ގައުމިއްޔަތަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ޝައިހު ސަލާހުއްދީނުގެ ހަނދާނަށް

‎ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝައިހު ހުސައިން ސަލާހުއްދީންގެ ހަނދާނަށް ޝަރަފުގެ އައްޑަނަ އަރުއްވަނީ

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން ސަލާހުއްދީންގެ ހަނދާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއުއްޒު އަރުއްވައިފި އެވެ. 

ޝައިހު އަލްމަރްހޫމް ހުސައިން ސަލާހުއްދީންހެ ހަނދާނަށް މި ޝަރަފު އެރުއްވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ހުސައިން ސަލާހުއްދީންގެ ހަނދާނަށް އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ގައުމިއްޔަތުގެ އެންމެ އިސް ބަހާތައް ކަމަށްވާ، ދިވެހީންގެ ދީނާއި، ދިވެހިބަހާއި، ތަރިކައާއި، ސަގާފަތާއި، މި ދެންނެވި ރޮނގުތަކުން ދިވެހީންގެ ވިސްނުމާއި ފިކުރީ ތަރައްގީއަށް މަގުފަހިކޮށްދެއްވައި، އިލްމުގެ ނޫރު ފެތުރުއްވުމަށް ކުރައްވައިފައިވާ ގައުމީ ހިދުމަތަށްޓަކަ އެވެ. 

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފުގެ ގޮތުގައި ރައީސް ދެއްވެވީ ޝަރަފުގެ އައްޑަނައެކެވެ.

‎ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ، ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ މަތިވެރި ޝަރަފެވެ. 

ޝައިހު ސަލާހުއްދީނަކީ ރާއްޖޭގެ ފުރަތަމަ މަދުރަސާ ކަމަށްވާ މަދުރަސަތުއް ސަނިއްޔާ ފަހުން މަޖީދިއްޔާގެ މުއައްސިސެވެ. ޅެންވެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާއިން ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ސަލާހުއްދީނަކީ ރާއްޖޭގައި ދީނުގެ އިލްމު ފެތުރުއްވުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެއްވި ބޭފުޅެކެވެ.

ސަލާހުއްދީނުގެ ލިޔުންތަކާއި ޅެންތަކަކީ ދިވެހި ބަހާއި އަދަބިއްޔާތު އުނގަންނައިދިނުމުގައި މިހާރުވެސް ބޭނުންކުރާ މަސްދަރުތަކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ އަދި އިސްލާހީ މަސައްކަތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

އެމަނިކުފާނުވަނީ ރާއްޖޭގެ އުއްތަމަފަނޑިޔާރުކަން ފަދަ މުހިއްމު އެތައް މަގާމެއް އަދާކުރައްވައި އެ ޒަމާނާ އެކަށޭނެ ގިނަ ބަދަލުތަކެއް ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނެވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ގައުމީ ދުވަހުގެ ޖަލްސާގައި ގައުމިއްޔަތަަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފުގެ އިތުރަށް، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވާނެ އެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށް އަރުވާނެ އެވެ.

އޭގެ ތެރެއިން ޝައިހު ސަލާހުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތަށް އަޑުއަޅުއްވައިދެއްވި ހ.ހާޖަރާގޭ މަރުހޫމު މުހައްމަދު ތައުފީގު ހިމެނިވަޑައިގަންނަވަ އެވެ. އެއީ ސިޔަރަތު ގެނެސްދެއްވި ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮތް ޝައުގުވެރިކަން އިތުރުކުރެއްވުމަށް އޭނާ ކުރެއްވި ގައުމީ ހިދުމަތް ފާހަގަކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.