ދީނަށް ލޯބިކުރާ، ފަތިހު ހޭލާ ގައުމެއް އަޅުގަނޑު ބޭނުން: ރައީސް

"ފަތިހު ހޭލާ ދިވެހި ގައުމެއް އަޅުގަނޑު ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުގުވެރިކަމާއެކު އުޅޭ ދިވެހި ގައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަނީ --

މި ރާއްޖެއަކީ ދީނަށް ލޯބިކުރާ، އިހުގައި ގެންގުޅުނު މާތް ސިފަތައް އަށަގެންފައިވާ ގައުމެއްގެ ގޮތުގައި ދެކެން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ އިހު ޒަމާނުގައި ދިވެހިން ގެންގުޅުނު ރީތި ސިފަތަކެވެ. ދީނަށް ލޯބި ކުރި މިންވަރާއި ގައުމިއްޔަތު ދެމެހެއްޓުމުގައި ކުރި މަސައްކަތެވެ.

"ކަމެއް ވީމަ ނޫންތޯ ދިވެހީންނަކީ މާތް ބައެއް ކަމަށް އިބްނު ބަތޫތާ ލިޔުއްވާފައި އެ އޮތީ؟ ކަމެއް ވީމާ ނޫންތޯ ދިވެހީންގެ ގަހަކުން ވެއްޓޭ މޭވާއެއް ވެސް އެ މީހުންގެ ހުއްދަ ނުހޯދައި ނުނެގުމަށް ބޭރުގެ ބައެއް ނިޔަމިން އެ މީހުންގެ އޮޑިފަހަރުގެ ފަޅުވެރީނަށް އަންގާފައި އެ އޮތީ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. މިކަމުގައި ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތަކުވެސް އިސްނަގައިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފަ އެވެ.

"ފަތިހު ހޭލާ ދިވެހި ގައުމެއް އަޅުގަނޑު ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުގުވެރިކަމާއެކު އުޅޭ ދިވެހި ގައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން،" ރައީސް ވިދާޅުވި އެވެ.

ޖަމާއަތުގައި ނަމާދު ކުރުމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން ކޮންމެ ދިވެއްސަކަށް އިހުސާސް ވުމަށާއި، މިސްކިތްތަކަށް އިހުގައި ކުރި އިހުތިރާމު އަލުން ގެންނަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގައުމެއްގައިނަމަ އެ ގައުމެއްގެ ކޮންމެ ފަރުދެއްގެ އަހުލާގު. ދިވެހި އައިޑެންޓިޓީގެ ވާހަކަ ދައްކާ އިރު، މިއީ މިއަދު އަޅުގަނޑު ވަރަށް ބާރުލާން ބޭނުންވާ ނުކުތާއެއް. އިސްލާމްދީން ބުނަނީ އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނާށޭ. ބުނާނެ ހެޔޮ ބަހެއް ދުލަށް ނާތުވެއްޖެނަމަ ހަނުހުންނާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމް ދީނެވެ. ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، އެގޮތުގެ މަތިން ގިނަ ކަންކަން ކުރައްވަމުން ގެންދަވާކަން ވެސް ފާހަގަކުރެއްވި އެވެ. އޭގެ އެއް މިސާލަކީ ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދުން ކަމަށް ވެސް ވިދާޅުވި އެވެ. ދައުލަތުގެ ހަރަދުގައި ފަގީރުން ހައްޖަށް ފޮނުވުމާއި، ކީތިރި ގުރުއާން ހިތުދަސް ހާފިޒުން މުޅި ރާއްޖޭގައި އިތުރުކުރުމުގެ ޕްރޮގްރާމް ފުޅާކޮށް އަދި ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ހިންގަން ފެށީވެސް އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.