކުން އެންމެން ރޮއްވާލައިފި

އެ މަންޒަރު ބަލަން ސަހަރާގެ ގޯތިތެރޭގައި ތިބި އެންމެންހެން ފެންކަޅިވި އެވެ.

ސަމާހުގެ ބައްޕަ، އޭނާގެ ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރަށް ބަލާލަނީ

މަޣުރިބު ނަމާދަށް ބަންގި ގޮވުމުގެ މާކުރީން ހުޅުމާލެ ސަހަރާ މިސްކިތް، ގޯތިތެރެއާއެކު އޮތީ ފުރިފަ އެވެ. މުޅި ތަނަށް ވެރިވެފައި ވަނީ ފުން ހިތާމަ އެވެ. އެކަކު އަނެކަކާ ސަލާމް ކޮށް ގަޔާއިގައި ކައިރިކޮށް ހިތްވަރު ދެމުން ދިޔަނަމަވެސް ލޮލުން އޮހެމުން އައި ކަރުނަތަކަށް ހުއްޓުމެއް ނުގެނެވުނެވެ.

މަޣުރިބު ނަމާދު ވަގުތު ވެއްޖެކަން އަންގައި ދިނުމަށް އިމާމު މީހާ ބަންގީގެ ފުރަތަމަ ކަލިމަ ގޮވާލި ވަގުތާއެކު ތަނުގައި އޮތް ހިތާމަވެރި ކަމުގެ ހާލަތު އެހެން މަރުހަލާއަށް ބަދަލުވި އެވެ.

އެއީ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި ނިޔާވި ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހް (23އ) ގެ މޫނު އެޅުމުގެ ވަގުތެވެ. ލޯބިވާ ދަރިފުޅުގެ މޫނު އެންމެ ފަހު ފަހަރަށް ބަލައިލާން ސަމާހުގެ މަންމައާ ބައްޕަ އޭނާގެ ހަށިގަނޑުގެ ކައިރިއަށް ގެންދެވުނެވެ.

އެވަގުތު ފެނުނީ އެ ބައްޕައަށް ކޮށްފައިވާ ހިތާމަވެރި އަސަރެވެ. ދަރިފުޅުގެ ކުއްލި ވަކިވުމުން އެ ބައްޕައަށް ލިބިފައިވަނީ ފުން ހިތާމަ އެކެވެ. ބަރުދާސްތު ނުކުރެވޭނެ ފަދަ ވޭނެ އެވެ. 

އެއީ ގަބޫލު ކުރަން ދަތި ކަމެކެވެ. ކުރިމަތީގައި ދަރިފުޅު ހިނަވާފައި އޮތް ނަމަވެސް ސަމާހު ވަކިވެއްޖެކަން އެ ބައްޕައަކަށް ގަބޫލެއް ނުކުރެވުނެވެ. ބޭނުންވީ ދުވަހަކު ވަކިވުމެއް ނުވާފަދައިން އެ ދަރިފުޅާ ބައްދާލާށެވެ. އެތައް ފަހަރަކު އެކަމަށް މަސައްކަތް ކުރި މަންޒަރު ފެނުނެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ.

ކިތަންމެ ބޭނުން ނުވިޔަސް ދުނިޔޭގެ އެ ހިތި ހަގީގަތް ގަބޫލު ކުރަން މަޖުބޫރެވެ. އެހެން ކަމުން ވަރަށް ހިތްވަރު ކޮށްލާފައި ދަރިފުޅުގެ ހަށިގަނޑުގައި އެންމެ ފަހު ފަހަރަށް އަތްޖައްސާލި އެވެ. އެކަން ކުރެވުނީ އެތައް ފަހަރަކު ގަދަ ހިތްވަރުންނެވެ. އޭރު ކަރުނުން ފޯވެފައިވާ ދެ ލޮލުން ހޯސްލާފައި ފެންތައް ފައިބައިގަތެވެ. ސަމާހުގެ މަންމަގެ ހާލަކީ ވެސް މިއީ އެވެ.

އެ މަންޒަރު ބަލަން ސަހަރާގެ ގޯތިތެރޭގައި ތިބި އެންމެންހެން ފެންކަޅިވި އެވެ. އެ މަންޒަރު ވީޑިއޯކޮށް ސަމާހުގެ އެކުވެރިއަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓް ފެނުނު ހަމަ ކޮންމެ މީހަކަށް ވެސް އެ އަސަރު ކުރި އެވެ. ކުރާނެ އެވެ.

އެ ވީޑިއޯ އިން އެދެމަފިރީންނަށް ލިބިފައިވާ ހިތާމަ ސާފުކޮށް ބުނެ ދެ އެވެ.

ލ. އިސްދޫ ބީޗްހައުސް، ހަސަން ސަމާހް

ސަމާހު ކުއްލި ގޮތަކަށް ވަކިވެ ދިޔައިރު އަންނަ ޑިސެންބަރު މަހު ކައިވެނި ކުރަން ހުރިހާ ކަމެއްހެން އޮތީ ރާވާ އިންތިޒާމު ކޮށްފަ އެވެ. އެއީ އާއިލާގެ އެންމެ ލޯބިވި އެ އާއިލާ ފަހުރުވެރިކޮށް ދިން ޒުވާނެކެވެ. ގައުމީ ހިދުމަތުގައި ޖަލު އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އައި ހިތްވަރު ގަދަ ޒުވާނެކެވެ. އެންމެނާ ގުޅޭ އަބަދުމެ އުފާވެރި ހިިނިތުންވުމަކުން އެކުވެރީންނަށް ހިތްހަމަޖެހުން ހޯދައިދިން މަދަދުގާރެކެވެ.

އެފަދަ އިންސާނަކު ވަކިވެ ދިއުމުން ހަމަ ކޮންމެ މީހަކަށް ވެސް އަސަރު ކުރާނެ އެވެ. ދުވަހަކު ބައްދަލުވެފައި ނެތަސް / ފެނިދެނިވެ ވާހަކަ ދެކެވިފައި ނުވިޔަސް ސަހަރާ އިން ފެނުނު މަންޒަރުތަކުން ސީދާ ގޮތުން ގުޅުމެއް ނެތް އަޅުގަނޑުފަދަ ކިތަންމެ މީހަކަށް އަސަރުކޮށް ބޭ އިހްތިޔާރުގައި ލޮލުން ފެން ތިކިތައް އޮހޮރިގަތީ އެހެން ވެގެނެވެ.

މާތްﷲ، ސަމާހުގެ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. އާމީން 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.