ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 58

"ނޫން އެހެނެއް ނޫން މި ބުނީ.. ސުހާއަށް ބޭނުން ވަގުތަކު އަހަންނަށް ގުޅޭނެ.. އެކަމު ނުގުޅާ ހުރެފަ ކުއްލިއަކަށް ގުޅާލީމަ، އަހާލެވުނީ.. ދެން ކޮން ކަމަކާ ސޮރީ ތި ބުނީ؟"

- އެޕިސޯޑް 58 –

ދޭނެ ޖަވާބެއް ނޭނގިފައި ވަގުތުކޮޅަކު ސުހާއަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ސުހާގެ ހަތަރުކަޅި އަމާޒު ވެފައި ވަނީ ވާރިޝްގެ މޫނަށެވެ.

"އަޔާޒް ގާތަށް ދާށޭ؟" 

ވަގުތުކޮޅެއްގެ ހިމޭން ކަމަކަށް ފަހު، ސުހާ އަށް އަހާލެވުނެވެ. އެއީ ސުހާ އެހާ ކުރަން ބޭނުންވެފަ ހުރި ކަމެއްހެން އޭނާގެ މޫނު މަތިން ނުފެނެއެވެ.

"އާނ! އަޔާޒް ގާތަށް ދިޔުން އެއީ މި ވަގުތަށް ތި ކަމުގެ ހައްލު. އެހެން ނޫނީ މާ ލަސް ވެދާނެ. އަހަރެން ބުނީ ތީ ވެސް މިކަމާ އެއްބަސްވޭ. އަޔާޒަށް އެބަ ޖެހޭ އިޙްސާސްކޮށް ދޭން ސުހާގެ ބަނޑުގަ ތި އޮތީ އަޔާޒްގެ ދަރިއެއްކަން.." 

ވާރިޝްގެ ވާހަކަތަކާ މެދުގައި ސުހާއަށް ފުންކޮށް ވިސްނާލެވުނެވެ. ވާރިޝް އެ ދައްކަނީ ގޯސް ވާހަކައެއް ނޫންކަން ސުހާއަށް ފަހުމް ވިއެވެ.

"މައްސަލައެއް ނެތް! ވާރިޝް ތިބުނި ގޮތަށް އަހަރެން ހުރިހާ ކަމެއް ވެސް ކުރާނަން.." 

ވާރިޝްއަށް ބަލަން އިނދެފައި ސުހާ ބުނެލިއެވެ. ވާރިޝް ވަރަށް އުފާވެއްޖެއެވެ. ސުހާގެ ގައިގައި ވަަރަށް ލޯބިން ވާރިޝް ބައްދާލިއެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ސުހާ އަވަސްވެ ގަތީ އޭނާގެ ރޭވުން ކާމިޔާބު ކުރާށެވެ. އެގޮތުގެ މަތީން ދުވަސްތަކަކަށްފަހު، ސުހާ އިސްވެ އަޔާޒަށް ގުޅާލިއެވެ. ސުހާގެ ކޯލަށް ވަރަށް އަވަހަށް އަޔާޒް ޖަވާބު ދިނެވެ.

"ސުހާ! ކިހިނެއްވީ؟" 

ފޯނު ނެގި ގޮތަށް އަޔާޒް އަހައިލިއެވެ.

"އަހަރެންގެ ހަލާލު ފިރިމީހާއަށް ގުޅަން ވަކި ސަބަބެއް އޮންނާނެތަ؟ އަހަރެން ހަމަ ގުޅާލީ.. އައިމް ސޮރީ.." 

ސުހާ ވާހަކަ ދައްކަމުން ދިޔައީ މަޑުމައިތިރި ކަމާ އެކުގައެވެ.

"ނޫން އެހެނެއް ނޫން މި ބުނީ.. ސުހާއަށް ބޭނުން ވަގުތަކު އަހަންނަށް ގުޅޭނެ.. އެކަމު ނުގުޅާ ހުރެފަ ކުއްލިއަކަށް ގުޅާލީމަ، އަހާލެވުނީ.. ދެން ކޮން ކަމަކާ ސޮރީ ތި ބުނީ؟" 

އަޔާޒް ވާހަކަ ދައްކަމުން ދިޔައީ ހަމަޖެހިގެން ހުރެއެވެ.

"އަހަރެންނަށް އަޔާޒްއާ މެދުގަ ކަންތައް ކުރެވޭ ގޮތުން.. ދެމަފިރިން ކަމަކު، އެ ގުޅުމެއް ނެތީމަ.. އަހަންނަށް އެނގޭ މީ ރަނގަޅު ގޮތެއް ނޫންކަން ވެސް.. އަހަރެން ބޭނުން އަޔާޒްއާ އެކުގަ އުޅެން، އަޔާޒްގެ ގާތުގަ.. އަހަރެންގެ ޙަޔާތުން އުފާވެރި ކަމެއް އަހަރެން ބޭނުން.. މި ޚިޔާލުތަކާ ފިކުރުތަކުން ދުރަށް ދާން ބޭނުން.." 

ހިތްމަތީގައި އަތް އަޅައިގެން ހުރެ ސުހާ ބުނެލަން ބޭނުންވާ ވާހަކަތައް ފަސޭހަ ކަމާއެކުގައި ސުހާ ބުނެލިއެވެ. އަޔާޒްގެ ފަރާތުން ލިބިދާނެ ޖަވާބަކާ މެދުގައި ކޮންމެވެސް ވަރެއްގެ ހާސް ކަމެއް ސުހާގެ އެބަ އޮތެވެ.

"ސުހާ ގާތުގަ އަހަންނާ އެކުގަ އަންނަން ބުނީ ވެސް، ދެމީހުންނަށް ދެމީހުންގެ އެހީތެރިކަން ބޭނުން ވާނެ ކަމަށް އަހަންނަށް ޤަބޫލު ކުރެވޭތީ.. އެކަމު، އެކަމަށް އެއްބަސް ނުވީ ސުހާ އެއްނު! އަހަރެން އެއްވެސް ކަމެއް ފޯސް ކޮށްގެން، ނުވަތަ ގަދަ ބާރުން ކުރަން ބޭނުމެއް ނުވޭ.. ސުހާގެ ނިންމުމަށް އަހަރެން އިހްތިރާމް ކުރީ.. އެހެންވެ އެކަމާ ފަހުން އަޅާނުލީ ވެސް.." 

ސުހާގެ ފަރާތުން އިވިގެން ދިޔަ ވާހަކަތަކުން އަޔާޒަށް ހައިރާންކަން ލިބިގެން ދިޔަސް، އެކަން އަޔާޒް އޭނާގެ އަޑުންނާއި ވާހަކަތަކުން ސުހާއަކަށް ނުދައްކައެވެ.

"އަހަރެން ބޭނުން އަޔާޒް ގާތަށް ދާން.. އަހަރެން ގެންދަން ވީނު.." 

ސުހާ އެހެން ބުނުމާ އެކުގައި، އަޔާޒްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ކުއްލިއަކަށް މި ހުރިހާ ކަމެއް ހިނގައިގެން ދާނީ ކޮންމެވެސް ކަމެއް ވީމަކަން އަޔާޒަށް ޔަޤީން ކުރެވުނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އަޔާޒް އެއްވެސް އެއްޗެއް ސުހާގެ ގާތުގައި އަހަން ބޭނުން ނުވީއެވެ. އަމިއްލަ އަށް ހުރިހާ ކަމެއް ހޯދަން އަޔާޒް ބޭނުން ވީއެވެ.

"އޯކޭ.. އަވަހަށް އާދޭ! ޓިކެޓް ކަންތައް އޯކޭ ކުރަންވީ ދޯ؟" 

އަޔާޒް އެހެން އަހާލުމާ އެކުގައި ވަރަށް އަވަސްކޮށް "އާނ އާނ" ސުހާ ބުނެލިއެވެ. ހީވީ އަވަސް އަރައިގެން އުޅުންހެންނެވެ. ފޯނު ބޭއްވުމަށްފަހު، ސުހާގެ ފަރާތުން މި ފެނުން އާދަޔާ ޚިލާފު ކަންތައްތަކާ މެދުގައި އަޔާޒަށް ވިސްނެން ފެށުނެވެ. އެކަމާ ފިކުރު ކުރެވެން ފެށުނެވެ.

"ކީއްވެބާ ކުއްލިއަކަށް ސުހާއަށް މިވަރުގެ ބަދަލެއް މި އައީ؟ އަހަރެން އިގްނޯރ ކޮށްފަ މި ހުރިހާ ދުވަހު އުޅުނީ.. ކައިވެނި ކުރި ރޭގަ ދެ މީހުން ވެސް، ދެ މީހުންގެ މާޒީން އަރައިގަންނަން އެހީތެރިވުމަށް ނިންމިން.. އެކަމު، ސުހާ އެއްކޮށް ބަދަލު ވެގެން ދިޔައީ.. ސުހާ ކަމެއް ސިއްރު ކުރަން އުޅޭ ކަހަލަ އިޙްސާސެއް މާލެއިން މިކޮޅަށް އަންނަން އުޅުން އިރު ވެސް ފާހަގަ ކުރެވުން.. އަބަދުވެސް ކަމަކާ ވިސްނާހެން ހީވޭ! ކަމެއް ސިއްރު ކުރަން އުޅޭހެން ހީވޭ! ދެން މިކޮޅަށް އަހަންނާ އެކު އަންނަން ބުނީމަ، އެކަމާ އެއްބަސް ނުވުން އަދިވެސް އަހަންނަށް ގެޓެއް ނުވޭ.. މާޒީން އަރައިގަންނަން ބޭނުންވެފަ، އެކަމަށް އިންތިޙާއަށް އެދޭ މީހަކު ކީއްވެ މަޑު ކުރަންވީ؟ އަނެއްކާ މިކޮޅަށް އައި ފަހުން ސުހާ ވަރަށް ދުރުވެއްޖެ އަހަންނާ.. އެކަމު މިއަދު ކުއްލިއަކަށް މިކޮޅަށް އަންނަ ހިތުން.. މިވަނީ ކިހިނެއްބާ؟" 

އެނދުގައި އޮށޯ ވެލަމުން އަޔާޒް އޭނާގެ އަތް ބާއްވާލީ ނިތްކުރި މަތީގައެވެ.

***

ހަފްތާ އެއް ފަހެވެ. މިއަދަކީ ޝަރާ ހޮސްޕިޓަލުން ދޫކޮށްލަން ހަމަޖެހިފައިވާ ދުވަހެވެ. ދާއިން އާއި ލީޒާ ވެސް ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލުން ޝަރާ ދޫކޮށްލާތީ އެކަމުގެ ތައްޔާރީތައް ވުމަށެވެ.

ހޮސްޕިޓަލްގެ ހުރިހާ ލިޔުން ތަކެއްގައި ސޮއިކޮށް، ޕޭމެންޓުގެ ހުރިހާ ކަމެއް ނިންމާލީ ދާއިންއެވެ. ދާއިންގެ އެހީތެރި ކަމާއި ދާއިންގެ ހެޔޮ ކަމުން ލީޒާ ވެސް ހުންނަނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދާއިން ނެތް ނަމަ، މިހުރިހާ ވަގުތަކާ، މި ހުރިހާ ކަމަކާ ލީޒާ އެކަނި ހަވާލު ވެގެން އުޅޭނެ ގޮތް ލީޒާ އަށް ޚިޔާލަށް ގެންނަން ވެސް ދައްޗެވެ. ދާއިން އެ ވަނީ ޙަޤީޤީ ލޯތްބެވެ. އެކަމާ ލީޒާގެ ހިތުގެ އެއްވެސް ޝައްކެތް ނެތެވެ.

ހޮސްޕިޓަލްގެ ބޭރުގައި ހުރި ކޮފީ ބާރއެއްގައި ދާއިން އިނީ ކޮފީ އަކަށް އިންސާފު ކުރަމުން ފޯނުން އޭނާގެ ރަޙުމަތްތެރިއަކާ ގުޅައިގެން ވާހަކަދައްކާށެވެ. ދާއިން އިން ޓޭބަލްއާ ވަރަށް ގާތުގައި ހުރި ޓޭބަލްގައި އިނީ އަޔާޒް އެވެ. އެކަން އެއްވެސް ވަރަކަށް ދާއިން އަކަށް ނޭނގެއެވެ. ދާއިން ފޯނުން ވާހަކަދައްކަމުން ދިޔައީ ދިވެހި ބަހުންނެވެ. މީހަކު ދިވެހިން ވާހަކަދައްކާ އަޑު އިވޭތީ އަޔާޒް ވެސް ބަލައިލީ އަޑު އަންނަން ޓޭބަލަށެވެ.

ދާއިން ފެނުމާ އެކުގައި އަޔާޒަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ ދިވެއްސެއްކަން ކުރިން ނޭނގި އިނގެރޭސި ބަހުން ވާހަކަދެއްކިފައި ވާތީއެވެ.

އަޔާޒް ކޮޅަށް ތެދުވިއެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް ދާއިންގެ ކުރިމަތީގައި ހުއްޓުނެވެ. އޭރު ކޯލް ނިމިގެން ދާއިން އޭނާގެ ފޯނު މޭޒް މަތީގައި ބާއްވަނީއެވެ.

"ހޭ! ދިވެއްސެއް ދޯ؟ ނުވެސް އެނގުން ކުރިއަކުން." އަޔާޒް ހީނލަމުން އިށީންނީ ދާއިންގެ ގާތުގައެވެ.

"ތީ ވެސް ދިވެއްސެއް ދޯ؟ އާނ! ނޭނގޭނެއްނު!" ދާއިން ނޭނގޭކަމު ހަދާލާފައި ބުނެލިއެވެ.

"ވައިފް އަދި ގާތުގަ އެވަގުތު ހުރީ ވެސް ދިވެއްސެއް ތަ؟" އަޔާޒް އަހައިލިއެވެ.

"ވައިފް؟" ދާއިން ބަލައިލީ އަޔާޒަށެވެ.

"ވައިފް އެއް ނޫންތަ ވިހަން ވެއްދީ؟" އަޔާޒް ހައިރާން ވިއެވެ.

"ނޫން ނޫން! ވިހަން ވައްދާފަ އޭރު އޮތީ ވައިފް.. ގާތުގަ ހުރީއޭ ބުނީމަ އޮޅުނީ.. އާނ އެންމެން އެއީ ދިވެހީން.." ދާއިން ހަޤީޤަތް އޮޅުވާލިއެވެ.

"ކިހިނެއް ވަނީ ވައިފް؟ ބޭބީ ކިހިނެއް؟" އަޔާޒް އަހައިލިއެވެ.

"ވައިފް ވެސް، ބޭބީ ވެސް ރަނގަޅު.. ފިިރިހެން ކުއްޖެއް.." 

ދާއިން އެހެން ބުނުމާ އެކުގައި އަޔާޒް ހިނިތުން ވެލިއެވެ. ނަމަވެސް އަޔާޒްގެ ހިނިތުންވުމުގައި ފޮރުވިފައިވާ ހިތާމައެއް ކަހަލަ ކަމެއް ދާއިންއަށް ފާހަގަ ވިއެވެ. ނަމަވެސް އެކަމާ ދާއިން އަޅައެއް ނުލައެވެ.

"ބްރޯގެ ނުހުރޭތަ ކިޑް އެއްތަ؟ ވައިފް އެއް ވެސް؟" 

ދާއިން އޭނާގެ ދެ އަތް މޭޒްމަތީގައި ބާއްވާލަމުން ހަމަޖެހިލާފައި އަހާލިއެވެ. ދާއިންގެ ސުވާލާ އެކުގައި އަޔާޒް ކުޑަ ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ.

"ވައިފް އެއް ހުރޭ! އިއްޔަ ވައިފް މިކޮޅަށް އަތުވެއްޖެ.. ކިޑް އެއް ވެސް ހުރެދާނެ!" އަޔާޒް ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ.

"ތި ބުނީ؟ ހުރެދާނެ އޭ؟ އޭގެ މާނަ އަކީ؟" ހުރިހާ ކަމެއް އެނގޭ ޙާލުގައި ދާއިން އަހާލިއެވެ.

"އެއީ ވަރަށް ބޮޑެތި، ދިގު ވާހަކަތައް.. މާޒީ.. އަހަރެންގެ މާޒީ އަކީ ވަރަށް ހިތްދަތި މާޒީއެއް.. މައި އެކްސް ވައިފް ޗީޓެޑް އޮން މީ.. އެހެންވެ އެހެން މެރިއޭޖް އެއްގަ މި އުޅެނީ.. އެކަމު ބްރޯ.. އެންމެ ސިކުންތެއް ވެސް ނުދޭ، އެ ޚިޔާލުތަކާ، އެ ފިކުރުތަކުން ދުރަށް ދެވޭނެ.. އަދިވެސް ވަރަށް ވަރަށް ލޯބިވޭ.. ހިތަށް އަރާ އެއީ ދޮގަކަށް ވާނެ ނަމައޭ.. އެކަމު، އޭނާ އެއްބަސް ވީމަ ދެން ޖެހޭނީ ޤަބޫލު ކުރަންތާ ދޯ؟ އަހަންނަށް ނޭނގެ ބްރޯ ގާތު މި ވާހަކަ ކިޔުނީ ކީއްވެ ކަމެއް ވެސް.. މިހާ ފަސޭހައިން.. އަސްލު ވަރަށް ދުވަސް ވެއްޖެ ދުލު ކުރީގަ މި އިޙްސާސްތައް ބައްދުވެފަ ހުންނަތާ! ބްރޯ އަނެއްކާ މީހެއް ގާތުގަ ނުބުނާތީ!" އަޔާޒް ބަލަން އިނީ ދާއިންގެ މޫނަށެވެ.

ދާއިން ބޯޖަހައިލީ "އާނ" އެކޭ ބުނާ ފަދަ ބީދައަކުންނެވެ. ދާއިން ދިޔައީ ކަޅި ޖަހާ ނުލާ އަޔާޒަށް ބަލަމުންނެވެ. އެ މޫނުމަތިން، އެ ދެލޮލުން ޝައްކެތް ނެތް މިންވަރަށް އަޔާޒް ޝަރާ ދެކެވާ ލޯބި ދާއިންއަށް ފެނުނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.