ފަލަސްތީނު ވެލީގެ އަޖައިބާއި ބިމު އަޑީގެ ގާޒާ

ފަލަސްތީނު ބިމު އަޑީގެ ބިންގަރާސްތަކަކީ އިޒްރޭލު ސިފައިން އެންމެ ބިރު ގަންނަ ތަންތަނެވެ. ފަލަސްތީނުގެ ބިމުގެ ވެލީގައި ހުންނަ ސިމެންތީގެ އަސަރު ގަދަވުމަކީ މިފަދަ ތަންތަން ފަސޭހަކަމާއެކު ހަދަން ލިބޭ ބާރެކެވެ.

ހަމާސްގެ ޓަނަލެއް : ފަލަސްތީނުގެ ޓަނަލް ނެޓްވޯކްތައް ހޯދަން އިޒްރޭލަށް ވަނީ ނުކުޅެދިފަ

އިޒްރޭލުން ގާޒާގެ ބޮޑު ބައެއް ފުނޑާލައިފި އެވެ. މިހާރު ގާޒާގެ އެކި ހިސާބުތަކުން ފެންނަން ހުރީ ގާކުނޑިތަކާއި ވެއްޓި ކުދިކުދި ވެފައިވާ ގާފުނި ތަކެވެ. އެމެރިކާ އިން ދީފައިވާ އެންމެ ޒަމާނީ ނުރައްކާތެރި ބޮންމާއި މިސައިލްތައް ބޭނުންކޮށްގެން އިޒްރޭލުން ހިނގާ މި ލާއިންސާނީ އަމަލުތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 40،000 އަށްވުރެ ވަނީ އިތުރުވެފަ އެވެ. ކޮންމެ ދުވަހަކީ ވެސް ފަލަސްތީނު ޝަހީދުންގެ ލިސްޓު އިތުރުވާ ދުވަހެކެވެ. ބިރުވެރި ދުވަހެކެވެ. އެކަމަކު ހަތިޔާރު ނެތް އާއްމުން ކޮންމެ ދުވަހަކު ޝަހީދު ކުރިނަމަވެސް އެ މީހުންނަށް ނުވެ އޮތް ކަމަކީ ގާޒާގެ ފުރިހަމަ ކޮންޓްރޯލް ހޯދުމެވެ. ގާޒާގެ އިމާރާތްތަކުގެ 90 ޕަސެންޓް ބިނާ ހަމަކޮށްލިނަމަވެސް އެ ބިމުގެ އަޑި ފަތަހަ ކުރުމުގައި އިޒްރޭލު ވަނީ ބޮޑުތަނުން ނާކާމިޔާބުވެފަ އެވެ. 

ސަބަބަކީ ހަމާސްގެ ބިންގަރާސްތައް ހަދަން ބޭނުންކޮށްފައިވާ އިންޖިއަރިންގެ އަޖައިބު ކުރުވަނިވި އުކުޅުތަކާއި މަދު އެހެން ގައުމެއްގައި ނެތްފަދަ ވަރުގަދަ ވެލީގެ ސިމެންތިކަން ގަދަ ފަލަސްތީނުގެ ވެލިގަނޑުގެ ވަރުގަދަ ކަމެވެ. އެހެންވެ ގާޒާގެ ބިމު އަޑީގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ މި ޓަނަލްތައް ވެފައިވަނީ ވިއެޓްނާމް ހަނގުރާމާގައި އެމެރިކާ ސިފައިން ބަލި ވެގެން ދިޔަ މަގަށް އިޒްރޭލު ސިފައިން ދަތުރު ކުރުން ގާތް ބިރުވެރި ހޮހަޅަތަކަށެވެ. އިޒްރޭލުން ގާޒާ ބިމާ ހަމަކޮށްލި ނަމަވެސް "ބިމު އަޑީގެ ގާޒާ" ފަތަހަ ކުރުން އެ މީހުންނަށް ވަނީ ބިރުވެރި ހުވަފެނެއް ފަދަ ކަމަކަށެވެ. 

ދިރާސާ ކުރާ ފަރާތް ތަކުން ބުނާ ގޮތުގައި ގާޒާގެ އެކި ހިސާބުތަކުގައި ހަދާފައިވާ ބިންގަރާސް ވިއުގައިގެ ދިގުމިން 500 އެތައް ކިލޯ މީޓަރަކަށް ދެމިގެން ދާއިރު ފުޅާމިން 41 ކިލޯމީޓަރަށްވުރެ ފުޅަލެވެ. މި ޓަނަލް ނެޓްވޯކު ނައްތާލައި ހަލާކުކޮށްލަން އިޒްރޭލުން ކުރާ މަސައްކަތް ތަކުން މިހާތަނަށް އެ މީހުންނަށް ފެނިފައިވަނީ މަދު ތަނެކެވެ. ފެނިފައިވާ ގިނަ ތަންތަނަކީ ހަމާސް އިން ބޭނުންނުކޮށް ދޫކޮށްށާލާފައިވާ ފަޅު ތަންތަނެވެ. މީގެ ގިނަ ތަންތަން ހޯދަން ވަންނަ އިޒްރޭލު ސިފައިންނަށް މި ތަންތަން ވެފައިވަނި މަރުގެ ދަންތުރަ އަކަށެވެ. އެހެންވެ ބިންގަރާހެއް ފެނުނަސް އެތަނަށް ވަނުމުގެ ބަދަލުގައި އެ މީހުން އެތަނުގެ ދޮރު ބަންދުކޮށްލަނީ އެވެ. ސަބަބަކީ މިތަންތަނުގެ ނުރައްކާ ވަޒަން ކުރަން އެމީހުންނަށް ދަތިވުމެވެ. މި ބިންގަރާސް ނެޓްވޯކްތައް ދެކެ ގަންނަ ބިރު ބޮޑެވެ. 

ހައިޓެކް އަލާތްތަކަށް މި މަގުތަކުގެ ހަގީގަތް ނުހޯދެ

އެމެރިކާގެ ހައިޓެކް ކުންފުނިތަކުގެ އެންމެ ޒަމާނީ އާލާތްތަކުގެ ބޭނުން ހަތަރުދަމު އެ މީހުން މަސައްކަތް ކުރިނަމަވެސް އެ އާލާތްތަކަށް މި ބިންގަރާސްތައް ޑިޓެކް ކުރުންވަނީ ނާދިރު ކަމަށް ވަނީ ވެފަ އެވެ. ޖައްވުގައި ހުރި ސެޓެލައިޓްތަކާއި ބިމުގެ ހަރަކާތްތައް ބަލާ ޖައްވީ ފުއްޕާހަންތަކުގެ ތާމަލް ކެމެރާތަކަށް މި ޓަނަލްތައް ނުދައްކަ އެވެ. ޒަމާނީ އާލާތްތަކަށް ވެސް މި މަގުތައް ކަނެވެ. މި ބިންގަރާސް ތަކަށް ފެން ވައްދައިގެން ޓަނަލްގެ އެތެރޭގައި ތިބި ހަމާސް ހަނގުރާމަވެރިން ގަރަގުކޮށްލަން އިޒްރޭލުން އެތައް ފަހަރު ޕްލޭން ކުރި އެވެ. ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ އަގުބޮޑު މި މަސައްކަތް ނުކުރަން ނިންމީ މި ޓަނަލްތަކުގެ ނިމުން އޮތް ހިސާބެއް އެ މީހުންނަށް ޔަގީން ނުވުމެވެ. ފަހަރުގައި ޓަނަލްތަނުގެ ނިމުން ނުވަތަ ނިމޭކޮޅު އިޒްރޭލު ތެރޭގައި ނެތްކަން ވެސް އެ މީހުންނަށް ޔަގީނެއް ނޫނެވެ. މި ޓަނަލްތަކަށް ފެން ވައްދަން ކުރި މަސައްކަތް ހުއްޓާލި އަނެއް ސަބަބަކީ ޓަނަލްތަކުގެ ތެރޭގައި އިޒްރޭލުން ރަހީނުން ތިބުމުގެ ބިރު ވެސް އޮތުމެވެ.

ފަލަސްތީނު ބިމު އަޑީގެ ޗާޓެއް

އެހެންވެ މިއަދާ ހަމަ އަށް ވެސް ފަލަސްތީނު ބިންގަރާސް ތަކުގެ ހަގީގަތް ވަނީ ނުހޯދި އެވެ. މި ތަންތަން ބިނާ ކުރަން ފަލަސްތީނުގެ ރައްޔިތުން ބޭނުންކޮށްފައިވާ އިންޖިއަރިންގެ އަޖައިބު ކުރުވަނިވި އުކުޅުތައް އިޒްރޭލަކަށް ނޭނގެ އެވެ. މިކަމުގެ މާސްޓަ މައިންޑުން ހޯދިފައެއް ނުވެ އެވެ.

ހަގީގަތަކީ ބިމު އަޑީގެ މި މަގުތައް ހެދުމުގެ ހުނަރަކީ ފަލަސްތީނީންގެ ކާބަފައިން ޒަމާނުން ފެށިގެން ކުރި މަސައްކަތެކެވެ. ފަލަސްތީނުގެ ބިންތައް ހިފައިގެން މިހާރު ތިބި އިޒްރޭލަށްވުރެ މި ހުނަރު ދޮއްޓެވެ. ފަލަސްތީނުގެ ބިމަކީ "ސިމެންތި މަށީ" ގެ ވެލީގެ ތެއްކަން ބޮޑު ބިމަކަށްވުމުން އެ ބިމުގައި ޓަނަލްތަކާއި މަގުތައް ބިނާ ކުރަން ފަސޭހަވުމަކީ މިފަދަ ޓަނަލްތައް ގިނަވުމުގެ އެއް ސަބަބެކެވެ. އެ ބިމުގެ ވެލިގަނޑުގައި އެކުލެވޭ ސިމެންތީގެ އަސަރުގެ ސަބަބުން ކޮނެގެން ބިމު އަޑީގައި މަގުތައް ހަދަން ފަސޭހަވެ އެވެ. އެ ފަދަ މަސައްކަތެއް ކުރާނަމަ ވެލިގަނޑު ހިލަފައްޓަން އަގު ބޮޑު އިންޖިއަރިންގެ ތަނބުތަކާއި ކޮންކްރީޓް ފާރުތައް ބޭނު ކުރާކަށް ނުޖެހެ އެވެ. 

"އިޒްރޭލް" އުފަންވުމުގެ ކުރީގައި ބިންގަރާސް ހެދި

ތާރީހީ ފޮތްތަކުން އެނގޭ ގޮތުގައި މީލާދީން 332 ވަނަ އަހަރު ރޯމަން ރަސްގެފާނު އެލެގްޒެންޑަރު ފަލަސްތީނު ހިފި އެވެ. އެ ފަހަރު ފަލަސްތީން ހިފިއިރު ވެސް ބިމުއަޑީގެ ބިންގަރާސްތައް ހުރިކަމަށްވެ އެވެ. މީގެން އެނގެނީ މި ބިންގަރާސްތަކާއި މަގުތައް ހެދުމަކީ ފަލަސްތީނު އުފެދުނު ދުވަހުން ފެށިގެން ވެސް އެ ބިމުގެ ރަށްވެރިން ކުރި މަސައްކަތެއް ކަމެވެ. އެހެންވެ މި ތަންތަން ހަދާ ގޮތާއި ތަކެތި ހޯދާ ގޮތް ވެސް އިހަކަށްވުރެ އެ ބިމަށް އަރައިގަތް ބަޔަކަށް ނޭނގުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އިޒްރޭލުން ޖާސޫސުކޮށްގެން މީހުން މަރަން ކިތަންމެ މޮޅަށް މި މަސައްކަތުގެ އެމީހުން ތިބީ ފިސާރި ރަނގަޅަށް ފެއިލްވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަމާސްގެ ބިމު އަޑީގައި މިހާރު ހަދާފައިވާ ބިންގަރާސް ވިއުގައިގެ ދިގުމިން ގާޒާ އިން ފެށިގެން ރަފަހަ މިސްރު ބޯޑަށް ދެ އެވެ. ބުނެވޭ ގޮތުގައި މި ނެޓްވޯކްއެ އަށް ވުރެ ވެސް ދުރަށް ދަތުރުކޮށްފައި ހުރުން ގާތެވެ. މިހާރު މި ނެޓްވޯކްތައް ހަމާސް އިން ބިނާކޮށްފައިވަނީ ކާރުތަކާއި ހެވީ ހެވިކަލް ފަސޭހަކާއެކު ދަތުރުކުރެވޭނެ ތަނަވަސް މަގު ތަކެއް ހިމެނޭ ގޮތަށެވެ. 

ހަގީގަތް ނޭނގޭ ބިމުއަޑީގެ ގާޒާ

ސުވާލަކީ މި ވަރުގެ ވަރުގަދަ މަގު ތަކެއް ބިނާކުރަން ހަމާސް އިން ތަކެތި ހޯދަނި ކިހިނެއް ހެއްޔެވެ؟

އިޒްރޭލު ސިފައިންގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ޓަނަލް ހަަދަނީ ފަލަސްތީނުގެ އާއްމުންގެ ގެދޮރު ބިނާ ކުރުމާއި ހޮސްޕިޓަލް ހެދުންފަދަ ތަރައްގީގެ މަޝްރޫއުތަކަށް އަރަބި ގައުމުތަކުން ދޭ ތަކެތިންނެވެ. ސުވާލަކީ އެކަން އިޒްރޭލަށް އެނގޭއިރު ނުހުއްޓުވީ ކީއްވެގެން ހެއްޔެވެ؟ އެހެންވެ މި ސުވާލު އުފައްދާ ފަރާތްތަކުން މިއަށް ޖަވާބު ވެސް ވަނީ ހޯދާފަ އެވެ. 

ޖަވާބަކީ ހަގީގަތުގައި ތަކެތި ހޯދާ ގޮތާއި މި މަގުތައް ބިނާ ކުރާ ގޮތުގެ ކުޑަ މިންވަރެއް ނޫނީ އިޒްރޭލަކަށް ނޭނގެ އެވެ. ހިސޯރުގައި އޮންނަތާ އެތައް އަހަރެއްވެފައިވާ ގާޒާ ސިޓީގެ ބިން މަތީގެ ހުރިހާ ދޮރެއް ބަލަހައްޓަނީ އިޒްރޭލުންނެވެ. އެ މީހުން ބޭނުން އެއްޗެއް ނޫނީ ފަލަސްތީނަކަށް ނުވެއްދެ އެވެ. އެހެންވެ މި މަގުތައް ފަލަސްތީނުން ބޭނުން ކުރަނީ އަރަބި ގައުމަތަކުން ބިމު އަޑީން ތަކެތި އެތެރެކުރާށެވެ. މި ތަކެތީގެ ތެރޭގައި ހަތިޔާރާއި ކާނާ އަދި ތެލާއި ގޭސް ވެސް ހިމެނެ އެވެ. ބުނެވޭ ގޮތުގައި ހަމާސް ބިނާކޮށްފައިވާ ބިމު އަޑީގެ ޓަނަލްތަކުގައި އެންމެ ޓަނަލެއް ހަދަން 350 ޓްރަކުގެ އިމާރާތް ކުރާ ސާމާނު ބިމު އަޑީގައި ބޭނުން ކުރެ އެވެ. މީގެ ބިންގަރާހެއް ހެދުމުގެ އަގު އެއް މިލިއަން ޑޮލަރަށްވުރެ ބޮޑެވެ. މީގެ 300 އަށްވުރެ ގިނަ ޓަނަލް ފަލަސްތީނުގައި ހުރި ކަމަށް ބުނެވެ އެވެ. ޓަނަލްތަކުގެ ފުންމިން 70-30 މީޓަރު އަޑިއަށް ދަތުރު ކުރެ އެވެ. އެހެންވެ އެމެރިކާ އިން އުފައްދާ އިޒްރޭލަށް ދީފައިވާ ބަންކަ ބްލަސްޓާ ފަދަ ބާރުގަދަ ބޮން ތަކަށް ވެސް ގާޒާގެ ބިމުއަޑީގައި ބިނާކޮށްފައިވާ ބިމުއަޑީގެ ގާޒާއާ ހަމައަކަށް ނުފޯރަ އެވެ. 

ނަތީޖާ އަކަށް ވަނީ ގާޒާގެ ބޮޑުބައެއް ހިފިނަަވެސް އިޒްރޭލު ސިފައިންނަށް ކޭމްޕްތަކުގައި ހަމަ ނިދި ނުލިބުމެވެ. އެ މީހުން ތިބޭ ކޭންޕުތަކުގެ އަޑިން އަރައި ހަމަލާ ނުދޭނެކަމުގެ ޔަގީންކަމެއް ނެތުމެވެ. ފުނޑިފައިވާ އިމާރާތްތަކުގެ ދެގާތޭރެ އިން އަރައި ހަމާސް އިން އިޒްރޭލު ސިފައިންނަށް ބޮޑެތި ގެއްލުން ތަކެއް މިހާރުވެސް ދެމުން ގެންދެ އެވެ. މި ހަމަލާތައް ވެފައިވަނީ މިއަދު އިޒްރޭލު ސިފައިންނަށް ނަފްސާނީ ގޮތުން ވެސް އޮތް ބޮޑު ބިރުވެރި ކަމަށެވެ. އިޒްރޭލު ފައުޖު ތަކުން ހަނގުރާމަ ނުކުރަން ދެކޮޅު ހަދާ ސިފައިން އިތުރުވާ މައިގަނޑު އެއް ސަބަބަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.