ދިރިއުޅުމުގެ އަގުތައް މަތިވެ ނިއުޒިލޭންޑުން ގިނަ އަދަދެއްގެ ޒުވާނުން ހިޖުރަކުރަނީ

ނިއުޒިލޭންޑުގައި ދިރިއުޅޭ 5.2 މިލިއަން ރަށްވެހިންގެ އިތުރަށް އެ ގައުމުގެ ރައްޔިތުންގެ ތެރެއިން މިލިއަނެއްހައި މީހުން އެހެނިހެން ގައުމުތަކުގައި ދިރިއުޅެމުންދާކަމަށް އަންދާޒާކުރެވެ އެވެ.

ތަރައްގީއާއި ރަށްވެހިކަމާއި ރައްކާތެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ނިއުޒިލޭންޑުގައި ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން އެ ގައުމުން ގިނަ އަދަދެއްގެ ޒުވާނުން އެހެނިހެން ގައުމުތަކަަށް ހިޖުރަކުރަން ފަށައިފި އެވެ. 

ނިއުޒިލޭންޑުގެ ތަފާސްހިސާބާ ބެހޭ އިދާރާއިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި ޖަނަވަރީ 2024 ގެ ކުރިން ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭ އެ ގައުމުން 131،200 މީހުން އެހެނިހެން ގައުމުތަކަށް ހިޖުރަކޮށްފައިވެ އެވެ. އެއީ އެއް އަހަރު ތެރޭ ނިއުޒިލޭންޑުން މީހުން ހިޖުރަކުރި އެންމެ ގިނަ އަދަދެވެ. 

ހިޖުރަކުރި މީހުންގެ ތެރެއިން 80،200 މީހުންނަކީ އެ ގައުމުގެ ރައްޔިތުންނެވެ. އެއީ ކޮވިޑް-19ގެ ކުރިން އަހަރެއްގެ މައްޗަށް އެ ގައުމުން ބޭރަށް އެ ގައުމުގެ ރައްޔިތުން ހިޖުރަކުރި އަދަދުގެ ދެ ގުނަ އެވެ. ހިޖުރަކުރާ މީހުންގެ 40 އިންސައްތައާ ގާތްކުރާ އަދަދަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ގައުމުން ބޭރަށް ހިޖުރަކުރާ މީހުންގެ އަދަދު މީގެ ކުރިން ދުވަހަކުވެސް އިތުރުނުވާ މިންވަރަށް އިތުރުވެފައިވާއިރު މާހިރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިޖުރަކުރާ މީހުންގެ ގިނަ ބަޔަކު އަނބުރާ ނިއުޒިލޭންޑަށް ނައުމެވެ. 

ވެލިންޓަނުގައި ހުންނަ ކޮންސަލްޓެންސީ ކުންފުންޏެއްކަމަށްވާ އިންފޮމެޓްރިކްސްގެ ޕްރިންސިޕަލް އިކޮނޮމިސްޓު ބަރެޑް އޮލްސެން ވިދާޅުވި ގޮތުގައި ނިއުޒިލޭންޑުން މިހާރު މީހުން ހިޖުރަކުރަމުންދަނީ ކުރިން ދުވަހަކުވެސް މީހުން އެ ގައުމުން ބޭރަށް ހިޖުރަނުކުރާ މިންވަރަށެވެ. 

ދުނިޔޭގައި އެންމެ އެކަހެރިކޮށް އޮންނަ ބިމުގެ ބޮޑުމިނާ އަޅާބަލާއިރު އާބާދީ އެންމެ ކުޑަ އެއް ގައުމުކަމަށްވާ ނިއުޒިލޭންޑުގެ ރައްޔިތުން ދުވަސްކޮޅަކަށް އެހެނިހެން ގައުމުތަކަށް ހިޖުރަކޮށް އެ ގައުމުން ބޭރުގެ ދިރިއުޅުން ތަޖުރިބާ ކުރުމަކީ ވަރަށް އާންމުކަމެކެވެ. އާންމުކޮށް މިފަދަ ދަތުރުތަކުގައި ހިޖުރަކުރަނީ އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތަށެވެ/

ނިއުޒިލޭންޑުގައި ދިރިއުޅޭ 5.2 މިލިއަން ރަށްވެހިންގެ އިތުރަށް އެ ގައުމުގެ ރައްޔިތުންގެ ތެރެއިން މިލިއަނެއްހައި މީހުން އެހެނިހެން ގައުމުތަކުގައި ދިރިއުޅެމުންދާކަމަށް އަންދާޒާކުރެވެ އެވެ. 

ފާއިތުވި އަހަރުތަކުގައި ނިއުޒިލޭންޑުގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ. އެގޮތުން 18 މަސްދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ރިސެޝަނެއްގެ ތެރެއަށް އިގުތިސާދު ވެއްޓުނެވެ. 

ޖޫން މަހު ނިމުނު ކުއާޓާގައި ނިއުޒިލޭންޑުގައި ވަޒީފާއެއް ނެތް މީހުންގެ ނިސްބަތް 4.6 އިންސައްތައިން އިތުރުވެފައިވެ އެވެ. އަދި މުސާރައިގެ ކުރިއެރުން 4.1 އިންސައްތައަށް ވެއްޓިފައިވެ އެވެ. 

2022 ގައި 7.3 އަށް އެ ގައުމުގެ އިންފުލޭޝަން އެރުމަށްފަހު މަރުކަޒީ ބޭންކުން ކަނޑައެޅި އަމާޒުކަމަށްވާ 3.3 އިންސައްތައަށް އިންފުލޭޝަން ތިރިކުރެވިފައިނުވެ އެވެ. ނަތީޖާއެއްގެ ގޮތުން އެގައުމުގެ މަރުކަޒީ ބޭންކުންވަނީ އިންޓަރެސްޓު ރޭޓު 5.5 އިންސައްތައާ ހަމައަށް މަތިކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.