ޖަނަވަރީން ފެށިގެން މިހާތަނަށް 2،515 ވައްކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމާއި، މަގުމަތީ ހިނގާފައިވާ އެކްސިޑެންޓުތަކުގެ މައްސަލަތައްކަމަށް އެ އިދާރާއިން ބުނެފި އެވެ.
ފުލުހުންގެ ހިދުމަތުން އާންމުކޮށްފއިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖަނަވަރީން ފެށިގެން މިހާތަނަށް 2،515 ވައްކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވެ އެވެ. އަދި އެ މުއްދަތުގައި މަގުމަތީ އެކްސިޑެންޓުގެ 1،907 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އަދި އެ މުއްދަތުގައި މަސްތުވާތަކެތީގެ 1،107 މައްސަލައަކާއި ތަކެތި ގެއްލިގެން ހުށަހަޅާފައިވާ 703 މައްސަލއެއްގެ އިތުރަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ 460 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާކަން އެ ހިދުމަތުގެ ތަފާސްހިސާބުތަކުން ފެނެ އެވެ.
އަދި އާންމު މުދަލަށް ގެއްލުންދިނުމުގެ 473 މައްސަލައަކާއި މާރާމާރީގެ 459 މައްސަލައެއްގެ އިތުރަށް ގެދޮރަށް ވަދެ ވައްކަންކުރުމުގެ 350 މައްސަލައެއް ހުށަހެޅިފައިވެ އެވެ. ޖިންސީ ކުށްތަކުގެ 233 މައްސަލައެއް އަދި ގެވެށި އަނިޔާގެ 182 މައްސަލަ ފުލުހަށްވަނީ ހުށަހަޅާފަ އެވެ.
ކައުންޓަފިޓް ނުވަތަ އަސްލު ނޫން ލިޔެކިޔުން އުފެއްދުމާއި ފޯޖަރީގެ 101 މައްސަލައެއް ފުލުހަށް މި މުއްދަތުގައި ހުށަހަޅާފައިވާކަން އެ އިދާރާއިން ފާހަގަކުރި އެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓުގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާއިރު މި އަހަރުގެ މިހާތަނަށް ގިނަ އަދަދަކަށް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވެ އެވެ. އެ އެކްސިޑެންޓުތަކުގައި ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެސްވެ އެވެ.