އަތުހަރުގެ މަރު: އެމްޑީޕީން ބުނީ އިހުސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށް

"އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް މި ޕާޓީގެ ފަރާތުން މުއައްސަސާތަކަށް ގޮވާލަން،"

އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުން -- ފައްޔާޒާއި ޝާހިދު ނޫސްވެރީންނާއި ބައްދަލު ކުރައްވަނީ

ގާނޫނަށް ބެލުމެއް ނެތި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް އިިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ބުނެފި އެވެ.

އެޕާޓީން މިހެން ބުނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި އަމަލުކޮށްފައިވާ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށް މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުދާ ދެނިކޮށް އިއްޔެގެ ވަގުތެއްގައި މަރުވި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތް ފާހަގަ ކުރާ ކަމަށާ ނަމަވެސް، އެ ހާލަތުގައި ފުލުހުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތެއްގައި އަމަލުކުރުމަށް ފުލުހުންގެ ތެރޭގައި ކަނޑައަޅާފައިވާ ހަމަތަކާ ހިލާފަށް ކަމުގެ ސުވާލު އުފެދިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ފުލުހުންގެ ތެރޭގައި މިފަދަ ކަންކަން ތަހުގީގުކުރުމަށް އެކުލަވާލާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަން ތަހުގީގު ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ކަމަށާ އެއީ ފުލުހުންގެ ޕްރޮފެޝަނަލިޒަމަށް އަސަރުކުރާ ކަމެއް ކަމަށެވެ.

"އެއީ ގާނޫނީ އިމުގެ ބޭރުން މަސައްކަތް ކުރުމަށް ފުލުހުންނަށް ދެވޭ ހިތްވަރެއް ކަމުގައި މި ޕާޓީން ދެކެން،"

ބާރުގެ ބޭނުންކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު ޖިސްމާނީ އަނިޔާއަށް ފަރުވާ ފުރިހަމަވުމުގެ ކުރިން އޭނާ އަލުން އަނބުރާ ފުލުހުންގެ ބަންދަށް ގެންގޮސް ދޫނިދޫގައި ބަންދުކުރީ ހަދަން ޖެހޭ އެސެސްމަންޓުތައް ފުރިހަމަކޮށްފައިތޯ ތަހުގީގުން ކަށަވަރު ކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.

މި ހާދިސާއާ ގުޅިގެން މިހާތަނަށް ނޫސްވެރިންނާ ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ފެށި ހިސާބުން އޭނާއާ ހަމައަށް ފުލުހުންނަށް ދެވިފައިވަނީ 28 މިނެޓުން ކަމަށާ ފުލުހުންގެ ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ފުލުހުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު އަތުހަރު ފަދަ ބޮޑު އަނިޔާއެއް ލިބިފައި ހުރި މީހަކު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް އެ މައުލޫމާތުތަކަށް ބަލައި އެ ޕާޓީން ގަބޫލު ކުރާ ކަމަށް ވެސް ބުންޏެވެ.

"އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް އަތުހަރު ގެނައުމަށް ފަހު ވެސް އޭނާގެ އާއިލާއަށް ދޭން ޖެހޭ އެންމެ ފުރިހަމަ މައުލޫމާތު ދީފައި ނުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވޭ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިފަދަ ބޮޑު ކަމެއް ހިނގައިދިޔުމުން ބަންދުގައި ހުރި މީހާއާ ގުޅޭ މައުލޫމާތު އާއިލާއާ ހިއްސާކުރަން ޖެހޭނެ ކަމަށް މި ޕާޓީން ގަބޫލު ކުރަން،" ހުކުމެއްގައި ހުއްޓާ އެމްޑީޕީ ސަރުކާރުން މާފުކޮށް ދޫކޮށްލި އަތްހަރުގެ މަރާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް. ުނީ މި ހާދިސާގެ މައުލޫމާތު ހިއްސާކުރަން ޖެހޭނީ ފުލުހުންގެ ހިދުމަތުން ކަމަށްވާއިރު މިކަމުގައި މިހާތަނަށް ވެސް އެ އިދާރާއިން ކަންވީ ގޮތް ހިއްސާކޮށްފައި ނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަސެވެ. ފުލުހުންގެ ހިދުމަތުގެ ބަދަލުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު މި ހާދިސާގެ މައުލޫމާތު ހިއްސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފުލުހުން ގާނޫނު މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ކަމެއް ކަމަށާ މި މައްސަލައިގެ ކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ނޫސްވެރިންގެ ބައްދަލުވުމެއް ވީ އެންމެ އަވަހަށް ބޭއްވުމަށް ގޮވާލާ ކަމަށް ބުންޏެވެ.

އަދި ފުލުހުންގެ ގާނޫނުގައި އެ ހިދުމަތް ހިންގާނެ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާއިރު އެ ގާނޫނަށް ބެލުމެއް ނެތި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށް ބަޔާނުގައިވެ އެވެ. ފުލުހުންގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އަމަލު ކުރުމަކީ ގާނޫނަށްވުރެ މަތީގައި ފުލުހުން ހަރަކާތްތެރިވުމުގެ ސަގާފަތެއް އިއާދަކުރެވުމުގެ ފުރުސަތު ފަހިވާ ކަމެއް ކަމަށާ މިގޮތަށް އަމަލުކުރުމުގެ ބަދަލުގައި ފުލުހުންގެ ހިދުމަތް އިތުރަށް ޒަމާނީ އަދި ޕްރޮފެޝަނަލް ފުލުހުންގެ ހިދުމަތެއް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އަތުހަރު މަރުވުމުގައި އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީގެ ފަރާތުން ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަން. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް މި ޕާޓީން ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

1
450
އަހުމަދު އަލީ
1 month ago

ފުރަތަމަ ބުނީ ފުލުހުން އަނިޔާ ކުރީއޭ.، ނޫސްވެރުން ގޮސް ވީޑިއޯ ދެއްކީމަ ބުނީ އިހުމާލޭ. ރަހީނު ސަލާމަތް ކުރީ ޕްރޮފެޝަލް ކޮށެއް ނޫނޭ. ބަލަ އެމެރިކާ ފުލުހުން ސަލާމަތް ކުރާހެން ޕްރޮފެޝަނަލްކޮށް ސަލާމަތް ކުރިނަމަ ފުލުހަކަށް އަނިޔާއެއް ނުވީސް. ފުލުހެއްގެ އަތް ބުރިއެއް ނުވީސް. އެކަމަކު އޭރުން ހޮސްޓެޖު ކުރި މީހާއަށް އިތުރަށް ދޭނެ ފަރުވާއެއް ނޯންނާނެ. ބޮލަށް ޖަހަން ޖެހޭނީ ބަޑި

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.