މުޒާހަރާ ކުރި ދެ އަންހެން ދޫކޮށްލައިފި، ދެ ދުނިޔޭގައި ވެސް ދައުވާ ކުރާނެ

"ބޭނުމަކީ ކުރިޔަށް އޮތްތަނުގައި އެހެން މީހަކަށް މިފަދަ އަނިޔާއެއް ލިބުނަ ނުދިނުން،"

އިޔާޒް (ކ) ޝަޒްރާ (މ) ޝާދިޔާ (ވ)

ސައުދީ އެމްބަސީ ކައިރީގައި މުޒާހަރާ ކުރުމުން ހައްޔަރު ކުރި މ. ބަޑިކުޅިމާގެ އާއިޝަތު ޝާދިޔާ (48) އާއި ގދ. ރަތަފަންދޫ ލިލީގެ، ޑރ. ޝަޒްރާ އިބްރާހިމް (36) ބަންދުން ދޫކޮށްލައިފި އެވެ.

އެ ދެ މީހުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. ނަމަވެސް ކޯޓުގައި ފުލުހުން އެދުނީ އެދެ މީހުންގެ ބަންދު އިތުރު ކޮށް ދިނުމަށެވެ.

މީގެ ކުރީން ދެ ފަހަރެއްގެ މަތީން -- ފުރަތަމަ ފަހަރު ތިން ދުވަސް އަދި ދެވަނަ ފަހަރު ފަސް ދުވަސް، ޖުމްލަ ނުވަ ދުވަހު ވަނީ  ބަންދުގައި ބަހައްޓާފަ އެވެ.

ޝާދިޔާގެ ފިރިކަލުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަނީ ބަންދުގެ މަޖިލީސްގައި ދެކެވެނު ވާހަކަތައް ހިއްސާކޮށްފަ އެވެ. އިޔާޒް ވިދާޅުވީ ‏ފުލުހުން އެ ދުނީ 15 ދުވަހަށް މުއްދަތު އިތުރުކުރަން ކަމަށާ ނަމަވެސް ވަކީލުން ރައްދުދިނުމުން ޝަރުތުތަކާއި އެކު ދޫކޮށްލަން މައްސަލައެއް ނެތް ކަމަށް ފުލުހުން ބުނި ކަމަށެވެ. އަދި ގާޒީ ވިދާޅުވީ ޝަރުތުތަކާއި އެކު ދޫކޮށްލަން މައްސަލައެއް ނެތިއްޔާ ފުލުހުންނަށް އެކަން ކުރެވޭނެ ކަމަށާ ކޯޓުގެ ވަގުތުތައް ނަގާލަނީ ކީއްވެގެންތޯ އެއްސެވި ކަމަށެވެ.

"ފުލުހުން އިތުރަށް އެދުނީ އެމްބަސީތަކުގެ ކައިރިއަށް ނުދާން ޝަރުތު ކުރުމަށް. ގާޒީ ވިދާޅުވީ ގާނޫނު އަސާސީ އާއި ހިލާފަށް ޝަރުތު ނުކުރެވޭނެ ކަމަށް. އެއަށްފަހު 50 ފޫޓަށްވުރެ ކައިރި ނުވެ ހިޔާލު ފާޅުކުރަން އެއްބަސްތޯ އެއްސެވި. ގާނޫނާ ހިލާފު ނުވާގޮތަށް ކުރަން އެއްބަސްވާ ކަމަށް ބުނުމުން ބަންދު ދޫކޮށްލުމަށް ނިންމެވި،" މިއަދުގެ ބަންދު މަޖިލީހާ ގުޅޭގޮތުން އިޔާޒް އެކްސްގައި ވިދާޅުވެފައިވެ އެވެ.

އޭނާ އަދި ވިދާޅުވީ ‏މި ގައުމުގެ އަމަން އަމާންކަން ބެލެހެއްޓުން ހަވާލުވެފައިވާ ދިވެހި ފުލުހުންގެ ހިދުމަތުން، ކަމަކަށް ނުވާ ކަމެއްގައި ނުވަ ދުވަސްވަންދެން ދެއަންހެނުން ރަހީނުކޮށްފައި ބެހެއްޓި ބެހެއްޓުމާއި އަދި އެދެމީހުންގެ އަބުރު ގެއްލޭގޮތަށް ދޮގު ބަޔާން ނެރިފައިވާތީ އެކަމުގެ މައްޗަށް އެބައިމީހުންގެ މައްޗަށް ދެދުނިޔޭގައި ވެސް ދައުވާ ކުރެވޭނެ ކަމަަށެވެ.

"ބޭނުމަކީ ކުރިޔަށް އޮތްތަނުގައި އެހެން މީހަކަށް މިފަދަ އަނިޔާއެއް ލިބުނަ ނުދިނުން،" 

ބަންދުގެ މުއްދަތު ޖަހާ ދައުލަތުގެ ބަޖެޓަށް ބާރުބޮޑު ކުރުވުމުގެ ބަދަލުގައި ފުރަތަމަ ދުވަހުވެސް ޝަރުތު ކޮށްފައި ދޫކޮށްލެވެން އޮތް ކަމެއްގައި މައްސަލަ ބޮޑުކޮށް, ދެރަހީނުންނާއި އާއިލާ އަށް ނަފްސާނީ ބިރުވެރިކަމެއް ޖެއްސުމަަށް ދިވެހި ފުލުހުން ކުރި ނޭއްގާނީ އަމަލަކީ މާފު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.