ބާރަށް ވެހިކަލް ދުއްވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް އަންގަވައިފި

ރައީސް ދެއްވި ޔަގީންކަމަކީ ނުރައްކާތެރިކޮށް ބާރު ސްޕީޑުތައި އުޅަނދުފަހަރު ދުއްވުން ހުއްޓުވައި، މަގުތަކަކީ އެންމެންނަށް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށް ކުރައްންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީން ކަމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ބާރަށް އެއްގަމުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރުމަށް އެކަމާ ގުޅުންހުރި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފި އެވެ. 

ރައީސް މިފަދައިން ވިދާޅުވީ ރޭ ހުޅުމާލޭގައި ބާރަށް ދުއްވާފައި އައި ކާރަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކަރެކްޝަންސްގެ ޒުވާން އޮފިސަރަކު ނިޔާވުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ރައީސްގެ ޕޯސްޓުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ކަރެކްޝަންސްގެ އޮފިސަރު 23 އަހަރުގެ ޒުވާން ހަސަން ސަމާހުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެން ދުއާ ކުރެއްވި އެވެ. 

ރޭގެ އެކްސިޑެންޓަކީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގި އެކްސިޑެންޓެއްކަމާއި، އެކަމުގެ ސަބަބުން އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. 

އަދި ރައީސް ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ނުރައްކާތެރިކޮށް ބާރު ސްޕީޑުތައި އުޅަނދުފަހަރު ދުއްވުން ހުއްޓުވައި، މާލެއާއި އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށް ކުރައްންޖެހޭ ހުރިހާ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ކުރާނެ ކަމުގެ ޔަގީން ކަމެވެ. 

އެގޮތުން ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ވަގުތެއްގައި ބާރު ސްޕީޑުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގާނޫނާއި ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ ކަންކަން އަވަހަށް ތަންފީޒުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. 

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރުވަނީ އިތުރުވެފަ އެވެ. އަދި މިފަދަ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ބާރަށް ދުއްވާ ރޭސް ކާރުތައް ޝާމިލުވާ މިންވަރުވެސް އިތުރުވެ މަގުމަތީގެ ރައްކާތެރިކަން ނެތުމުގެ ޝަކުވާވަނީ އިތުރުވެފަ އެވެ. 

ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ މިހާތަނަށް 2،000 އާ ގާތްކުރާ އަދަދަކަށް އެކްސިޑެންޓުގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.