ރައީސަކީ މުސްލިހެއް، ފައްޓަވާފައިވަނީ އިސްލާހީ ބޮޑު މަސައްކަތެއް: ނަސީރު

ނަސީރު ވިދާޅުވީ ރައީސް ކުރައްވަނީ ދިވެހިންގެ މަސައްކަތްތެރިކަމާއި، އަހުލާގާއި، ޒުވާނުންގެ ހުނަރުވެރިކަން އިއާދަކުރެއްވުމާއި މިނިވަންކަން ވަރުގަދަ ކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންވުމަށްފަހު ބޮޑުތަކުރުފާނު ކުރެއްވި އިސްލާހީ މަސައްކަތް ފަދަ އިސްލާހީ މަސައްކަތެއް ކަމުގައި ދިވެހި ބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވުމާ ގުޅުވައިގެން ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ މުނާސަބަތުގައި އެތަކުރުފާނުގެ ރަށް ހއ.އުތީމުގައި ރޭ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ނަސީރު ވިދާޅުވީ އުންމަތްތަކާއި ގައުމުތަކުގެ ތާރީހުގައި އެކި ދުވަސްވަރު މުސްލިހުން އުފެދެމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ނުރައްކާތެރި ބޮޑެތި ގެއްލުންތައް ލިބުނު ކޮންމެ ފަހަރަކު ދިވެހިންގެ ތެރެއިން މުސްލިހުން އުފެދުނުކަމަށް އޭނާ ވިދާޅުވި އެވެ. 

ނަސީރު ވިދާޅުވި ގޮތުގައި ބޮޑުތަކުރުފާނަކީވެސް އެފަދަ މުސްލިހެކެވެ. ޕޯޗުގީޒުންގެ އަޅުވެތިކަން ނިމުމަކަށް ގެންނެވުމަށްފަހު، އެ ތަކުރުފާނަށް ކުރައްވަންޖެހިވަޑައިގަތް މަސައްކަތްޕުޅަކީ އަޅުވެތިކަމުގެ ސަބަބުން ގެއްލިގެން ގޮސްފައިވާ ކަންކަން އަނބުރާ އިއާދަކުރެއްވުގެ އިސްލާހީ މަސަައްކަތް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

"[ބޮޑުތަކުރުފާނު ރާއްޖެ މިނިވަންކުރެއްވި ދުވަސްވަރަކީ] ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިވެފައި އޮތުމުން ދިވެހި ދައުލަތެއް އަލުން އިއާދަކޮށް އިސްލާހުކުރަންޖެހިފައި އޮތް ކަމަކަށްވެ މުސްލިހަކު ބޭނުންވެފައި އޮތް ދުވަސްވަރެއް. ދިވެހިރާއްޖޭގެ ޒަމާންވީ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންގެ ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަމުގައިވާ އިލާހީ ނަސީބު އަޅުގަނޑުމެންނަށް ގެއްލެމުން ފަނޑުވަމުންދިޔަ، އެ ދީން އަނބުރާ ގެންނަން އިސްލާހީ މަސައްކަތްތަކެއް ކުރަންޖެހިފައި އޮތް ދުވަސްވަރެއް.،" ނަސީރު ވިދާޅުވި އެވެ. 

ބޮޑުތަކުރުފާނުގެ ޖިހާދަށްފަހު އެތަކުރުފާނު ގެންނެވީ ގައުމަށް ގެއްލިފައިވާ ކަންކަން އަނބުރާ އިއާދަކުރެއްވުމުގެ މޫސުމެއް ކަމަށާއި، ރައީސް މުއިއްޒުވެސް ފައްޓަވާފައިވަނީ އެފަދަ އިސްލާހީ މަސައްކަތްތަކެއްކަން ފާހަގަކުރައްވަމުން ނަސީރު ވިދާޅުވީ ރައީސް ކުރައްވަނީ ދިވެހިންގެ މަސައްކަތްތެރިކަމާއި، އަހުލާގާއި، ޒުވާނުންގެ ހުނަރުވެރިކަން އިއާދަކުރެއްވުމާއި މިނިވަންކަން ވަރުގަދަ ކުރެއްވުމުގެ މަސައްކަތްޕުޅު ކަމަށެވެ. 

"ރައީސް ޑރ.މުހައްމަދު މުއިއްޒުވެސް ފައްޓަވާފައިވަނީ އެފަދަ މަސައްކަތްޕުޅެއް. ރާއްޖޭގެ އަހުލާގު އިސްލާހުކުރެއްވުން، ރާއްޖޭގެ މިނިވަންކަން ބާރުގަދަކުރައްވައި އިސްލާހުކުރެއްވުން، ރާއްޖޭގެ މަސައްކަތްތެރިކަން އިސްލާހު ކުރެއްވުން، ރާއްޖޭގެ ޒުވާނުންގެ ފަންނުވެރިކަން އިއާދަކޮށް އިސްލާހުކުރުން. ދިވެހިންގެ ތާރީހު، ދިވެހިންގެ ތަރިކަތައް ދިވެހިންގެ ދިރިއުޅުމުގެ ބައެއް ކަމުގައި ހައްދަވއި، ދިވެހިން ދިވެހިންގެ ގޮތުގައި ދިވެހިންގެ ރޫހުގައި ދިވެހިންނަަށް ދިވެހިންނަކީ ކޮން ބައެއްކަން އެނގޭ ޒަމާނެއް ގެނެސް އަތުރައިލުމުގެ މަސައްކަތް،" ނަސީރު ވިދާޅުވި އެވެ. 

އިތުރަށް އޭނާ ވިދާޅުވީ މިފަދަ އިސްލާހީ މަސައްކަތްޕުޅުތަކެއް ފައްޓަވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ދިވެހިރާއްޖޭގެ މިޒަމާނުގެ މުސްލިހު ކަމަށެވެ. 

"ރައީސް ޑރ.މުހައްމަދު މުއިއްޒަކީ އަދުގެ ތާރީހުގައި މުސްލިހު. ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ފަހުގެ ތާރީހުގައި ދިވެހިން އާ ހަގީގަތްތަކެއްގެ މައްޗަށް ހޭލައްވައިލެއްވުމުގެ ބާނީ،" ނަސީރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.